ފެންނަނީ ނަޝީދުގެ ސިޔާސީ މަގު ވަރަށް އަނދިރިވެފައިވާ ތަން

އެކި ރާގުގައި އެކި ފަހަރު ނަޝީދު އެ ދައްކަވާ ވާހަކަތަކުން މިހާރު ހާސިލު ކުރެވޭނެ ނަތީޖާއެއް އޮތް ކަމަކަށް ނުފެނެ އެވެ. އެމަނިކުފާނަށް އޮތީ ޑިމޮކްރެޓުންނާ އެކު ގަދަ ހިތްވަރުކޮށް ކާމިޔާބެއް ލިބޭތޯ މަސައްކަތް ކުރުމެވެ.

ރައީސް މުހައްމަދު ނަޝީދު: ސިޔާސީ މަސައްކަތުގައި ތަފާތު ކަންކަން ކުރައްވަވާ

ރިޔާސީ އިންތިހާބުން ރައީސް ސޯލިހަށް ނާކާމިޔާބީ ލިބިވަޑައިގަތުމާއެކު މިދިޔަ ގަޑިތަކުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ތަފާތު ވާހަކަތައް އަޑު އިވިއްޖެ އެވެ. އެންމެ ފުރަތަމަ ކުރެއްވީ ޓްވީޓެކެވެ. އެދިވަޑައިގަތީ އެމްޑީޕީގެ މެންބަރުންނަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރާށެވެ. ރުޅިވެރިކަންް އިސް ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. 

އޭގެ ބައިގަޑިއެއްހާ ފަހުން ރައިވަރެއް ހިމަނުއްވައި ކުރެއްވީ ތަފާތު ޓްވީޓެކެވެ. ވިދާޅުވެފައި ވަނީ މިހެނެވެ:

"ބޭހާއި ނުކުޅޭތި ބަޑި، ނޭންގި ހުއްޓާ އަނދައިދާނެ، ގޭމަ ކޮޔާ ފިހިދާނެ،"

މިއީ އިންޒާރަކަށް ފުދޭ އެފަދަ ހާލަތްތަކުގައި ބޭނުން ކުރާ ދިވެހީންގެ މެދުގައި މަޝްހޫރު ރައިވަރެކެވެ. ނަޝީދު ނުސީދާކޮށް ނަމަވެސް ވިދާޅު ވަނީ އެމަނިކުފާނާއި ދެކޮޅަށް ކުރި މަސައްކަތުން ވެރިކަން ގެއްލުނު ކަމެވެ. އެއީ ދެން ވެސް އެފަދަ ކަމެއް ނުކުރެއްވުމަށް ކުރެއްވި އިންޒާރަކަށް ފުދެއެވެ.

އޭގެ ފަހުން ދެން އައީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ކުރެއްވި ޓްވީޓެކެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ކުރެއްވީ ފުރިހަމަ ކެމްޕޭނެކެވެ. ދެއްކެވީ ގަދަ ހިތްވަރެވެ. ރީތި މިސާލެވެ. އެކަމަށް ރައީސާއި އެމްޑީޕީއަށް މަރުހަބާ ދެންނެވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ރައީސް ސޯލިހް ކުރެއްވި ކެމްޕޭނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވެ ހަޖޫވެސް ޖެއްސެވި ބޭފުޅަކީ ނަޝީދެވެ. ރައީސް ކުރެއްވި ކެމްޕޭން ނަޝީދު ސިފަ ކުރެއްވީ "ކޭކެއްގެ މެދުގައި ޖަހާފައިވާ އުއްބައްތިއެއް ފަދައިން" ވަށައިގެން ސިފައިންނާއި ފުލުހުން ބައިތިއްބަައިގެން ކުރެއްވި "ހަޑި މުޑުދާރު" ކެމްޕޭނެއްގެ ގޮތުގައެވެ. ކޮންމެ ރަށަކަށް އަރާ ވަޑައިގަންނަވަނީ ރަށް ވަށާ ފުލުހުންގެ "މަނާ ޓޭޕް" ދަމާ ޕެޕާ ސްޕްރޭއާ ޝީލްޑް ހިފައިގެން ތިބި ފުލުހުންގެ ފައުޖަކާ އެކު އެވެ. ގޭގެއަށް ވަޑައިގަތުމެއް ރަށުގެ ހާލަތު ބެއްލެވުމެއް ނެތް ކެމްޕޭނެކެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެން ޖަލްސާއެއް: ރައީސްގެ ކެމްޕެއިނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ ނަޝީދު

