ހަފީފު އާއި އެމްޔޫ މަނިކް ވިދާޅުވީ ޓޫރިޒަމްގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާ އެކަންކަން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޓޫރިޒަމަށް ބައި ގަރުނު ވެގެންދާއިރު ރާއްޖޭގެ ޓޫރިޒަމް މިއޮތީ މޮޅުވެފައި ކަމަށް ބުނެ އެ ވާހަކަ ތާއަބަދު ދެއްކުމުގެ ބަދަލުގައި ޓޫރިޒަމްގެ ކުރިމަގާމެދު ވާހަކަ ދައްކަން ޖެހިފައިވާ ކަމަށް ޓޫރިޒަމް އުފެއްދި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ސޯސަލް ސެންޓަރުގައި ރޭ ބޭއްވި ހަފުލާއެއްގައި ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ވިދާޅުވީ ދިވެހި ޓޫރިޒަމް ސިނާއަތް މި ހިސާބަށް އައީ ގިނަ ބައެއްގެ މަސައްކަތުން ކަމަށާ މި ބުރަ މަސައްކަތް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި މިހާރު ޓޫރިޒަމް މި އޮތީ ކާމިޔާބުވެފައި ކަމަށް ގަބޫލުކޮށް ތިބުމުގެ ބަދަލުގައި ޓޫރިޒަމް ފުޅާ ކުރަން ވިސްނަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހިސާބަށް އައިސްފައި ވަނީ އުސް ގަނޑުތަކާއި އަޑިގަނޑުތަކަށްފަހު، އެއްވެސް މީހަކު މާޔޫސް ނުވެ މަސައްކަތް ކޮށްގެން،" މަނިކް ވިދާޅުވި އެވެ.
މަޓީގެ ވައިސް ޗެއާމަން އަދި ޓޫރިޒަމްގެ އެއް ބާނީ ހުސައިން އަފީފް ވިދާޅުވީ ދިވެހި ޓޫރިޒަމްގެ މިހާރުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި މުސްތަގުބަލުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އަފީފް ވިދާޅުވީ ކޮވިޑުގެ ތެރޭގައި ސަރުކާރާއި އެމްއެމްޕީއާރްސީން ކުރި ހިތްވަރެވެ. އޭނާ ވިދާޅުވި އެފަދަ ހިތްވަރެއް ލާން ޖެހިފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި އިވެންޓުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ރިސޯޓްތައް ހޮވައި އެ ފަރާތްތަކަށް އެވޯޑު ވެސް ދީފައިވެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ބެސްޓް ރިސޯޓް އެވޯޑް ލިބުނީ ޖޯލި މުރަވަންދޫ އަށެވެ.