ރައީސްގެ ތަގުރީރަށް ސަތޭކައަކުން އައްސަރިބަހަކާ ސާބަހެއް!

މުޅި ހުލާސާގައި ރައީސް އަމާޒު ހިއްޕަވާފައި އޮތީ މައިގަނޑު ދެ ވާހަކައަކަށް ބާރު އަޅުއްވައިގެނެވެ. އެއީ އުމްރާނީ ބިނާ ކުރުމާއި ސިކުނޑި ބިނާ ކުރުމުގެ ވާހަކަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ

ދަރަނިވެރި ވެގެން ނިޒާމު ގެއްލި، އޮކޮޅުކޮޅުން ވަޅުގަނޑަނޑަށް ވެއްޓުނު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހާ، އެ ގައުމުގެ އެކްޓިން ރައީސް ކަމަށް ޖުލައި 14، 2022 ގައި ވަޑައިގެން ދެއްވި ތަގުރީރެއްގައި އެ ގައުމުގެ ދިދަޔާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަ އެވެ. އެ މަނިކުފާނު ވިދާޅުވަމުން ގެންދެވި އެވެ؛ "ދިދަޔާ އެވެ! އަހުރެންގެ ކުރިމަތީގައި އޮތީ ވަރަށް ތުނި އެހައި މުރަނަ ބިއްލޫރި ފާލަމެކެވެ! އަރި އަޅާލާފައިވާ ރެނދުއަޅާފައިވާ މި ފާލަން މަތީގައި އެހެރަ ރީތި އަންހެން ކުއްޖާއަކީ މިއަދު އަހުރެން ސަލާމަތް ކުރާން ޖެހޭ އަހުރެނާއި ތިޔަބޭފުޅުންގެ ލޮބުވެތި މި ގައުމެވެ! ދިދަޔާ އެވެ! އަހުރެނަށް އެ ހިތްވަރު ހޯދައިދޭށެ!" 

އިއްޔެ ނޮވެމްބަރުން 17 އިގެ އަސުރުން ތިރިވެފައި ވަނިކޮށް މާލޭގެ ޖުމްހޫރީ މައިދާނުގައި ދިވެހިރާއްޖޭގެ، އަށް ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ، ރިޔާސީ ދައުރު ފެއްޓެވުމަށް ގައުމާ ގައުމާ މުހާތަބު ކުރައްވާން ފެއްޓެވި އިރު އަވަށްޓެރި ސްރީލަންކާގެ ރައީސް، ރަނިލް އެ އަޑު އައްސަވާން އިންނެވީ ކަންފަތްޕުޅަށް ތަރުޖަމާ އިވިވަޑައިގަންނަވާތީ އާއި އަތްޕުޅަށް ތަރުޖަމާ ލިބި ވަޑައިގެންފައި އޮތުމާއި ރައީސް މުއިއްޒުގެ އަޑުފުޅު ހުރި ގޮތުން ވަރަށް ޝައުގުވެރި ކަމާއެކު އެވެ. 

ރަނިލްއަކީ މި ސަރަހައްދުގެ ލީޑަރުންގެ ތެރެއިން ވާހަކަ ދެއްކުންތެރި ކަމުގައި ނުހަނު ބޮޑު ފުދުންތެެރިއެކެވެ.

ހަމަ އެެތާނގައި ބަހާއި ޖުމްލަތަކަށް ބޭނުން ގޮތެއް ހައްދަވައިގެން ފިސާރިއަށް ދޫފަސޭހައިގައި މޮޅަށް ވާހަކަފުޅު ދައްކަވާ ރައީސް މުހައްމަދު ނަޝީދު ޝައުގުވެރި ކަމާއެކު އަޑު އައްސަވާން އިންނެވި ކަހަލަ އެވެ. އެ ދަރުބާރުގައި ނެތް ނަމަވެސް އަޖައިބެއްފަދަ މޮޅު ވާހަކަ ދެއްކުންތެރި، ކުރީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް މުއިއްޒުގެ ތަގުރީރު އައްޑު އެއްސެވި އެވެ. އެކްސް މެދުވެރިކޮށް ވިދާޅުވި ގޮތުން ރައީސް މުއިއްޒުގެ އެ ތަގުރީރަކީ ބާރުގަދަ އަދި ހިތްވަރު ލިބޭ ފުރިމަ ތަގުރީރެކެވެ.

