އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ދީންތަކުގެ އަޅުކަން ރާއްޖޭގައި ކުރަން އުޅޭ އުޅުމާއި މިފަދަ ދީނީ އެހެން އަރައިރުންތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ގޯސްފަ އެވެ. މިފަދަ ދީނާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ފިޔަވަޅު އެޅުމާއި މައުލޫމާތު ދިނުން ލަސްކޮށް ތަފާތު ކުރާ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮވެ އެވެ.
މެދު އަތޮޅުގެ ތެރެއިން ފ. އަތޮޅު ބިލެތްދޫގައި ބާތިލު "ހިންދޫ ދީނަ" ށް ނިސްބަތް ވެގެން އުޅޭ ބިދޭސީންތަކެއް ފާޅުގައި އެ މީހުންގެ އަގީދާ ކުރިޔަށް ނެރެ، އެ މީހުން ކަލާނގެ ކަމަށް ބަލައިގެން އުޅޭ ތަކެއްޗަށް ބުރާސްފަތި ދުވަހު އަޅުކަންކޮށް ރަށުތެރޭގައި ހިންގި މައްސަލައެއްގައި ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެ މީހުން އުޅޭ ތަންތަން ބަލައި ފާސް ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން އެ ރަށުގެ ތެރޭގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި ވެއެވެ. އަދި އެ ރަށުގެ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ނުކުމެ ހަރަކާތެއް އިއުލާންކޮށްފަ އެވެ.
ބިއްލެއްދޫގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމަށް ވެއެވެ. ބިދޭސީންނާއެކު އެ ރަށުގެ އާބާދީ 1،500 އާ ކައިރި ކުރެ އެވެ.
އެ ރަށުގައި ބިދޭސީންތަކެއް ނުކުމެ ފާޅުގައި ބާތިލު "ހިންދޫ ދީނަ" ށް އަޅުކަން ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މިހާރު ދައުރު ވަމުން ދެއެވެ. އަދި މި މައްސަލާއާ ގުޅިގެން ރުޅި ގަދަވެފައިވާ މީހުން ތަނެއް ނުކުމެ ބިދޭސީ އެ މީހުން އުޅޭން ތަންތަން ބަލައި ފާސް ކުރާ ވީޑިއޯ ބުރިތަކެއް ވެސް ދައުރުވެ އެވެ. ދައުރުވާ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއެއްގައި ތިން ފިރިހެނަކު ބުދެއް ހިފައިގެން ދާތީ ފެނެ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ އެ ރަށުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތުތަކެއް ފުލުހަށް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށާއި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ދީންތަކުގެ އަޅުކަމާ ގުޅޭ ކަންޖަން ރާއްޖޭގައި ކުރަން އުޅޭ އުޅުމާއި އެފަދަ ސަގަފާތްތައް ރާއްޖޭގައި "ނޯމަލައިޒް" ކުރުމާއި މިފަދަ ކަންކަމާ ގުޅޭ ދީނީ އަރައިރުންތައް ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާރު ރާއްޖޭގައި ބޮޑުވެފައިވާ ލިވާތު -- ފިރިހެނުން ފިރިހެނުންނާ ޖިންސީ ގުޅުން ހިންގުމާއި، ޝިހާގު، އަންހެނުން އަންހެނުންނާ ގުޅުން ހިންގުމުގެ އަމަލާއި އޮރިޔާން ކާޑު އުފައްދާ މީހުންގެ އަމަލުތަކަކީ ނުރައްކާތެރި ބޮޑު ކުށެއް ނޫން ކަމަށް ބުނެ އެފަދަ މީހުން ދަނީ ނިޒާމްތެރެއިން ވީއްލައި ދެމުންނެވެ. ރާއްޖޭގައި އެ އަރައިރުންތައް މިހާރު ބޮޑެވެ.
ސައްތައިން ސައްތަ މުސްލިމް ރާއްޖޭގައި މިފަދަ ދީނާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ފިޔަވަޅު އެޅުމާއި މައުލޫމާތު ދިނުން ލަސްކޮށް ތަފާތު ކުރާ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮވެ އެވެ. ނަމަވެސް ސަރުކާރާއި ފުލުހުން އެކަންކަން ދޮގު ކުރެ އެވެ.