މުޅި އެމްޑީޕީން ނަޝީދަށް ބަވާ ކުޑަކޮށްލި ތާރީހެއް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ރޫހަކީ ނަޝީދުގެ ސިޔާސީ ހަޔާތް ނިންމުނު ގޮތަކުން ނިންމާށެވެ. "އިބޫ ނޫން ގޮތެއް" ހޯދަން ނަޝީދު މަސައްކަތް ކުރައްވާ ކާމިޔާބު ހޯއްދެވި ގޮތަށް "ނަޝީދު ނޫން ގޮތެއް" ހޯދާށެވެ.

ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނުގެ ފިކުރުގައި އުފެއްދި ޕާޓީ ވަނީ އެ މަނިކުފާނާ މުޅީން ދުރުވެފައި

އެމްޑީޕީ އުފެދުނީއްސުރެ ޕާޓީގެ ދިރުމާއި ފިކުރަކީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ މެންބަރުންނާއި އެމަނިކުފާނާއި އޮންނަނީ ހިތާ ހިތުގެ ގުޅުމެކެވެ. ކުޑަ ނަަމަވެސް ދެރައެއް / ނިކަމެތި ކަމެއް ނަޝީދަށް ލިބޭން އެ މެންބަރުން ބޭނުމެއް ނުވެއެވެ. ވާދަވެރީންގެ ނުރުހުމުގެ ކުޑަ ބަހެއް ވެސް އެމަނިކުފާނަށް އަމާޒުވާން ދޫކޮށެއް ނުލައެވެ. އެމަނިކުފާނު ޖަލަށް ލައިފިނަމަ މެންބަރުން ތިބެނީ މަގުމަތީ ގައެވެ. އެމަނިކުފާނު މިނިވަން ކުރަން ކުރާން ޖެހެނީ ކޮންމެ ކަމެއް ނަމަވެސް ކުރެ އެވެ. ޖާނާ މާލުން ގުރުބާން ވެ އެވެ. އެމަނިކުފާނު ފެނިއްޖެނަމަ ބައްދައިގަންނަ ގޮތަށް ދޫކޮށެއް ނުލަ އެވެ. އަމިއްލަ އާއިލާގެ މެންބަރެއްގެ ފަދައިން ނުވަތަ އެއަށް ވުރެ މާ ބޮޑަށް ނަޝީދު ދެކެ ލޯބިވެ އެވެ.

އެއީ މާޒީ އެވެ؛ އެ ހުރިހާ ކަމެއް ދޫވަމުން ދުރަށް ގޮސް އަބަމުން ގޮސް އެއީ މާޒީގެ ހިތި ހަނދާނެއްގެ ގޮތުގައި ކަފުން ކުރީ ރޭ ގައެވެ. ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. މުޅި ގައުމީ މަޖިލީހުގެ ޖަލްސާ ގައި އޮތީ ރައީސް ނަޝީދަށް "ބެވު"މެވެ. އެމަނިކުފާނަށް ދުވަހަކު ވެސް އެމްޑީޕީގައި ގަދަރެއް ނެތް ފަދަ އެވެ. އިހްތިރާމެއް ނެތެވެ. 

އެ މަޖިލީހުގައި އޮތީ ރައީސް ނަޝީދަށް ބެވުން އެކަންޏެއް ނޫނެވެ. އެމަނިކުފާނަށް ދެން ދުވަހަކު ވެސް އެމްޑީޕީގައި ފުރުސަތު ނެތް ކަމާއި އެމަނިކުފާނުގެ ސިޔާސީ ހުވަފެންފުޅު ހަގީގަތަކަށް ހަދަން ދެން ދުވަހަކު ވެސް އެމްޑީޕީ ބޭނުން ނުކުރެވޭނެ ކަން ނިންމާ އެކަމުގައި ވެސް ވަނީ "ސިއްކަ" ޖަހާފަ އެވެ.