ރިޔާސީ ދައުރު ފެއްޓެވުމަށް ރައީސް މުއިއްޒު ދެއްވެވީ 1881 ލަފުޒުގެ މައްޗަށް ހިމެނޭ ތަގުރީރެކެވެ. މުޅި އެ ތަގުރީރު އެއް އިސްޕީޑެއްގެ ތެރެއަށް ލުމުން 15 ވަރަކަށް މިނެޓްގެ ތެރެއަށް ފެތެ އެވެ. 

ހުވާގެ އެ ދަރުބާރަށް ދާން ދައުވަތެއް ފޮނުވާފައި އޮތެއް ކަމަކު އެ މަންޒަރު ދެކޭން އަހަރެން މަޑުކޮށްލައިގެން ހުރީ ޖުމްހޫރީގެ މައިދާނުގެ ބޭރުން އާމުންގެ ތެރޭގަ އެވެ. 

ރައީސް މުއިއްޒު ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްވި ތާރީހީ ތަގުރީރު ފެއްޓެވި އިރު، ތަގުދީރު ވެސް ދިޔައީ އެ ތަގުރީރާ ބައިވެރިވެ ފިލްމު ރީލެއް އުފައްދައި ދެމުންނެވެ. 

ވައްކަން ކުރާ މީހުނާ ކަންކަން ސިއްރު ކުރާ މީހުން ބިރުގަންނަ ދަރަޖައަކަށް، ކަންކަން ނުފޮރުވާން ބާރު އަޅުއްވައި އަބަދުހެން މިހާރު ވާހަކަފުޅު ދައްކަވާ އާ ރައީސް މުއިއްޒު، އިއްޔެގެ ރިޔާސީ ތަގުރީރު ފެއްޓެވި އިރު، އުޑުމައްޗާ މާހައުލު އޮތީ ނަލަޔަށް އޮމާން ކޮށެވެ. އުޑުމަތީ ވިލާ ދުންޏެއް ކޫރުމެއް ވެސް ނެތެވެ. މުޅި މައިދާން ރަން އަވީގައި ލެވި އޮތީ ދިއްލާލާފަ އެވެ.

އިއްރެއްވިއްޔާ އިރެއް އެހެން ދަމުން ގޮސް ތަގުރީރުގައި ދިވެހިންގެ ފަހުރުވެރި ގައުމީ ދިދައިގެ ވާހަކަފުޅު ހިމެނޭ ނުކުތާ ފުރަތަމައަށް ގެންނެވި ހިސާބުން ހުރިހާ ދިވެހިން ދިވެހި ދިދއަށް ބައްލަވައިލެއްވުމަށް ރައީސް ދައުވަތު ދެއްވެވި އެވެ. 

އެތާނގައި ވިދާޅުވަމުން ގެންދެވި އެވެ: 

"... ތިޔަ އެންމެ ބޭފުޅުން، އެހެރަ ލޮބުވެތި ފަހުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން! މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުހާތަބު ކުރޭ! އެއީ، މިނިވަންކަމުގެ ދިދަ. އެކަން ދައްކައި ދިނުމަށްޓަކައި، ފިންޏާއި، ހޫނާއި، އަތްވާއި ވާރޭގައި، އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަން ޖެހޭ ސާބިތުކަމުގެ ވާހަކަ. އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކި ގޮތަކަށް ތަރުތީބު ވެގެން، ވަކި އިންތިޒާމެއްގެ މަތީ ބަޔަކު ތިބެގެންކަން. އެހެން ކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާން ކޮށްދެނީ، ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަކަށް ވަނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިސްލާހު ކުރުމުގައި، އެކަކު އަނެކަކަށް އެއްބާރުލުން ދީގެންކަން" 

