އިންތިހާބީ ރައީސް ބައްދަލު ކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާ ކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވެސް އިނގިރޭސި ސަފީރު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުރަތަމަ ބައްދަލު ކުރެއްވި ޑިޕްލޮމެޓަކަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވެއްޖެ އެވެ.
އެ ދެ ބޭފުޅުންގެ ބައްދަލްވުން އޮތީ މިއަދު ހެނދުނު އެވެ. އިންތިހާބީ ރައީސްގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވަނީ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީ އަށްޓަކައި އިނގިރޭސި ވިލާތުގެ ސަރުކާރާ ރައްޔިތުންނާ އެކަމަނާގެ އަމިއްލަ ނަންފުޅުގައި މަރުހަބާ ދަންނަވައިފައެވެ. އަދި މުއިއްޒުގެ ޒައާމަތުގައި އިނގިރޭސި ވިލާތާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އިންތިހާބީ ރައީސް ބައްދަލު ކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާ ކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވެސް އިނގިރޭސި ސަފީރު ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތް ގުޅުން އާ ސަރުކާރު ންވެސް ދަމަހައްޓަވަމުން ގެންދަވާނެ ކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަގީން ކަމެއް ކަމުގައި ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުމުގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކުވެސް އޮންނާނެ ކަމަށް ދެއްވި ޔަގީން ކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް އިނގިރޭސި ވިލާތާ އޮތް ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އިންތިހާބުގެ ބޮޑު ކާމިޔާބަށް ފަހު އުފާފާޅު ކުރުމަށް މީގެ ދެ ރޭ ކުރީން ބޭއްވި ބައްދަލްވުމުގައި މުއިއްޒު ވަނީ އިންތިހާބުގެ ކާމިޔާބާއެކު ބައެއް ގައުމުތަކުން ސަފީރުން އެމަނިކުފާނާއި ބައްދަލު ކުރައްވަން އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހުރިހާ ގައުމެއްގެ ސަފީރުންނާއި ވެސް ބައްދަލު ކުރައްވާނެ ކަމަށާ އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތުތައް އެ ބޭފުޅުންނަށް ވަރަށް ސާފުކޮށް ބަޔާން ކޮށް ދެއްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ޕްރޯ -- ދިވެހީންނަށް އިސްކަން ދިނުމުގެ ސިޔާސަތު ކަމަށެވެ.
އަދި އެ ސިޔާސަތަށް އެހެން ހުރިހާ ގައުމަކުން ވެސް އިހްތިރާމް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ. ދިވެހީންނަށް ވެސް އެ މީހުންގެ އަމިއްލަ ވަންތަކަމާއެކު މިނިވަންކަން ދިފާއުކޮށް ކުރިއަށް ދިއުމުގެ ހައްގު އޮންނަން ވާނެ ކަމަށް ހުރިހާ ގައުމަކުން ވެސް ގަބޫލު ކުރަން ޖެހޭ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު. 'ޕްރޯ މޯލްޑިވްސް' ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާއި ގާތް ރަހްމަތްތެރި ގުޅުން އޮންނާނެ ގައުމުތައް ކަމުގައި އަޅުގަނޑު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.