ޔާމީންގެ 15 މިނެޓްގެ ތަގުރީރެއް: ޝުކުރާ ޝަކުވާ އަދި އިލްތިމާސް

ހ. ދޫވެހީގައި ހުންނަވާ 15 މިނެޓްގެ ވަަރުގަދަ ތަގުރީރެއް ވަނީ ދެއްވާފައެވެ. މިއީ ޖަލު ބަންދަށް ވަޑައިގެންނެވި ފަހުން މިވީ މުއްދަތުގެ ތެރޭގައި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު މިފަދަ ގޮތަކަށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ރޭ ވާހަކަ ދައްކަވަނީ: ހުއްޓާ ނުލައްވާ 15 މިނެޓް ވާހަކަފުޅު ދެއްކެވި
  •  އެންމެ އުފާވީ ސަރުކާރު ބަދަލުވުމުން
  •  މިނިވަން ކުރުމުގެ މަސައްކަތުގައި ލީޑަރުން ނުފެންނާތީ ޝަކުވާ
  •  އިންތިހާބީ ހައްގު ނިގުޅައިގަތް ކަމަށް ވިދާޅުވި
  •  ޖަލަށް ދާން ޖެހިދާނެ ކަމަށް ބިރު ނުގަންނޭ

ގޭ ބަންދުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ހާއްސަ ފަރިވަޅެއް ރޭ އަރުވާފަ އެވެ. ފަރިވަޅާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހީގައި ހުންނަވާ 15 މިނެޓްގެ ވަަރުގަދަ ތަގުރީރެއް ވަނީ ދެއްވާފަ އެވެ. މިއީ ޖަލު ބަންދަށް ވަޑައިގެންނެވި ފަހުން މިވީ މުއްދަތުގެ ތެރޭގައި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު މިފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ދޫވެހީގެ ކުޑަދޮރު ކައިރީ ހުންނަވާ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރާއި އިންޑިއާ ސަރުކާރުން ހީކޮށްގެން ތިބީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަަމަވެސް މާތްﷲ ގެ ތަދުބީރުގެ ރޭއްވެވުންތެރިކަން މާ މޮޅުކަން މި ސަރުކާރާއި ސަރުކާރު ގައި ތިބި އިލްމުވެރީންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ގަސްތުގައި އެމަނިކުފާގެ އިސްތިއުނާފު ލަސް ކުރީ އެވެ. އަދި ރާވައިގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަތީ އެވެ. މީގެ ކުރީން ފާރިސް މައުމޫނާއި މައުމޫން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމަށް ވެސް ކަފާލާތު ލިބިވަޑައިގެން ކަމަށާ ނަމަވެސް ރައީސް ޔާމީނާއި ޖެހުމުން އެ ހައްގު ވެސް ލިބިވަޑައިނުގެން ކަމަށް ވިދާޅުވި އެވެ. އަދި އިސްތިއުނާ ނުނިމޭތީ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ކުރީން ދިނުމަށް ފަހު އެ އުސޫލު ވެސް އެމަނިކުފާނާއި ޖެހުމުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މި ފަހަރުގެ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނާއި ދެކޮޅަށް ނިންމި ނިންމުމަކީ އެ ކޯޓުން ގާއިމުކުރި ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް ވިދާޅުވެފައެވެ.

"މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޓެންޑެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކުން ދަށުކޯޓުން އެެމީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް، ވެރިހަމަ އެމީހަކު ކުށެއް ކުރިޔަސް ނުކުރިޔަސް. ހަމަ ދަށު ކޯޓުން ހުކުމެއް އަންނަންވީ އޭނާއަށް އިސްތިއުނާފުގެ މުއްދަތު ހަނިވާ ގޮތަށް،"

ޔާމީން ގެއަށް ބަދަލު ކުރެއްވި ދުވަހު ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ: ރޭގެ ބައްދަލްވުން ހުރިހާ ގޮތަކުން ހާއްސަ -- މުހައަމަދު އަބްސަމް / މި ނޫސް

ކޯޓްގެ އެ ނިންމުމާއެކު އިންތިހާބަށް ތިން ހަތަރު މަހަށް ވުމުން ވާދަވެރިޔާގެ މައްޗަށް ހުކުމެއް ކޮށް އިންތިހާބުން ފުރުސަތު ގެއްލުވާލުމުގެ ދޮރު އޮތީ ހުޅުވައިދީފައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަަމަކު މިފަހަރުވެސް ﷲ ގެ ރަހްމަތުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު ނުކުންނާނީ އިސްތިއުނާފު މަރުހަލާ ނިމިގެން މައުސޫމް މީހެއްގެ ގޮތުގައި،" ހައިކޯޓް މަރުހަލާއިން ސަލާމަތް ވެވަޑައިގަންނަވާނެ ކަމަށް ވަރަށް އިތުބާރާއެކު ވިދާޅުވި އެވެ.