ފުލުފުލުގައި އެކި ރާގުގައި މުޅީން ޕާސަނަލިޓީއެއްގެ ތަފާތު ތިން މެސެޖެއް ދެއްވުމަށް ފަހު ނަޝީދު ދެން މެސެޖެއް ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށެވެ. މި ފަހަރު އަދި މާ ތަފާތެވެ.

ފައްޔާޒަށް ދެންނެވީ އެމްޑީޕީއާ އަލުން ގުޅި ވަޑައިގަތުމަށް އެމަނިކުފާނު ތައްޔާރެވެ؛ އެކަމަށް އޮތީ ބޮޑަސް އެންމެ ޝަރުތެކެވެ. އެއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމަންވީ ނިންމުމެކެވެ. އެއީ ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުގެ ނިންމުމެކެވެ. އެކަމަށް ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ޖެހޭ ނިންމުމެކެވެ.

ފައްޔާޒު ވަނީ އެ މެސެޖު ގައުމީ މަޖިލީހުގެ މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ. އެއްވެސް މެންބަރަކު އެ ހުށައެޅުމަށް  އަދިއެއް ތާއީދެއް ނެތެވެ. އެއާހިލާފަށް ވަރަށް ގިނަ މެންބަރުން އެކަމާއި ދެކޮޅަށް ވާހަކަ ދައްކަ އެވެ. ބައެއް މެންބަރުން ވަނީ ފާޅުގައި އެކަމާއި ދެކޮޅު ހައްދަވާ ނަޝީދު އެނބުރި ވަޑައިގަންނަވާ ދުވަހަކީ އެ މެންބަރުން އެމްޑީޕީ ދޫކޮށްލާނެ ދުވަސް ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު ނިމި އަދި މިވީ 48 ގަޑިއިރެވެ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަޝީދުގެ ކިބައިން މި ފެންނަނީ ކޮން ކަމެއްތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އެކި ފަހަރު އެކި ރާގުގައި އެ ވިދާޅުވާ ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައި ކޮން ކަމެއް ހެއްޔެވެ. ބޭނުން ވަނީ ކޮން މަގުސަދެއް ހާސިލު ކުރައްވާން ހެއްޔެވެ.

އެތައް ދުވަހަކަށް ފަހު ދާދި ފަހުން ރައީސް ސޯލިހާއި ރައީސް ނަޝީދު އެކުގައި: ނަޝީދު މިހާރު ހުންނެވީ އެމްޑީޕީއާ ގުޅެން ވެސް ތައްޔާރަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މިހާތަނަށް ނަޝީދު އަމަލު ކުރައްވާފައިވާ ގޮތާއި އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅާއި އުންމީދުތަކަށް ބަލާލުމުން ސާފުވާ ބައެއް ކަންކަން އެބަ ހުއްޓެވެ. އެއް ކަަމަކީ އެމްޑީޕީ އަލުން ހޯއްދެވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ބޭނުންފުޅު ވުމެވެ. ދެން އޮތީ ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނަޝީދު ކުރައްވާ އުންމީދެވެ. އެކަމަށް ދެކެވަޑައިގަންނަވާ ހުވަފެންފުޅެވެ.

އަދި އަލުން ސިޔާސީ ބާރުވެރިކަން ހޯއްދަވާ ކުރީން ހުންނެވި މަގާމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވޯޓެއް ނެގުމަކީ މިދިޔަ ފަސް އަހަރު ރައީސް ސޯލިހަށް ނަޝީދު ކުރެއްވި އެންމެ ބޮޑު ޕްރެޝަރެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ހަމައަށް އެކަމަށް އަލި މަގެއް ނުފެނި އޮތް ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނަޝީދުގެ ޑިމޮކްރެޓްސް އިން ހޯދި ވޯޓާއެކު އެ ޕާޓީގެ ވޯޓްކޮޅު ހޯދުމަށް މައި ދެ ޕާޓީން ވެސް ނިޒާމީ ވޯޓަކަށް އެއްބަސްވެފައި ވެއެވެ. ދަނޑިވަޅު ބަލާ އެ ނިންމުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި މި މަހުގެ ފަހު ދުވަހު އެ ވޯޓް ނަގަން ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގަން ފާސްކުރީ އެވެ.