އެ އިބާރާތްތަކުގައި ރައީސް ގެންނެވި އަތްވާ ވާރޭގެ ވާހަކައާ އެކުއެކީ އުޑުމަތިން ވިލާތަކެއް ރޫޅާލައި މަޑުމަޑުމުން ހިމަފޮދު ވާރެއެއްގެ ކެރި އުކާލި އެވެ. ހިނދެއްގައި އެ ވާރޭ ތުނިވެލައި ކެރި ކަނޑައި ވެސް ލައެވެ. އޭގެ ފަހަށް ރައީސް ދިވެހި ދިދަޔާ މުހާތަބު ކުރައްވާން ފެއްޓެވި އިރު ވައިމަތި ބަނަވެ ދިމަ ދިމާއަށް ވައިރޯޅި އުކިގަތެވެ. ކޮޅިގަނޑެއްގެ އިޝާރާތް ދިނެވެ. އެ ހާއްސަ ވަގުތުކޮޅު ރައީސް މުއިއްޒު ދިވެހި ދިދަޔާ މުހާބު ކުރައްވަ އެވެ. އެ މަނިކުފާނުގެ އެ ވާހަކައިގެ ކޮންމެ ފަޅި ސިކުންތެއް ހުސްވެގެން ދިޔައީ ފިސާރި އަސަރެއް ކުރުވާފަ އެވެ. ދިވެހި ގައުމުގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިދީފަ އެވެ. 

އެއީ މިއަންނަ، އެމުނި ގެތުމެވެ: "އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން! ތިޔަ ދައްކައި ދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭ ފޮދު! ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން!" 

އަލާމާތެއް ފަދަ އެ އިބާރާތްތައް ވިދާޅުވުމުގައި މުޅި ތަގުރީރު ނިންމަވާން ހިއްޕެވި އިރު، މުޅި އެ ތަގުރީރުގެ ހުލާސާ އޮތީ ގައުމީ ދިދައިގެ ފެއްސާ ރަތާއި ހުދު ހަނދުފަޅީގެ ތެރެއަށް ލައްވާފަ އެވެ. އެ ހުރިހާ ވާހަކައެއް ހިމުން ކުރައްވާ އެއްތަން އަނެއް ތަނާ ކެވެލި ޖައްސަވާ ދިދައާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް ވެސް އަސަރު ހުރި ވާހަކަތަކެވެ. 

އަދި އެހައިރުން ދިވެހިރާއްޖެއަށް ވަރަށް މުހިންމު ވެއްޖެތާ އެތަކެއް ޒަމާންވީ ނިންމެވުމެއް ވެރިކަމުގެ ފުރަަމަ ދުވަހުގެ ފުރަތަމަ ހިނދުކޮޅުގައި އިއުލާނު ކުރެއްވެވި އެވެ. އެއީ މީގެ ފަހުން ދިވެހި ދިދަ ތިރި ކުރުމެއް ނޯންނާނެ ކަމުގެ ބާރުގަދަ އިއުލާނެވެ. 

"... އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަ ކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރި ކުރުމެއް ނެތި ރެޔާއި ދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!"

އިއްޔެގެ ދަރުބާރުގައި -- ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި -- ފެނުނީ ބައެއް ދިވެހިން ގައުމީ ސަލާމަށް ވެސް އެއްބަސް ނުވެވިފައި ތިބި ތަނެވެ. ގައުމިއްޔަތުގެ ވާހަކަ ދެއްކެވި ބޭފުޅުން، ގައުމީ ސަލާމުގެ ވަގުތުގައި އެތާ ތިއްބެވީ މޭމަތީން ހިތުގައި އަތް ޖައްސާލައިގެނެވެ. އެ ކަން ނުކޮށް އެ ވާހަކަ ނުދައްކާ ފަސް އަހަރު ދުއްވާލި މީހުން ތިބީ ދެ އަތް އެލުވާލައިގެނެވެ. 