ޔާމީން ރޭ ވިދާޅުވި ގޮތުގައި ބަޔަކަށް ހީވިޔަސް އެމަނިކުފާނަކީ ރައީސް ކަމުގެ ލައްޒަތު ހޯދަން ވެރިކަމަށް އަންނަން ބޭނުންވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ދެ އަހަރާއި ބައިވަންދެން ނެންގެވީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ވިދާޅުވި އެވެ.

"މީގަ ދެން އެންމެ ދެރަވަނީ މި ހުރިހާ މީހުންނަށް ހީވަނީ އަޅުގަނޑު މީ ވަރަށް ބޮޑަށް ރައީސްކަން ކުރަން ބޭނުންވާ މީހެކޭ. ރައީސް ކަމަކީ ރައީސްކަމުގެ ލައްޒަތާއި އިއްޒަތް ބޭނުން ވެގެން އަރަން ޖެހޭ ގޮޑިއެއް ނޫން. ރައީސް ކަން ބޭނުން ވަނީ އުޅޭނެ ގަނޑުވަރެއް ނެތިގެނެއް ނޫން. ރައީސްކަން ބޭނުން ވަނީ މުސާރައަށް ލިބޭ އެއްލައްކަ ރުފިޔާގެ ބޭނުމަކު ނޫން،"

ޔާމީން ގެއަށް ބަދަލު ކުރެއްވި ދުވަހު ސަޕޯޓަރުން އެމަނިކުފާނު ގެކޮޅު ކައިރީ: ކޮންމެ ރެއަކު ސަޕޯޓަރުންނާ އެކު ވަގުތުކޮޅެއް ހޭދަ ކުރައްވާ -- މުހައަމަދު އަބްސަމް / މި ނޫސް

އެއްވެފައިވާ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ އަދިވެސް އެމަނިކުފާނަށް ޖަލުގައި ހުންނެވި ދާނެ ކަަމަށް ވިދާޅުވެފައެވެ. މިހާތަނަށް 1050 ދުވަހު ޖަލުގައި ހުންނެވި ނަމަވެސް މާތްﷲ ގެ ރަހުމަތްފުޅުން ނަފްސާނީ އެއްވެސްް ގެއްލުމެއް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ލީޑަރުންނޭ ކިޔައިގެން އުޅޭ ބޭފުޅުންނަށް ޖަލުގައި މިހާ ދުވަހު ކެތްކޮށްލަން ކެރޭނެތޯ ސުވާލު ކުރެއްވި އެވެ.

ޖަލުގައި ހުންނަވަން ޖެހިވަޑައިގަތީ ނުހައްގުން ކަމަށް ވިދާޅުވެ ގާނޫނީ ހަމަތަކުގެ މަތީން އެމަނިކުފާނުގެ ގައިކޮޅުގައި އަތް ނުލެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ޖަލަކީ ދެވަނަ ގެދޮރު ކަމަށް ބަލައިގެން [އަޅުގަނޑު މި އުޅެނީ]" ސަމާސާ ރާގެއްގައި ޔާމީން ރޭ ވިދާޅުވި އެވެ.

ޔާމީން ވަނީ މީގެ ކުރީން އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ މަތީގައި ދެމި ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ. އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރެއްވީ އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

"އަދިވެސް އަޅުގަނޑުމެން ރައްޔިތުންގެ ކައިރީ ބުނި ވާހަކަ ދުލެއް ނުކުރާނަން. އިންޑިއާގެ [ސިފައިންގެ] އެންމެ ބޫޓް ޖޯޑެއް ވެސް މި ގައުމުގައި ނުހުންނާނެ،"

ރޭގެ ވާހަކަފުޅުގައި އެއް ވާހަކައެއް ދެތީން ފަހަރަކު ތަކުރާރުކޮށް ވިދާޅުވި އެވެ. ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅަކީ މި ސަރުކާރު ބަދަލުވެގެން ދިއުން ކަމަށެވެ. އެއީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ. އަދި އެއީ ބާކީ އޮތް ހުރިހާ ދުވަހަށް ޝުކުރުވެރި ވިޔަސް ޝުކުރުވެރި ނުވެވޭނެ ވަރުގެ ބޮޑު ނިއުމަތެއް ކަމަށް ވިދާޅުވި އެވެ.