މިހާރު އޮތްގޮތުން ނިޒާމީ ވޯޓް ނެގުމުގެ މަގު އޮތީ ފަހިވެފަ އެވެ. އެކަމަކު އެމްޑީޕީއާ ރައީސް ސޯލިހްގެ ތާއީދު ނެތި އެ ވޯޓަށް ގޮސްފިނަމަ ނަޝީދުގެ ސިޔާސީ ހަޔާތުގެ ފަހު ސަފްހާ ލެއްޕުނީ އެވެ. އެހެންވީމަ ކޮންމެ ގޮތެއް ހަދާފައި ވެސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ތާއީދު މުހިންމުވެ އެވެ. ދެން އޮތީ މުޅީން ވެސް ބަރުލަމާނީއާ ދެކޮޅު ޕާޓީތަކެވެ. އެމްޑީޕީ ނުރުއްސާ ނިޒާމީ ވޯޓަކަށް އަހައިފި ނަމަ ނަޝީދަށް ކުރިމަތިލާން ޖެހިވަޑައިގަންނަވާނީ ސިޔާސީ ހަޔާތުގައި ކުރިމަތިލައްވަން ޖެހި ވަޑައިގަންނަވާނެ އެންމެ ބޮޑު ނާކާމިޔާބީއާ އެވެ. އެންމެ ބޮޑު ލަދާ އެވެ.

ރިޔާސީ އިންތިހާބުން ބަލިވެ އެމްޑީޕީގެ ވެރިކަަން ނިމުމުގެ މަރުހަލާ ފެށިފައި ވުމުން ނަޝީދު ބޭނުންފުޅުވާ ގޮތަށް ބަރުލަމާނީ ކެމްޕޭން ގައި އެމްޑީޕީ ބައިވެރި ކުރުވުމަކީ މިހާރު ކުރެވޭނެ ކަމެއް ހެން ހީއެއްނުވެއެެވެ. އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއީލާއި ކެބިނެޓް މިނިސްޓަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ނުކުމެ ބަރުލަމާނީއަށް ނޫނެކޭ އެ ބުނަނީ އެހެން ވެގެންނެވެ. 

ރައީސްގެ ކެމްޕެއިން ހަރަކާތްތައް ނިންމުން: އެމްޑީޕީގެ ލީޑާޝިޕު ދޫކޮށް ނުލައްވާނެ

މިއޮތް ހާލަތުން ބަރުލަމާނީ ގެންނަން އެމްޑީޕީގެ ރުހުން ލިބޭކަށް ނެތެވެ. އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ފައްޔާޒަށް ނަޝީދު މެސެޖެއް ކުރެއްވީ އެކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާތީ އެވެ.

ބަރުލަމާނީއަށް އެމްޑީޕީ އެއްބަސް ކުރުވޭން އޮތީ އެމްޑީޕީއާ ވަރަށް ގާތަށް ނަޝީދަށް ވަޑައިގެންނެވިގެންނެވެ. މިހާރު އެ ހުންނެވީ މާ ދުރުގަ އެވެ. ރިޔާސީ އިންތިހާބުގައި ކެމްޕެއިން ނަޝީދު ދެއްކެވި ވާހަކަތަކާއި ރައީސާ ދެކޮޅަށް ހިންގެވި ކެމްޕޭނާއި ރައީސަށް ލިބިވަޑައިގެން ނާކާމިޔާބާއެކު ނަޝީދާއި އެމްޑީޕީގެ ގުޅުން އިތުރަށް ދުރުވެއްޖެ އެވެ. އެހެންވުމުން އެއްވެސް ކަމަކަށް ދެން އެމްޑީޕީ ރުއްސޭން އޮތީ އެމްޑީޕީއާ ވަރަށް ކައިިރިއަށް އެމަނިކުފާނު ވަޑައިގެންނެވިގެނެވެ. 