ދުނިޔޭގެ އެއްވެސް ގައުމެއްގައި ގައުމީ ސަލާމުގެ ވަގުތުގައި ގައުމީ ސަލާމަށް ތިބެން ނޭނގުމަކީ އެ ގައުމެއްގެ މީހުނަށް ވަރަށް ނުވާނެ ނާދިރު ކަމެކެވެ. ރާއްޖޭގައި ގައުމީ ސަލާމުގެ ވަގުތު ކަން ކުރަންޖެހޭ ގޮތުގެ ގަވައިދެއް އޮވެ އެވެ. އެ ގަވައިދު މިދިއަ ސަރުކާރުން އުވައެއް ނުލަ އެވެ. އެ ބާތިލު ނުކޮށް އެއަށް އަމަލު ކުޅަ ބަޔަކަށް ވެސް އެމީހުނަކު ނުމެވެއެވެ. 

އިއްޔެ ދިވެހި އެއްވެ ތިބި ޖުމްހޫރީ މައަިދާނަކީ ކޮން ކަހަލަ މައިދާނެއް ކަން ހަނދާނަށް ގެނެސް ދެއްވައި އެ މައިދާނުގެ އުސް ކޯއްޓޭއަށް ނަގާފައިވާ ބޮޑު ދިދައާ ދިމާއަށް އެނބުރި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ގެންދެވީ ދިދަޔާ މުހާތަބު ކުރައްވަ އެވެ. އެ މުހާތަބު ކުރެއްވުމުގައި ފެންކަޅިވެ ވަޑައިގެން ގާތްގަނޑަކަށް ކީރިތި ކުރެއްވި އެވެ. އަޑުފުޅު ކުރެހުނުކަން ގައިމެވެ. 

ރައީސް މުއިއްޒު ދިދައާ މުހާތަބު ކުރެއްވި ބަސްމަގު

ރައީސް މުއިއްޒު އިއްޔެ ބޭނުންފުޅު ކުރެއްވެވި ބަސްމަގަކީ ޕާސަނަފިކޭޝަނެކެވެ. އެއީ ވަރަށް ހާއްސަ އެހައި ހައްސާސީ އަދި ޖަޒުބާތާ ކުޅޭ އާދަހިލާފަށް އަސަރު ހުންނަ ފާޑެއް އަދި ވައްޓާފާޅި އެކެވެ. މިބާވަތުން މުހާތަބު ކުރުމުގައި، ޕާސަނެފިކޭޝަން އެންމެ ބޮޑަށް އެންމެ ކަފިކަތްޕަށް އޮތީ، އެކަން އެންމެ މުއްސަނދީ އަރަބީންގެ ތެރޭގަ އެވެ. އަރަބި ބަހާއި އެ ބަހުގެ އަދަބިއްޔާތުގަ އެވެ. 

އޭގެ މިސާލެއް ލިބިގަތުމަށް ކީރިތި ރަސޫލާގެ ސީރަތުގައި ހުސައިން ސޮލާހުއްދީނު ގެންނަވާފައިވާ މި ޖުމްލަތައް ފުދޭހައި ވާނެ އެވެ. އެއީ ރަސޫލާ މައްކާއިން ނުކުމެ ވަޑައިގެންނެވި ރޭ، ގެފުޅާ ދިމާއަށް ބަލަވައި ހަދީސްފުޅު ކުރެއްވި ވާހަކަފުޅެވެ.

"އޭ މައްކާ އެވެ! މާތް ކަލާނގެ ހެއްދެވިހާ ބިންތަކުގެ ތެރެއިން އަހުރެން އެންމެ ލޯބިވާ ބިމަކީ ކަލޭގެ އެވެ! އެކަމަކު ކަލޭގެ އަހުލުވެރީން އަހުރެން ނެރެލައިފިޔަތީވެ، މިދަނީ ނުކުމެގެންނެވެ! ނެރެ ނުލިނަމަކަ ނުނުކުތީމުހެވެ!" -- މިއީ އެއްފަދަ ކުރުމެއް ނޫނެވެ. މިއީ ރައީސް މުއިއްޒުގެ ބާރު ގަދަ ތަގުރީރުން ފެނުނު އެ މަނިކުފާނު ފައްކާ ކުރައްވާފައިވާ ވާހަކަ ދެއްކުންތެރިކަމުގެ  ގޮތެއް ފާހަކޮށް ދޭން ގެނައި އިބާރާތެކެވެ. 

