އަފްޣާނިސްތާނަކީ ގިނައިން ބިންހެލުން އަންނަ ގައުމެކެވެ. .މިދިޔަ އަހަރުގެ ޖޫން މަހު ޕަކްޓިކާ ޕްރޮވިންސަށް 5.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް 1،000 އަށް ވުރެ ގިނަ މީހުން މަރުވެ، ދިހަހާސް މީހުން ގެދޮރު ގެއްލުނެވެ.
އީރާނުގެ ބޯޑަރު ކައިރިން ހުޅަނގު އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކު މަރުވެ، އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މި ބިންހެލުން އައީ 6.3 މެގްނެޓިއުޑްގެ ބާރު މިނުގަ އެވެ. ބިންހެލުން އައިސްފައި ވަނީ ހުޅަނގު ސިޓީ ހެރަތު އާއި ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުންނެވެ. ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކަށް ހަލާކުވެ، ވެއްޓުނު ބައިތަކުގެ ދަށުގައި މީހުން ތާށިވެފައި ވެއެވެ. އަދި ބިންހެލުމަށް ފަހު ތިން ފަހަރު ބާރުގަދަ އަފްޓާޝޮކް އައިސްފައި ވެއެވެ.
"އަހަރެމެން އޮފީސްތަކުގައި ތިއްބާ ކުއްލިއަކަށް އިމާރާތް ތެޅެން ފެށީ. ފާރުތައް ވެއްޓެން ފެށީ ފާރުތަކުގައި ރެނދުލައި، ބައެއް ފާރުތަކާއި އިމާރާތުގެ ބައެއް ތަންތަން ވެއްޓިގެން ދިޔައީ." ހެރަތުގެ ރައްޔިތެއް ކަމަށްވާ ބަޝީރު އަހުމަދު އޭއެފްޕީއަށް ބުންޏެވެ. "އަހަރެންގެ އާއިލާއާ ގުޅޭނެ ގޮތެއް ނުވޭ، ނެޓްވޯކް ކަނެކްޝަންތައް ވަނީ ކަނޑާލާފައި."
މަރުވި މީހުންގެ އަދަދާއި ގުޅޭ ގޮތުން ފުށުއަރާ ރިޕޯޓްތައް އައިސްފައި ވެއެވެ.
ހެރަތު ޕްރޮވިންޝަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަދުވެގެން 255 މީހުން މަރުވެ 500 އާ ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މަރުވެފައިވާ މީހުންނާއި ޒަޚަމްވި މީހުންގެ އަދަދަކީ ފައިނަލް އަދަދެއް ނޫން ކަމަށާއި އެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށެވެ.
މީގެ ކުރިން ހޮނިހިރު ދުވަހު ޑިޒާސްޓާ މެނޭޖްމަންޓް ޗީފް މޯސާ އަޝާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާތަނަށް ޒަހަމްވި 1،000 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅި ރައްޔިތުން އަޅުގަނޑުމެންގެ ރެކޯޑްތަކުގައި ހިމަނާފައިވާ ކަމަށާއި ގާތްގަނޑަކަށް 120 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.
އީރާން ބޯޑަރުގެ އިރުމަތީގައި 120 ކިލޯމީޓަރު ދުރުގައި އޮންނަ ހެރާތުގައި 1.9 މިލިއަން މީހުން ދިރިއުޅެމުންދެ އެވެ.
އަފްޣާނިސްތާނަކީ ގިނައިން ބިންހެލުން އަންނަ ގައުމެކެވެ. .މިދިޔަ އަހަރުގެ ޖޫން މަހު ޕަކްޓިކާ ޕްރޮވިންސަށް 5.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް 1،000 އަށް ވުރެ ގިނަ މީހުން މަރުވެ، ދިހަހާސް މީހުން ގެދޮރު ގެއްލުނެވެ.