އެސްއެމްއެސް ކުރައްވައިގެން ނަޝީދު އެ ފެއްޓެވީ އެ މަސައްކަތްޕުޅު ކަމަށް ބެލެވެއެވެ. އެކަމަކު މިވަގުތު ފެންނަ މަންޒަރުން ނަޝީދު އެދިވަޑައިގަންނަވާ / އުންމީދު ކުރައްވާ އެއްވެސް ކަމެއް ހާސިލުވާނެ މަންޒަރެއް އަދި ނުފެނެއެވެ.

ޔަގީނުން ވެސް ނިޒާމީ ވޯޓްގައި ކުރި ނުހޯއްދެވޭނެ އެވެ. ބަރުލަމާނީއަށް ރާއްޖެ ފުރޮޅާލެވިދާނެ ކަމަށް ކުރައްވާ އުންމީދުގެ އެންމެ ފަހު ހުޅުކޮޅު އެ ދަނީ ނިވެމުންނެވެ. ދެން އޮތީ މިހާރު ނިންމާފައި އޮތް ގޮތަށް ވޯޓް ނެގުމެވެ. އެކަން ވެސް ވުމަށް ވުރެ މިހާރު ގާތީ ނުވުމެވެ. ނިޒާމީ ވޯޓަށް 40 މިލިއަން ރުފިޔާ ބޭނުން ވެއެވެ. އެއީ ދައުލަތަށް އޮތް މާލީ ބޮޑު ބުރައެކެވެ. ނިޒާމީ ވޯޓަކަށް ދިއުމުގެ ހަގީގީ ޝައުގެއް ޑިމޮކްރެޓުންގެ ނޫނީ ނެތެވެ. އެއީ ފެންނަން އޮތް ހަގީގަތެވެ.

ނިޒާމީ ވޯޓަކަށް އެއްބަސް ކަމަށް އެމްޑީޕީއާ ޕީޕީއެމުން ކުރީން ބުނީ ޑިމޮކްރެޓުންގެ ވޯޓްކޮޅު ހޯދާށެވެ. އިންތިހާބުން މޮޅުވާން އެކަން ކޮންމެހެން ވެސް މުހިންމުވީމަ އެވެ. އެކަމަކު ތެޅިފޮޅިގެން މަސް ދުވަސްތެރޭ އެ ވޯޓް ނަގަން އެމްޑީޕީން މިހާރު ބޭނުމެއް ނުވެއެވެ. އެމްޑީޕީގެ ބައެއް ބޭފުޅުން ސާފުކޮށް އެހެން ވިދާޅުވެއްޖެ އެވެ. ޕީޕީއެމް / ޕީއެންްސީ އޮތީ ވެރިކަން ލިބުމުގެ އުފަލުގަ އެވެ. އެ ދެ ޕާޓީގެ އެންމެ ބޮޑު އިސްކަމެއް އޮތީ އަމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. ނިޒާމީ ވޯޓަކަށް ހަގީގީ ޝައުގެއް ނެތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވަނީ: ނަޝީދު ކުރައްވާ މަސައްކަތްޕުޅު ކާމިޔާބުވާ މަންޒަރެއް ނުފެނޭ

މެންބަރުންގެ ގޮތުން ތިންވަނަ އަށް އެންމެ ބޮޑު، 22،000 މެންބަރުންގެ ދަފްތަރެއް އޮތް ޖުމްހޫރީ ޕާޓީން މިހާރު ވެސް ވަނީ ނިޒާމީ ވޯޓާއި ދެކޮޅަށް ނުކުމެފައެވެ. މާދަމާ އަދާލަތު އެކަމާއި ދެކޮޅަށް ތެދުވެދާނެ އެވެ. އެމްޑީއޭއާ އެމްއެންޕީއާ އެމްއާރްއެމަކީ ވެސް ނިޒާމު ބަދަލު ކުރަން ދެކޮޅު ޕާޓީތަކެވެ.

އެހެންވީމަ ޕާޓީތަކުގެ ތާއީދު ނެތުމުން ނިޒާމީ ވޯޓް ނުނަގަން ނިންމުމަކީ ވެސް ގާތުގައި އޮތް ކަމެކެވެ.