ހަގީގަތުގައި މި ޒާތުން ވާހަކަ ދެއްކުމަކީ ފުރާނަ ނެތް އެއްޗަކަށް ފުރާނަ ހުރި އެއްޗެއްގެ ސިފަ ދީގެން ވާހަކަ ދެއްކުމެވެ. މިއީ ވަހާކަ ދެއްކުންތެރި ކަމުގެ ވަރަށް މަތީ ފެންވަރެކެވެ. 

ރައީސްގެ ތަގުރީރު ބައެއް އުސް އަލިތައް

ރައީސް މައުމޫނާއި ހަމައިން މިއަތަށް މިހާތަނަށް ދިވެހިންގެ އެއްވެސް ރައީސަކު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި ކުރީން ވެވަޑައިގެންނެވި ވައުދުތަކުގެ ވާހަކައެއް ނުދައްކަވަ އެވެ. އަމިއްލަ ވައުދުތައް ހަނދާން ކޮށެއް ނުދެއްވަ އެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އެ މަނިކުފާނުގެ ރިޔާސީ ފުރަތަމަ ތަގުރީރުގައި ރޫހެއް ދިރުވީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ސުރެން ސުރެން ހިމެނޭ ވައުދު ފޮތެއް ނެރުއްވައި އެއާ ލާމެހޭނެ ހެނެވެ. 

އޮންލައިންކޮށާއި ޗާޕް ޖަހައިގެން އާންމު ކޮށްލި 900 އެތައް ސޮފުހާއެއްގެ ވައުދު ފޮތުގައި އޮތީ ރިޔާސީ ކެމްޕޭނުގައި އެ މަނިކުފާނު މުޅި ރާއްޖޭގައި ދެއްކެވި ހުރިހާ ވާހަފުޅަކާއި ހުރިހާ ވައުދެކެވެ. 

ރިޔާސީ ތަގުރީރުގައި އަލުން ރައްޔިތުންނަށް ހަންދާންކޮށް ދެއްވި ޖުމްލަ ހުލާސާއަކީ ވެސް އެ ވައުދުތަކެވެ. އެ ފޮތް ނުކިޔާ ތިބި މީހުނަށާއި ކީ މީހުނަށެވެ. މުޅި ހުލާސާގައި ރައީސް އަމާޒު ހިއްޕަވާފައި އޮތީ މައިގަނޑު ދެ ވާހަކައަކަށް ބާރު އަޅުއްވައިގެނެވެ. އެއީ އުމްރާނީ ބިނާ ކުރުމާއި ސިކުނޑި ބިނާ ކުރުމުގެ ވާހަކަ އެވެ. ތިލަ ދޭހައަކީ ރާއްޖެ ބިނާ ކުރުމާއި ގައުމު ބިނާ ކުރުމުގެ ވާހަކައިގެ ދެ ނުކުތާ އެވެ. 

ރާއްޖެ ބިނާ ކުރުމަކީ ގެދޮރާއި މަގުތަކާއި ފާލަންތަކާއި ސަލާމާތީ ބުރުޒުތައް ބިނާ ކުރުމުވެ. ގައުމު ބިނާ ކުރުމަކީ އިންސާނުންގެ އަހުލާގާއި ދީނާއި އުޅުންތެރި ކަމާއި ހުނަރުވެރިކަން ބިނާ ކުރުމެވެ. މުޅި ރިޔާސީ ތަގުރީރު ބިނާ ކުރައްވާފައި އޮތީ މި ދެ އަސާސްގެ މައްޗެށެވެ. -- ރާއްޖެ ބިނާ ކުރުމާއި ގައުމު ބިނާ ކުރުމެވެ. -- "ރާއްޖެ" އެއީ ތަަނާ ގުޅިފައިވާ ވަހަކަތެކެވެ. "ގައުމު" އެއީ މީހުނާ ގުޅިފައިވާ ސިފަތަކުގެ ވާހަކަތަކެވެ.