"ހާދަ ބޮޑަށް ދިވެހިރާއްޖެ ހަލާކުކޮށްލައިފިޔޭ. ހާދަ ބޮޑަށް އެކި ގޮތްގޮތުން ރާއްޖެ ހަލާކުކޮށްލައިފިޔޭ،"

ރައީސް ޔާމީން ވަނީ އެމަނިކުފާނާއެކު ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އެމަނިކުފާނު މިނިވަން ކުުރުމުގެ ހަރަކާތުން މިހާރު ނުފެންނާތީ އެކަމާއި ދެރަފުޅުވާކަން ހާމަ ކުރައްވާފަ އެވެ.

"ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަކަން ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި މި ޓީމުން ކުރި މަސައްކަތުން. އިންސާނީ ތަބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމަ އެކަން ހަނދާން ނެތޭތީ. އެހެން ނަމަވެސް ރައްޔިތުންގެ ލޯތްބަކީ އެހެން ޖަލު ގޮޅިއަށް ލިޔަސް އަނބުރާލެވޭނެ އެއްޗެއް ނޫން،"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: އިލްތިމާސް ކުރެއްވީ ކެރިވަޑައިގެން މައްސަލަތައް ބަލަން

ރައީސް ވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ވޯޓް ހޯދަން އެމަނިކުފާނުގެ ޕާޓީ ބޭފުޅުން ވަޑައިގަތަސް ގަައުމީ މަސައްކަތުގައި އެންމެ ބޮޑަށް އުޅެއްވި ލީޑަރު ހައްޔަރު ކުރުމުން އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތުގައި ސަޕޯޓަރުންނާއެކު ބައިވެރިނުވީ ކީއްވެގެންތޯއާ އެ ދުވަހު ޔާމީން ފިނި ކޮޓަރިތަކުގައި ތިއްބެވީ ކީއްވެގެންތޯ ސުވާލު ކުރުމަށް އެދިވަޑައިގެންފައެވެ.

އަދި އާންމު މެންބަރުން ދައްކާ ހިތްވަރު އިސް ބޭފުޅުން ވެސް ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"[ސުވާލު ކުރައްވާ] މިކަމުގައި [ރައީސް ޔާމީން މިނިވަން ކުރުމަށް] ކީއްވެގެން ހޭ އެ މީހުންނަށް ބައިވެރިނުވެވެނީ،"

ނަމަވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ތާއީދާއެކު އުފެދުނު ޑރ. މުއިއްޒުގެ ސަަރުކާރަށް ތާއީދު ކުރުމުގައި ދެމި ތިބުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރަށް ފާޑު ވިދާޅުވެ އެމަނިކުފާނު ވަނީ މައްސަލަތައް ބަލާލުމުން އެންމެ ބޮޑެތި ވައްކަމާ ފަސާދަ ހިންގާފައިވަނީ ކޮން ބައެއްކަން ސާފުވާނެ ކަމަށް ވިދާޅު އެ މައްސަލަތައް ބަލަން އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ސަރުކާރަށް ކެރެންވީ މައްސަލަތައް ބަލަން. މައްސަަލަތައް ބަލައިފިއްޔާ ކަންކަން ފެންނާނެ،"

ޔާމީން ވަނީ މިދިޔަ ދިގު މުއްދަތުގައި އެމަނިކުފާނު މިނިވަން ކުރުމަށް ސަޕޯޓަރުން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ.

"ބުނަަން އޮތީ ޝުކުރިއްޔާ އޭ،" އެއްވެފައިވާ ސަޕޯޓަރުންނަށް ވަރަށް ލޯތްބާއެކު ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

2
450
މުނާ
1 year ago

ޖާނު ދޭހާ ލޯބިވޭ! ރައީސް ޔަމީން. ތީ އަދިވެސް ަހަރުމެންގެ ރައީސްއަކީ

އާލަމް
1 year ago

ތިޔަ ޔާނޓޭ މުއިއްޒު ވެރިކަން ކުރިއަކަނުދޭނެ! ބޮޑުވަގު އޮންނަންވީ ޖަލުގަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.