ގައުމީ މަޖިލީސް ރޭ އެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތް ނިންމާށެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމުގެ މަސައްކަތުގައި ހުންނެވީ ނަޝީދެވެ. އެ މަސައްކަތް ކާމިޔާބު ކުރުމުގައި އެމްޑީޕީގެ އެހީތެރިކަން ވަރަށް ބޭނުމެވެ. އިންތިހާ މުހިންމެވެ. އެމްޑީޕީގެ އެހީ ނުލިބިއްޖެނަމަ އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

މީގެ 18 އަހަރު ކުރީން ނިޒާމީ ވޯޓެއް ނެގިއިރު ބަރުލަމާނީއަށް ތާއީދު ކުރީ އެމްޑީޕީ އެކަންޏެވެ. އެ ނޫން ހުރިހާ ޕާޓީތަކެއް ބަރުލަމާނީއާ ދެކޮޅެވެ. އެ ވޯޓް ނެގި ފަހުން އުފެދުނު ހުރިހާ ޕާޓީތަކެއް ވެސް އެ ނިޒާމާ ދެކޮޅެވެ. 

އަނެއް ކޮޅުންް ފެންނަން އޮތް އަނެއް ހަގީގަތަކީ އޭރު އެމްޑީޕީން ބަރުލަމާނީ އަށް ތާއީދު ކުރީ ނަޝީދުގެ ނުފޫޒު އޮތް މިންވަރުން ކަމެވެ. މިނިވަން ކަމާއެކު ބަހުސް ކޮށްލަން އެ ޕާޓީގައި ފުރުސަތު އޮތް ނަމަ ބަރުލަމާނީއަށް އަޣުލަބިއްޔަތު ލިބުން ދުރު ކަމެވެ. ބަރުލަމާނީއަށް ވަކާލާތު ކުރި މީހުން މިއަދު ތިބީ ރައީސް ނަޝީދާއެކު އެމްޑީޕީން ނުކުންނަވާ "ދަ ޑިމޮކްރެޓްސް" އުފައްދައިގެނެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވަނީ

އެ މެންބަރުން ނެތި ރޭ ބޭއްވި ގައުމީ މަޖިލީހުގައި ފެނުނީ އެ މަންޒަރެވެ. އެމްޑީޕީގައި މިދިޔަ 18 އަހަރު މެންބަރުން ގޮތުގައި ތިއްބެވި އިސް ވެރީން ރޭ ވިދާޅުވި ގޮތުގައި ދުވަހަކު ވެސް އެ ބޭފުޅުން ބަރުލަމާނީ އަކަށް ތާއީދެއް ނުކުރެ އެވެ. އެ ނިޒާމު ރާއްޖެއަށް ފިޓް ކަމަށް ވެސް ނުދެކެ އެވެ. 

އެމްޑީޕީގެ އިސް ލީޑަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅު ވެސް ހުރީ އެގޮތަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށެވެ. އެ ކަމަށް މަސައްކަތް ވެސް ކުރައްވާނެ އެވެ. އަދި ނިޒާމީ ވޯޓެއް އޮވެއްޖެ ނަމަ ބަރުލަމާނީއާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ އެވެ.

"މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދު އޮތީ ވެސް ރިޔާސީ ނިޒާމަށް. ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށް ވަންޏާ، ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކާ ކުރަން ޖެހޭ މަސައްކަތް އަޅުގަނޑު އަމަލީ ގޮތުން ކުރާނެ ވާހަކަ ވެސް ދަންނަވަން،"

ގައުމީ މަޖިލީހުގެ ބަހުސް އެ މޭރުމުން ފެއްޓެވީ ވެސް ރައީސް ސޯލިހެވެ. އޭގެ ފަހުން ވާހަކަ ދެއްކެވި ސާޅީހަކަށް މެންބަރުންގެ ވާހަކަ ހުރީ އެއް ގޮތަކަށެވެ. އެއިން އެއްވެސް ބޭފުޅަކު ބަރުލަމާނީ ނިޒާމަކާ ނުރުހެއެވެ. ބަރުލަމާނީ ނިޒާމެއް އަޔަ ނުދޭން ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.

