އިންޑިއާގައި ހުންނަ އަފްޣާން އެމްބަސީ ބަންދުކޮށްފި

މި ނިންމުން އަފްޣާނުން ނިންމީ އިންޑިއާގެ ޑިޕްލޮމެޓިކް އެއްބާރުލުން ނެތުމުން އެމްބަސީގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ގާބިލްކަމަށް ހުރަސްއެޅިފައިވާތީ ކަމަށް އެ ގައުމުން ބުނެ އެވެ.

ވެރިރަށް ނިއުދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީ: މި އެމްބަސީގެ އޮޕަރޭޝަން ހުއްޓާލީ އިންޑިއާގެ އެހީތެރި ކަމާއި ޑިޕްލޮމެޓިކް އެއްބާރުލުން ނުލިބިގެން

އަފްޣާނިސްތާނުގައި ހުޅަނގުގެ ތާއީދާއެކު ކުރީން އޮތް ސަރުކާރުން އިންޑިއާގައި ގާއިމު ކުރި އަފްޣާނިސްތާނުގެ އެމްބަސީ ބަންދު ކުރާނެކަން އިއުލާން ކުރުމާއެކު އެމްބަސީގެ އޮޕަރޭޝަންތައް އިއްޔެއިން ފެށިގެން ހުއްޓާލައިފި އެވެ.

އަފްޣާން އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މީހުނާއި ކިޔަވާ ކުދިންނާއި އަދި ވިޔަފާރި ކުރުމުގައި ދެމި ތިބި އަފްޣާނިސްތާނުގެ ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކޮށްދިނުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވުމަކަށް އައުމަށް ބޭނުންވި ކަމަށެވެ.

އިންޑިއާގައި ރަޖިސްޓްރީ ކޮށްފައިވާ ގާތްގަނޑަކަށް 40،000 ރެފިއުޖީންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުނަކީ އަފްޣާނިސްތާނުގެ މީހުން ކަމަށް އދ. ގެ ރެފިއުޖީ އެޖެންސީން ބުނެ އެވެ. އެކަމަކު އެ އަދަދުގައި އދ. ގައި ރަޖިސްޓްރީ ނުވާ މީހުން ހިމަނާފައެއް ނުވެއެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މުވައްޒަފުންނާއި ވަސީލަތްތައް ވެސް ވަރަށް ބޮޑަށް މަދުވެފައިވާތީ، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ދުވަހެއް ދުވަހަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެއް،" އަފްޣާން އެމްބަސީގެ ބަޔާނުގައި ވެއެވެ.

އެމްބަސީ މި ބަންދު ކުރީ 20 އަހަރު ވަންދެން އެމެރިކާއިން ސިފައިން އެފްޣާނިސްތާނުގައި ތިބުމަށް ފަހު އަނބުރާ ގެންދިއުމާއި ރައީސް އަޝްރަފް ޣަނީގެ ސަރުކާރު ރޫޅި، ތާލިބާނުން ވެރިކަމަށް އައިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

"ނިއުދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީން މި ނިންމުން އިއުލާން ކުރަނީ ފުން ހިތާމައަކާއި މާޔޫސްކަމަކާ އެކު،" އެމްބަސީން ބުނެފައި ވެއެވެ. 

މި ނިންމުން ނިންމީ އިންޑިއާގެ އެހީ އާއި ޑިޕްލޮމެޓިކް އެއްބާރުލުން ނެތުމުން އެމްބަސީގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި  ގާބިލްކަމަށް ހުރަސް އެޅިފައިވާތީ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.