އެ ދެ ނުކުތާ ހުލާސާ ކުރައްވަން ފުރަތަމަ ޝޯކޭޝް ކުރެއްވެވީ ރާއްޖެ / ތަންތަން އޮތް ހާލަތެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފޯރުންތެރިކަން ވެއްޓިފައިވާ ހާލަތާއި ދަރާ ވިކިފައި އޮތް މިންވަރާއި އެހެން ހުރި ގޮންޖެހުންތަކާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަކަން ފާހަގަ ކުރެއްވުމާއެކު ބާރު ލައްވާ ވިދާޅުވެފައި ވަނީ ދިވެހި ރާއްޖެ އޮންނަން ވާނީ ދިވެހިންގެ އަތުގަ އެވެ. ދިވެހިންގެ ނިންމުންތައް ނިންމާން ވަނީ ދިވެހިންނެވެ. އަދި އެ މަނިކުފާނާ ހަމައިން، އެ މަނިކުފާނުގެ ވެރިމުގައި ދިވެހި ރާއްޖެ ދެން ހިނގާނީ އެ ފަލްސަފާގެ މައްޗަށެވެ. 

ދެން އޭގެ ތެރެއަށް ކޮއްޕަވާ ލެއްވެވީ އަމާން ކަމުގެ ވާހަކަ އެވެ. ބޭރުގެ އަސްކަރީ ސިފައިންގެ އެއްވެސް ބަޔަކަށް ރާއްޖެ ފައިބައި ނުތިބެވޭނެ ގޮތް ހެދުން އެއީ އެމަނިކުފާނު ކުރައްވާނެ ކަމެކޭ ވިދާޅުވަމުންނެވެ. ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށޭ ވެސް ވިދާޅުވަމުންނެވެ.  

"... އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ގައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ގައުމުތަކާ ރަޙްމަތްތެރި ވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށްވެސް އިހުތިރާމު ކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެތާނގައި އަދިވެސް ވިދާޅުވަމުން ގެންދެވި އެވެ: "ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެ ވެސް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިހުތިރާމު ކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތު ވެގެނެއް ނުވާނެ. އެ އިހުތިރާމު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން. ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން. އެއީ، ދިވެހި ރައްޔިތުން އެދޭ ގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ގައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރު ކޮށްދޭނަން،" 

ރައްޔިތުންނަށް ހުރި ވާހަކަތަކަށް ވެސް ރައީސްގެ މިސްރާބު ގެންދަވާފައި ވެއެވެ. މައިގަނޑު ގޮތެއްގައި ފުށިދިއްގަރު ފަޅާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާ ކުރާ ބިނާވެށިތަކާއި އުމްރާނީ މަސައްތަކުގެ ގެދޮރުވެރި ކަމާއި އާންމު ހިތްފަސޭހަ ކަމުގެ ބިނާ ކުރުންތައް މުޅި ރާއްޖެއަށް ބުރުވާލެވިގެން ދާނެ ކަމުގެ ވައުދުތައް ހުލާސާ ކޮށް ދެއްވި އެވެ. 

ދިވެހިންގެ މުއްސަނދި ކަމާ ގުޅިފައިވާ މަސައްކަތަކަށް އިސްކަން ދެއްވުމާއި ފަތުރުވެރިކަން ކަމާއި ދަނޑުވެރިކަމާއި ވިޔަސް މަސްވެރިކަމާއި ވަޑާން ކުރުން ކަމަށް ވިޔަސް ހުރިހާ މަސައްކަތްތެރި ކަމަކަށް އިސްކަންދީ ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރިކޮށް ގުޅުވާލައި ދީ އެކަން ކަމަށް ހެޔޮ ބަދަލު ގެނެސްދޭ ވާހަކަތައް ވިދާޅުވި އެވެ. 