ދެން އޮތީ އެމްޑީޕީގެ ކޮންޓްރޯލް އަލުން ހޯއްދެވުމަށް ނަޝީދު ބޭނުންފުޅުވާ ބޭނުންފުޅުމެވެ. ނަޝީދު ނެތި އެމްޑީޕީ ހިންގޭނެ ކަން ރައީސް ސޯލިހާއި އެމްޑީޕީގެ މިހާރުގެ ލީޑާޝިޕުން އެވަނީ ސާބިތުކޮށް ދީފައެވެ. ރިޔާސީ އިންތިހާބުން ބަލިވެ ވެރިކަން ދެމެހެއްޓުމަށް ކުރަމުން އައި އުންމީދު ގެއްލުނަސް އެމްޑީޕީ އިތުރަށް ވަރުގަދަ ވެއްޖެ ކަން އިންތިހާބުގެ ނަތީޖާ އިން ބުނެދެއެވެ.

މިފަހަރުގެ އިންތިހާބުގައި ދެވަނަ ބުރުގައި އެމްޑީޕީއާއެކު އޮތީ ތާއީދު ކުޑަ އަދާލަތު ޕާޓީ އެކަންޏެވެ. އެކަމަކު ރައީސް ސޯލިހް ވަނީ 108،000 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ. މީގެ ތެރެއިން އަދާލަތު ކޯލިޝަންގައި އޮތީތީ ލިބިފައި ވާނީ ދެތީން ހާސް ވޯޓަށް ވުރެ މަދު އަދަދެކެވެ. ބާކީ ހުރިހާ ވޯޓަކީ ރައީސް ސޯލިހްގެ ވެރިކަން ކަމުދާ ކަމަށް ދެކޭ މީހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ. އެހެންވީމަ އެވަރުގެ ޕާޓީއެއް ދުލެއް ނުކުރާނެ އެވެ. ދޫކުރަން ޖެހޭ ސަބަބެއް ވެސް ނެތެވެ.

ކުރިއަށް އޮތީ މަޖިލީސް އިންތިހާބެވެ. އެމްޑީޕީގެ އަސްލު ސައިޒު ދައްކާލާ ފޯރީގައި ތެދުވާން އެއީ މުހިންމު އިންތިހާބެކެވެ. ނަޝީދު ބޭނުންފުޅު ވިޔަސް އެމްޑީޕީން އެމަނިކުފާނަށް ދެން މަރުހަބާ ކިޔާނެ ކަމަކަށް ނުފެނެއެވެ. އެމްޑީޕީ ހޯދަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ އެއްވެސް ގޮތެއް ނުފެނެއެވެ. ނެތް ހިތްވަރާއި ފޯރި ނެރެ މިހާރުގެ ލީޑާޝިޕުން އެމްޑީޕީ ހިންގާނެ އެވެ. 

އެކި ރާގުގައި އެކި ފަހަރު ނަޝީދު އެ ދައްކަވާ ވާހަކަތަކުން މިހާރު ހާސިލު ކުރެވޭނެ ނަތީޖާއެއް އޮތް ކަމަކަށް ނުފެނެ އެވެ. އެމަނިކުފާނަށް އޮތީ ޑިމޮކްރެޓުންނާ އެކު ގަދަ ހިތްވަރުކޮށް ކާމިޔާބެއް ލިބޭތޯ މަސައްކަތް ކުރުމެވެ.

ކޮމެންޓް

1
450
ޕްރޭމްޗޯޕްރާ
10 months ago

ނަޝީދު ޕާޓީސިސްޓަމް ތަޢާރަފުކުރުމަށާއި ހިލޭބޭސްފަރުވާއާއި އެކަނިވެރިމައިނާއި،މުސްކުޅިންނާއި،ބޯހިޔާވަހިކަމާއި، ޓެކްސްނިޒާމާއި،ޕެންޝަން ތަޢާރަފުކުރުމަށް އަޑުއުފުލާ އެކަންޙާސިލްކުރެވުނަސް ބޭކާރު ގިނަވާހަކަދެއްކުމާއި، އެކިއެކި ބޭކާރުވިސްނުމާއި ސިޔާސީ އެންމެން ނަޝީދުއާއި ޒާތީވެފައިވުމުން ނަޝީދު ގެ ސިޔާސީ ހަޔާތް ބަނަވަމުންދާތަންއެބަފެނޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.