ގިނަ މެންބަރުންގެ ރޫހު ހުރީ އެއަށް ވުރެ ވެސް މާ ޖޯޝުގަ އެވެ. ނަޝީދުއާ ހުރިހާ ގޮތަކުން ދެކޮޅަށެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި ގޮތުގައި ރަނގަޅު ނިޒާމަކީ ކޮބައިކަން ބަލާން މިވަގުތު ބޭނުމެއް ނުވެއެވެ. ބޭނުން ވަނީ ނަޝީދާއި ދެކޮޅު ގޮތެކެވެ. ބަރުލަމާނީ ގެންނަން ނަޝީދުގެ އެންމެ އަރިހުގައި ކުރީން އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އިބްރޭ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތީ "ނަޝީދު ނޫން ގޮތެއް" ހޯދުމެވެ.

އެ މަޖިިލީހުގެ މެންބަރުންގެ ރޫހު ހުރީ މިހާރު ފާސްކޮށްފައި އޮތް ނިޒާމީ ވޯޓް ނެގުން ހުއްޓާލާށެވެ. އެފަދަ ގަރާރެއް މެންބަރުންގެ ތާއީދާއެކު ހުށައަޅުއްވާނެ ކަމަށް ވެސް މެންބަރު ޝަރީފް ވިދާޅުވި އެވެ. ސާޅީސް ފަސް މިލިއަން ހަަރަދުކޮށްގެން އެ ވޯޓް ނަގަން ޖެހޭ ސަބަބެއް އެ މެންބަރުންގެ ނަޒަރުގައި ނެތެވެ. އެހެންވެ މަޖިލީހުގެ އޮތް މެޖޯރިޓީގެ ބޭނުން ކޮށްގެން މިހާރު ފާސް ކޮށްފައިވާ ނިޒާމީ ވޯޓް ނެގުން ހުއްޓުވާލުމަކީ ވެސް ކުރެވޭނެ ކަމެކެވެ. 

އެމްޑީޕީގެ އެންމެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

ގައުމީ މަޖިލީސް ޖޯޝުގައި އަޑު އުފުލި އިރު މުޅީން ވެސް ބަހުގެ ހަމަލާ އަމާޒު ކުރީ ނަޝީދަށެވެ. އެމްޑީޕީއަށް އެންމެ ގެއްލުން ދިން ބޭފުޅަކީ ނަޝީދެވެ. ދުވަހަކު ވެސް އެމްޑީޕީން ނަޝީދަށް މަރުހަބާ ނުކިޔާނެ އެވެ. 

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވީ މިހެނެވެ؛

"އަޅުގަނޑު ހީކުރީ 2012 ވަނަ އަހަރުގައި އަޅުގަނޑުމެންގެ ޕާޓީއަށް އެންމެ ބޮޑު ގެއްލުން ދިން މީހަކީ [ރައީސް] ވަހީދު ކަމަށް. އަޅުގަނޑަށް މިއަދު އިހުސާސްވޭ ވަހީދާއި ކެނެރީގޭ މުހައްމަދު ނަޝީދާއި ނެތްކަން ތަފާތެއް،"

ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތް މަސް ދުވަހު މަޖިލީހުގެ މެޖޯރިޓީ ދަމަހައްޓާ އެމްޑީޕީ އެ ގޮތުގައި ބޭއްވުމަށް ރައީސް ނަޝީދާއި އީވާ އަބްދުﷲ މަޖިލީހުގެ ރައީސް ކަމުންނާއި ނައިބު ރައީސް ކަމުން ވަކި ކުރަން ޖެހެ އެވެ. އެ ފަދަ ހުށައެޅުމެއް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށައެޅުއްވި އެވެ.

"އަޅުގަނޑު ހުށައަޅަން މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ ރިޔާސަތުން ބޭރު ކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން،" ނަޝީދު ނޫން ގޮތެއް ހޯދަން ޖެހޭ ކަަމަށް ހަރުއަޑުން ވާކާލާތު ކުރައްވާ ޝަރީފް ރޭ ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގައި ބަރުލަމާނީއާ އެއްކޮޅަށް ވާހަކަ ދެއްކެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަންޏެވެ. އޭނާ އެ މޭރުމުން ވާހަކަ ދެއްކެވުމާއެކު ގައުމީ މަޖިލީސް ހޫނުވި އެވެ. އެންމެ ފަހުން އޭނާއަށް އެ ބައްދަލްވުމުގައި އިންނެވޭ ވަރު ނުވެގެން ވަޑައިގަންނަވަން ޖެހިވަޑަައިގަތީ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލްވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ

އެ މަޖިލީހުގެ ހުރިހާ މެންބަރުން ހެން ރޭ ވިދާޅުވި ގޮތުގައި އެ މެންބަރުން ތަމްސީލު ކުރާ ދާއިރާގެ ހުރިހާ މެންބަރުން ބޭނުން ވަނީ ނަޝީދު ނޫން ގޮތެކެވެ. އެ ގޮތް ހާމަ ކުރަން ދާއިރާތަކުގެ މެންބަރުން ވަރަށް އެދެ އެވެ. ރޭގެ ބައްދަލްވުމުގައި ފާޅުގައި ނަޝީދަށް ފާޑު ވިދާޅުވީ އެހެން ވެގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ރޫހު މިހާރު ހުރީ ނަޝީދުގެ ސިޔާސީ ހަޔާތް ނިންމުނު ގޮތަކުން ނިންމާށެވެ. "އިބޫ ނޫން ގޮތެއް" ހޯދަން ނަޝީދު ކުރެއްވި މަސައްކަތް ކާމިޔާބު ކުރެއްވި ގޮތަށް "ނަޝީދު ނޫން ގޮތެއް" ހޯދާށެވެ. އަދި ނަޝީދުގެ ސިޔާސީ ހުވަފެންފުޅު ކަމުގައިވާ ބަރުލަމާނީ ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ އުންމީދު ގައި އަބަދުގެ އަބަދަށް "ސިއްކަ" ޖަހާށެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ އަކީ އެ މަަސައްކަތުގެ ފެށުމެވެ. އެ މަސައްކަތް ފެށުމުގެ ގޮތުން އޮތީ އެމްޑީޕީގައި ނަޝީދަށް އެއްވެސް ފުރުސަތެއް ނެތްކަން މުޅި ގައުމީ މަޖިލީސް އެކީ އިގުރާރު ވުމެވެ. ގައުމީ މަޖިލީހުގެ 101 މެންބަރުން އެއްވެ ލައިވް ޓީވީ ގައި ނަޝީދަށް ރީތިކޮށް "ބަވާ" ލީ އެވެ. ގައުމީ މަޖިލީސް އެކަށް ތެދުވެ ނަޝީދުގެ ސިޔާސީ ހުވަފެންފުޅު ކަމުގައިވާ ބަރުލަމާނީއަށް ނޫނެކޭ ބުނެ ފާޅުގައި "ސިއްކަ" ޖެހީ އެވެ. 

ކޮމެންޓް

3
450
މުހައްމާދީ.
1 year ago

އެ ޖަލްސާއެއްގައި ބަރުލަމާނީއާ ދެކޮޅުވީ ހަމައެކަނި މުހަންމަދު ނަށީދު ބަރުލަމާނީއަކަށް ތާއީދުކުރާތީ ނޫންކަންވެސް ގިނަ މެންބަރުންތަކެއް ފާހަގަ ކުރި، އެ މުހަންމަދު ނަށީދަކު ބަލިވެފައިވާ އެއްވެސް އިންތިޙާބެއްގެ ނަތީޖާ ގަބޫލު އޭނާ ނުކުރާތީ ކަމަށް ވެސް ގިނަ މެންބަރުންތަކެއް ބުނި، މިސާލަކަށް 2007ގެ ނިޒާމީ ވޯޓް، ޗެއާރޕާސަންގެ އިންތިޙާބު، ރިޔާސީ ޕްރައިމެރީގެ އިންތިހާބު، ބަލިވަންޏާ ނަތީޖާއޮޅުވާލީ ކަމަށް ބުނެ އަގުލަބިއްޔަތަށް ތާއިދުކުރަންނޭނގޭ މީހަކަށްވާތީ.

ދޮން މަރީ
1 year ago

ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލުނީ.

މުއީނާ
1 year ago

ޢެހެންނުން ވާނީ... ކަސޯޓީ ވިއްޔާ އަންނިވެސް ކުޅެނީ... ވެރިކަމައިގެން މޮޔަވަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.