އުމުރުން ދުވަސްވީ މީހުނާއި ހުރިހާ ބާވަތެއްގެ ދަންނަ ބޭކަލުން / އިލްމުވެރިންގެ އަގު ވަޒަން ކުރައްވާނެ އެވެ. އެ ބޭފުޅުންގެ ދިރާސަތަކަށް ތަން ދިނުމާއި އެ ބޭފުޅުންނަށް ގަދަރު ދެއްވުމުގެ ވާހަކަ އެވެ. އިލްމުވެރިންނަށް ގަދަރު ކުރާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ވާހަކަފުޅެވެ. ޒުވާނުން ރަނގަޅު ހަރުދަނާ ބަޔަކަށް ވެފައި ތިބޭތަން ދެކެ ވަޑައިގަންނަވަން ބޭނުފުޅު ވެއެވެ. މަސައްކަތްތެރި އުޅުމާއި ގޮތް ހުރި ބަޔަކަށްވެ ޒިންމާ އަދާ ކޮށްދެއްވުމަށް އެދި ވަޑައިގަންނަވަ އެވެ.

އިލްމުވެރިންގެ ދުލާ ގަލަމަށް ފުރިހަމަ މިނިވަންކަން އޮންނާނެ އެވެ. ހަމަ އެގޮތަށް އިސްރަށްވެހީންނަށް ހާއްސަ އިސްކަމެއް  ދެއްވާނެ އެވެ.

ސަރުކާރުގެ ސޫރަ ކުރެއްސެވުން

ރައީސް މުއިއްޒު ތަގުރީރުގައި އެ މަނިކުފާނުގެ ސަރުކާރުގެ ސޫރަ ކުރައްސަވައި ދެއްވި އެވެ. އެ މަނިކު އެ ސޫރަ ކުރައްސަވަނީ އަދުލުވެރިވެ ބޭއިންސާފުން ނެއްޓި ވަޑައިގެނެވެ.

"... ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރު ކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ. މާތް ﷲ ގެ ހެޔޮ ތައުފީގާއެކު، އިރާދަކުރެއްވިއްޔާ، ވީ ވައުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ! އަޅުގަނޑުމެންގެ ސަރުކާރު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ގައުމާއި، ފަސްގަނޑު ދިފާއުކުރާނެ. ޣަދަރުވެރިއެއް ނުވާނެ! އަޅުގަނޑުމެން ވާނީ، ބިނާކުރާ ބަޔަކަށް. އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާ ކުރާނެ! ހުވަފެނެއް ނުދައްކާނެ! ނިކަން ރަހުމާއި، ކުލުނާއި އަގަލު ހުންނާނެ! އަނިޔާވެރިއެއް ނުވާނެ! ރައްޔިތުންގެ އަޑުއެހުމާއި، ރައްޔިތުންގެ ހާލުބަލައި، ކަންކަން ހައްލުކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިހުލާސްތެރިކަމާއެކު ދެމިތިބޭނަން. އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ، އެކަކު އަނެކަކަށް ހިނިތުންވާށޭ! ގުޅުންތައް ދަމަހައްޓާށޭ! ލޯތްބާއި އިޙްތިރާމާއެކު، އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މާތް ސިފަ މުޅިރާއްޖޭގައި އާލާކުރާށޭ! ހިތްފަސޭހަ، ހިތްގައިމު ދިވެހި މުޖުތަމަޢެއް ބިނާކުރާށޭ! 

ހުރިހާ ކަމެއްގެ ފަރުވާ ގެންނެވި ގޮތް

މުޅި ތަގުރީރުގައި ފާހަގަ ކުރެއްވި ކަންކަމަށް އޮތް ފަރުވާގެ ވާހަކަ ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވާން ވެގެން ރައީސް ފާހަގަ ކުރައްވާފައި ވަނީ ދީނާއި ގައުމިއްޔަތެވެ. ގައުމު ދެކެ ދެކެ ލޯބިވުމާއި ގައުމަށް އަމާނާތްތެރިވުމެވެ. 

އެކަންކަން އެ މަނިކުފާނު ކުރައްވާނެ އެވެ. އެކަންކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ އެވެ. ގައުމާއި ދީނަށް ވަފަރާތެރި ބަޔަކު އުފުދުމާއި ގައުމުގެ ދިދައަށް އިހުތިރާމް ކުރުމާއި ގައުމުގެ އަގުތަކަށް އިހުތިރާމް ކުރާނެ ކަމެވެ. 

