ބެހޭ ކަމެއް ނޫން، އެކަމަކު އިމްރާންގެ އިލްތިމާސެއް މުއިއްޒަށް

ހޯމް މިނިސްޓަރު ކަމުގައި ފަސް އަހަރު އިމްރާން ހޭދަ ކުރެއްވިއިރު ފުލުހުންގެ މުއައްސަސާ ރަނގަޅު ކުރުމަށް އެކަށީގެންވާ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި ޖަލުގެ ހާލަތު އިތުރަށް ވީ ގޯހެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ބޭފުޅެއް ކަމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަން ނުކުރެއްވުމަށް ހޯމް މިނިސްޓަރު / އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ،  އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސް ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު އެތައް ވާހަކަތަކެއް ދައްކަވާ އަދި މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މިވެނި އެވެނި ކަންތައްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެ މުއިއްޒާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ސަފުތައް ރޫޅި މުއައްސަސާގެ މަސްލަހަތު ގެއްލި ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ބޭފުޅެއް ކަމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިމްރާންގެ ޓްވީޓްގައި އެއީ އޭނާއާ ބެހޭ ކަމެއް ނޫނޭ ވެސް ބުނެވިދާނެ ކަމަށް ވިދާޅުވެ "އެމީހެއްގެ ރޮނޑު ހަން ދަމާނެ ގޮތް އެނގޭނީ އެމީހަކަށް" ކަމަށް މުސްކުޅިން ބުނެ އުޅޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް އެ އިލްތިމާސް ކުރެއްވީ މިއީ އޭނާގެ ވެސް ގައުމަށް ވީތީ ހިތަށް އުނދަގޫވާ ވަރުން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރީން ރިޔާސީ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރެއްވިއިރު އިމްރާން ހުންނެވީ ޖަލުގައެވެ. ފުލުހުންގެ މުއައްސަސާއާ ޖަލުތައް އިސްލާހު ކުރެވޭނީ ޖަލުގެ ތަޖުރިބާ ކުރެވިފައިވާ ބޭފުޅަކަށް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރުކަން ދެއްވުމަށް ރައީސް ސޯލިހާއި ކޯލިޝަންގެ ލީޑަރުންގެ އަރިހުގައި އަމިއްލަ އަށް އެދިވަޑައިގަތީ އިމްރާނެވެ. ނަމަވެސް ހޯމް މިނިސްޓަރު ކަމުގައި ފަސް އަހަރު އިމްރާން ހޭދަ ކުރެއްވިއިރު ފުލުހުންގެ މުއައްސަސާ ރަނގަޅު ކުރުމަށް އެކަށީގެންވާ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި ޖަލުގެ ހާލަތު އިތުރަށް ވީ ގޯހެވެ.

ފުލުހުންނާމެދު ކުރެވޭ ތުހުމަތުތަކަށް ހުއްޓުމެއް ނާދެ އެވެ. ސިޔާސީ ކަމުގައި އެ މުއައްސަސާގެ ބޭނުން ދިޔައީ ކުރަމުންނެވެ. އިދިކޮޅު މުޒާހަރާތަކާއި އެއްވުންތަކާއި ގުޅޭގޮތުން ކުރީ ސަރުކާރުތަކު ގައި ނެރެމުން ދިޔަ ބަޔާންތައް މި ދައުރުގައި ވެސް ދިޔައީ ނެރެމުންނެވެ. އަދި ފުލުހުންގެ ފަރާތުން އާންމުންނަށް އަނިޔާވުމާއި އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމަށް ހައްދެން ނެތް ބާރުގެ ބޭނުން ކުރުމާއި ނޫސްވެެރީންނަށް އަނިޔާ ކުރުން ފަދަ ކަންކަން ވެސް ދިޔައީ ތަކުރާރު ވަމުންނެވެ.

