ގައުމު ހިންގޭނީ އަންހެނުންގެ އަޑު އިއްވައިގެން: އީވާ

ރާއްޖޭގައި އަންހެނުނަށް އިންތިހާބީ މަގާމުތަކަށް އަންނަން ދަތިވާ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަންހެނުންގެ އަޑު އިއްވަނީ ވަކި ޕަސެންޓެއް އަންހެނުނަށް ހާއްސަ ކޮށްގެން ކަމަށް އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ގައުމު ހިންގުމުގައި އަންހެނުންގެ އަޑު އިއްވުން މުހިންމު ކަމަށާއި އެކަން ކުރެވޭނީ އިންތިހާބީ މަގާމުތަކަށް އަންހެނުން އިންތިހާބު ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ކުރަމުން ދަނީ މަޖިލީހުގެ ދާއިރާތައް މަދުކޮށް އަންހެނުނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ބިލަކަށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން އީވާ ފާހަގަ ކުރެއްވީ ފާއިތުވި ތަނުގައި މަޖިލީހަށް އިންތިހާބުވާ އަންހެން މެމްބަރުންގެ އަދަދު ނިސްބަތުން މަދު ކަމުން އެއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.

"[ގާނޫނުއަސާސީ އިސްލާހު ކުރި ފަހުން] ތިން ބުރަށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރިއިރުގަ ފުރަތަމަ 17 ވަނަ މަޖިލީހުގަ ފަސް އަންހެނުން، ދެވަނަ ރައްޔިތުންގެ މަޖިލީހުގަ ހަތަރު އަންހެނުން، އަނެއްކާ ވެސް އެންމެ ހަތަރު އަންހެނުން. އަދި ބަލައިލައިފިއްޔާ އަބަދު އެއް އަންހެނުންތަކެއް އިންތިހާބު ވޭވޭ ވެސް މި ތިބެނީ،" އީވާ ވިދާޅުވި އެވެ.

ރާއްޖޭގައި އަންހެނުނަށް އިންތިހާބީ މަގާމުތަކަށް އަންނަން ދަތިވާ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަންހެނުންގެ އަޑު އިއްވަނީ ވަކި ޕަސެންޓެއް އަންހެނުނަށް ހާއްސަ ކޮށްގެން ކަމަށް އީވާ ވިދާޅުވި އެވެ.

"އެހެންވީމާ އިއްޒަތްތެރި ރައީސް، އަންހެނުންނަށް އިންތިހާބީ އެކި މަގާމުތަކަށް ކުރިމަތިލުމުގައާ އަދި އެ އިންތިހާބީ މަގާމުތައް ކާމިޔާބު ކުރުމުގައި ތާށިތަކެއް ހުރިކަން ވިސްނައިގެން ސްޓެޕްއަޕްއެއް އެބަ ހޯދާދޭން ޖެހޭ،" އީވާ ވިދާޅުވި އެވެ.

ގާނޫނު އޮންނަ ގޮތުން އާބާދީ ބޮޑުވާވަރަކަށް މަޖިލީހުގެ ދާއިރާތައް އިތުރު ކުރަން ޖެހެ އެވެ. އެކަމަކު އީވާ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން 76 ދާއިރާއަށް ބަހާލައިގެން މަޖިލީސް ހިންގެން އެބަ އޮތް ކަމަށެވެ. އެކަން ކުރެވޭނީ ހަމައެކަނި ވަކި ރަށަކަށް ނުވިސްނާ މުޅި އަތޮޅަށް ނުވަތަ މުޅި ސިޓީއަށް ބަލައިގަނެވެ. 

އޭގެ މިސާލުތަކެއް ވެސް އީވާ ދެއްވި އެވެ. އެގޮތުން މުޅި މާލެއަށް ނުވިސްނާ ހަމައެކަނި ގަލޮޅު އުތުރު ދާއިރާގެ ބޯހިޔާވަހިކަމަށް ހައްލެއް ނުގެނެވޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. އެގޮތުން މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން މިކަމަށް ތާއީދު ނުކުރާތީ އީވާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ރާއްޖޭގެ އާބާދީއަށް ބަލައި އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަނީ 93 ދާއިރާއަށް އިތުރުކޮށްފަ އެވެ. މިހާރު މަޖިލީހުގެ 86 ދާއިރާ ތަމްސީލު ކުރެ އެވެ. ޑިމޮކްރެޓްސް ޕާޓީން ބުނާ ގޮތުގައި ރާއްޖޭގެ މަޖިލީހަކީ އެންމެ ގިނަ ދާއިރާ ތަމްސީލު ކުރާ މަޖިލީހެވެ. މިއީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ހޭދައެއް ކަމަށް ވެސް އެ ޕާޓީގެ މެމްބަރުން މިއަދު ބަހުސް ކުރައްވަމުން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

1
450
ލުބުނާ
11 months ago

ނެތްތަ އާ ރައިސް ގެ މެނިފެސްޓޯގަ ތިވާހަކަ . ހަނަދާން ވޭ ކޮންމެސް އެއް ކެނޑިޑޭޓަކު ތިކަހަލަ ވާހަކަ އެއް ދެއްކި ހަނދާން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.