ސަރުކާރަކަށް، ވެރިޔަކަށް ދެރަބަހެއް ނެތް

އެއްވެސް މީހަކަށް ވެރިޔަކަށް ސަރުކާރަކަށް ދެރަބަހެއް ވިދާޅުވެ ކުޑަމީހެއް ކުރައްވާފައި ނެތެވެ. ރައީސް އެ ތަގުރީރުގައި މީހުނަށް އިހުތިރާމް ކުރާން އެދި ވަޑައިގެންނެވި އިރު ނަމޫނާ ދައްކަވާ އެއްވެސް މީހަކަށް އެ މަނިކުފާނު ބަދު ބަހެއް ވެސް ވިދާޅެއް ނުވެ އެވެ. މިސާލަކަށް 119 ބިލިއަން ރުފިޔާ ދަރަނީގެ ވާހަކަ ފާހަގަ ކުރެއްވި އިރު ވެސް ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ބޮޑު ދަރަނީ ނަމްބަރު ނިސްބަތްވާ ސަރުކާރެއް، ވެރިއެއް، ގައުމެއްގެ ވާހަކަ ވެސް ވިދާޅެއް ނުވެއެވެ.

މިހާތަނަށް ވަޑައިގެންނެވި އެހެން ވެރިން ދެއްކެވީ ކުރީގެ ބޭފުޅުންގެ ވާހަކަ އެވެ. އޭގެ ބަދަލުގައި ރައީސް މުއިއްޒު ދެއްކެވީ އަމިއްލަފުޅު ވާހަކަ އެވެ. 

އާންމުކޮށް ވެރިން އިންތިހާބުތަކުގެ ތެރޭގަގައި ވަރަށް ތަފުސީލުކޮށް ވައުދުތައް ވިދާޅުވެ އެވެ. އެކަމަކު ހޮވި ވަޑައިގަތުމަށް ފަހު ވައުދުތަކުގެ ވާހަކަ ޖުމްލަ ކުރައްވަ އެވެ. އެހިސާބުން ވިދާޅުވާނީ ދެން ރާއްޖެ ދެކޭނީ އުފާވެރި ދުަވސްތަކެކެވެ. އުންމީދީ ފާގަތި ދުވަސްތަކެކެވެ. ހިތްތަކަށް ހަމަޖެހުން ލިބޭނެ އެވެ. އެކަމަކު ރައީސް މުއިއްޒުގެ މި ތަގުރީރުގައި ކުރެއްވެވި ކަމަކީ އަނެއްކާވެސް ވައުދުތައް އާ ކުރައްވާ ހަނދާކޮށް ދެއްވީ އެވެ. އަދި އިލްތިމާސްތައް ކުރެއްވީ އެވެ

"މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ! މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަޚުލާޤު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ!
މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!

ރައީސްގެ ތަގުރީ ނިންމާލައްވަފައި ވަނީ މަޝްހޫރު ޅެންވެރިޔާ ޔޫސުފު މުހައްމަދުފުޅު (އެދުރުބެ) ގެ ޅެމެއްގެ ބައިތެކެވެ.

ކޮންފަދަ ނަސީބެއްތޯއެމީ ދޮންވެލި ބިމެއްގައި ލެއްވުމީ! ހަންހާރަވެރި ދިވެހިންގެ މީ ގިންތީތެރޭ ހިމެއްނުވުމީ!

މި ޅެން ބައިތު އޭގެ ވަޒަނުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި އިރު، ރައީސް ރަނިލް އާއި އެހެންވެސް ބޭފުޅުން އަޑު އައްސަވާން ތިއްބެވީ ނުހުނަ ޖޯޝުގަ އެވެ. މުޅި ތަގުރީރަށް ބޭރުން މާ ބޮޑު ތަރުހީބެއް ބަންޑުންވީ ވެސް އެހެން ވެގެނެވެ. އާދެ، ހަމަ އެހެން ވެގެނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.