ކެމްޕެއިންނާ މުއިއްޒާ ގުޅޭ އެތައް ވާހަކައެއް -- ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި އިމްރާން ވަނީ މުއިއްޒާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަވާފައެވެ. މުއިއްޒަށް ފުރަތަމަ މިނިސްޓަރު ކަން ދެއްވީ ވެސް އިމްރާންގެ އަރިހުގައި ރޮއެ އާދޭސް ކުރުމުން ހިތަށް ކުޅަދާނަ ނުވެގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިމްރާންގެ އެ ވާހަކަތައް އަދާލަތުގެ އޭރުގެ އިސް ބޭފުޅުން ވަނީ ދޮގު ކުރައްވާފައެވެ. އަދި އިމްރާނަށް މުސާރަ ދެއްވުމާއި އަދާލަތުގެ ގިނަ ހަރަދުތަކެއް އޭރު ހަމަޖެއްސެވީ މުއިއްޒު ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ރާއްޖޭގައި އޮންނާނީ ގޭންގުތަކުގެ ވެރިކަމެއް ކަމަށް ވިދާޅުވެސް އިމްރާން އަސާސެއް ނެތް ދޮގު ވާހަކަތައް ފެތުރި އެވެ. އަދި ވެރިކަމަށް ވަޑައިގެން ޖެންޑާ މިނިސްޓްރީ އުވާލައްވާނެ ކަމަށާ ޔާމީން ޖަލުން ނުނެރުއްވާނެ ކަމަށް ވިދާޅުވެެސް ސިޔާސީ ޕޯޑިއަމްތަކުގައި ބޮޑެތި ދޮގުތައް ހެއްދެވި އެވެ.

އިމްރާނަކީ ދީނީ އިލްމުވެރިއެއް ނަމަވެސް ސިޔާސީ ބޭނުމަކަށް ވާދަވެރީންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ދެއްކުމުގައި އަރާ ހުންނެވި ބޭފުޅެކެވެ. އެކަމުގެ ސަބަބުން އަދާލަތަށް ރައްޔިތުންގެ އޮތްް އިތުބާރު ގެއްލި އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ދީނީ އިލްމުވެރީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. މިވަގުތު އަދާލަތުގައި ތިއްބެވީ އިމްރާންގެ ފަރާތުން ސިޔާސީ މަންފާތަކެއް ލިބިދާނެ ކަމުގެ އުންމީދުގައި ތިއްބެވި މަދު އިލްމުވެރީން ތަކެކެވެ.

ކޮމެންޓް

2
450
މޯޑު އިބްރާހިމް
11 months ago

އިމްރާނަށް ވެސް އަދި ދެން ތިބި މީހުންނަށް ވެސް ބުނެލަން އޮތީ ހިތް ނުބައި ވިޔަސް މީހުނޭ ކިޔައިގެން ވާހަކަ ދެއްކުމުގައި ހައްދެއް އޮންނަންވާނެ ކަމަށް. އޯކޭ މައްސަލައެއްނެތް. މުއިޒު ރޮއިގެން މިނިސްޓަރުކަން ހޯދީ އޯ... މިހާރު ރޮއިގެން އެކަން ކުރަން ހުރި މީހަކީ ތީ. ހިތަކަށް ނާރާ ދޯ މުއިޒު ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަށް ވެދާނެ އެކެ. ބޮރޯ ކަރުމާ އިޒް ބެކް.

ހޫރު
11 months ago

(މުއިއްޒަށް ފުރަތަމަ މިނިސްޓަރު ކަން ދެއްވީ ވެސް އިމްރާންގެ އަރިހުގައި ރޮއެ އާދޭސް ކުރުމުން ހިތަށް ކުޅަދާނަ ނުވެގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިމްރާންގެ އެ ވާހަކަތައް އަދާލަތުގެ އޭރުގެ އިސް ބޭފުޅުން ވަނީ ދޮގު ކުރައްވާފައެވެ. އަދި އިމްރާނަށް މުސާރަ ދެއްވުމާއި އަދާލަތުގެ ގިނަ ހަރަދުތަކެއް އޭރު ހަމަޖެއްސެވީ މުއިއްޒު ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.) މަ ހީހީ ހަލާކު ވެއްޖެ. މި އިމުރާނު މިހާރު ހިތަށް އަރާނެ ތިމަންނަ މުއިޒް އާ ގުޅުނު ނަމައޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.