ކޮލަމް

ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަދުނާން ހަލީމްގެ ސިޓީއެއް

މި ދައުލަތުގެ ރައްޔިތުން އަމިއްލަ ހިތަކަށް މަސައްކަތް ކުރާނޭ މިނިވަން ކަމަކާއި، ރައްޔިތުންނާއި ދައުލަތާއި، ސަރުކާރު ތަކާއި، ވެރިންނާ ދެމެދު އޮތް ގުޅުން ތަކުގެ ބޮޑުކަމުންނެވެ.

بسم الله الرحمن الرحيم
 
ދިވެހީންގެ މި ދައުލަތުގެ އަހުލުންނޭވެ.
ވެދުން ސަލާމަށް ފަހު ނުހަނު އިޙްތިރާމާ އެކު މި ފޮނުވާ ސިޓީ ލިޔެލަން ހުއްދަ ދެއްވާށެވެ.

މި ލޮބުވެތި ޤައުމުގެ އަބްޠާލުންނޭވެ.

މި ލޮބުވެތި ޤައުމުގެ ކަންކަން މިއަދު ހިންގަމުން މިދާ ގޮތާއި، އިއްޔެ ކަންކަން ހިނގަމުން ދިޔަ ގޮތާއި، މާދަމާ ކަންކަން ވެދާނެ ގޮތާއި މެދު ފިކުރު ނުކުރަން ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ކާބަފައިން ކަމުގައިވާ އުތީމު ޣާޒީ ބަންޑާރައިންނާއި، ހުރަވީ ދޮންބަންޑާރައިން ފަދަ ބަޠަލުން އަޅުގަނޑުމެންނަށް ގެނެސްދިން ޤައުމެވެ. އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު ސޮއިކުރައްވައި އިނގިރޭސީންގެ އިސްތިޢުމާރުން މިނިވަން ކުރެއްވި ޤައުމެވެ. ޝަހީދު ޢަލީ ރަސްގެފާނާއި، ޝަހީދު ޙުސައިން އާދަމާއި، އެފަދަ އެތައް އެތައް މުޖާހިދުންގެ ލެއިން ޤުރުބާނީވެ އަޅުގަނޑުމެންނަށް ވާޞިލުކޮށްދިން ޤައުމެވެ.

މި ޤައުމުގެ އިހުގައިވެސް އަދި ފަހުގައިވެސް މިޤައުމަށް ކުރިމަތިވިހައި ތުރާލަކާއި. ދައްޗެއްގައި މި ޤައުމު ކޮނޑުއަޅައިގެން ތިބީ މި ޤައުމުގެ ދަރިންނެވެ. ބަޔަކަށް ދޭން ޖެހުނު އެއްޗެއް ދެމުން ދިޔައީ މި ޤައުމުގެ ދަރިން ހޯދި އެއްޗަކުންނެވެ. ބޭރު ބިދޭސީންގެ އުނގަށް ވެއްޓި ދަރަނިވެރި ވެގެނެއް ނޫނެވެ. މީހުންގެ ފައިބުޑަށް ވެއްޓި އާދޭސްކޮށް މީހުންގެ ދަށުވެގެންނެއް ނޫނެވެ. އަމިއްލަ އަތުން ކުރާ މަސައްކަތަކާއި، އަމިއްލަ އަށް ހޯދާ އެއްޗަކުންނެވެ.

ތާރީޚުގެ ފިލާވަޅުތަކުން ވެސް އެނގޭނޭ ފަދައިން މިޤައުމުގެ ހީވާގި ރައްޔިތުންނާއި، އެ ރައްޔިތުންގެ ތެރެއިން ހިމެނޭ ވިޔަފާރި މަސައްކަތްކުރާ ދަރިންގެ ހިންމަތާއި، މިންނަތުން ވިޔަފާރި ކުރިއަރުވައި، ޤައުމު ތަނަވަސްކޮށްދީ ޤައުމުގައި ބޮޑެތި ޞިނާޢަތްތައް އެ މީހުން އުފައްދައިފިއެވެ. ހަތުރުން ބުނީ މި ޤައުމުގައި ޒަމާނީ ވިޔަފާރީގެ ފަތުރުވެރިކަމެއް ނުހިންގޭނޭ ކަމަށެވެ. އެކަމަކު މިދީބުގެ އަރުތަވެރިން މުޅި ދުނިޔެ ސިއްސުވާލާފައިވަނީ އަވަށްޓެރިންނާއި، ދުރުހިލޭ މީހުން ވެސް ޙަސަދަވެރިވާނޭ ފަދަ ހުނަރާއި ކުޅަދާނަ ކަމާއެކުގައެވެ. ދުނިޔޭގެ އެންމެނެްގެ ކަޅި ހުއްޓާފައިވަނީ ދިވެހިންގެ މި ރީތި ރާއްޖެ އަށެވެ. ހޯރައަޅަމުން ދަނީ މި ރާއްޖޭގެ ހާއްޔަކަށް  ތިރިކޮށްލާނޭ ގޮތެއް ހޯދުމަށެވެ.

ލޮބުވެތި މުވާޠިނުންނޭވެ.

އަހަރެމެންގެ މައްޗަށް ކަޅިއަޅަމުން އޭރުވެސް ދިޔަ މީހުން މިހާރުވެސް ކަޅިއަޅައެވެ. އޭރު އެދެމުން ދިޔަ ގޮތާއި މިއަދު އެދޭ ގޮތް ތަފާތީއެވެ. ބޭނުންތަކާއި، މުހުތާދުތައް ތަފާތީއެވެ. އެކަމަކު އަޅުގަނޑުމެން ދަންނަން ޖެހޭނޭ ޙަޤީޤަތަކީ ތަނަވަސް ކަމާއި، މުއްސަނދިކަމުގެ މައްޗަށް ދަހިވެތިވާ ބަޔަކު އަބަދުވެސް އުޅޭނޭ ކަމެވެ. މި ރާއްޖޭގެ މިލްކުވެރިކަމަށް ދަހިވެތިވާ ބަޔަކު އަބަދުވެސް އުޅޭ ކަމެވެ. އަދި ޒަމާނީ އިސްތިޢުމާރީ ވަށްޓަފާޅި ތަފާތުވާނޭ ކަމެވެ.

ލޮބުވެތި މުވާޠިނުންނޭވެ.

މި ޤައުމުގެ ތަނަވަސް ކަމަކީ އެއީ މި ޤައުމުގެ ހީވާގި މުރާލި ރައްޔިތުންގެ އެއްޗެކެވެ. އެ ތަނަވަސް ކަމާއި، މުއްސަނދިކަން މި ޤައުމުގެ ވިޔަފާރި ވެރިން ވިޔަފާރި ތަކުން ހޯދީ މިޤައުމުންނެވެ. މި ޤައުމުގެ ފަސްގަނޑުންނެވެ. މިޤައުމުގެ ގޮނޑުދޮށްތަކާއި، ފަރުތަކުންނެވެ. މި ޤައުމުގެ ކަނޑުފަޅުންނެވެ. މި ދައުލަތުގެ ރައްޔިތުން އަމިއްލަ ހިތަކަށް މަސައްކަތް ކުރާނޭ މިނިވަން ކަމަކާއި، ރައްޔިތުންނާއި ދައުލަތާއި، ސަރުކާރު ތަކާއި، ވެރިންނާ ދެމެދު އޮތް ގުޅުން ތަކުގެ ބޮޑުކަމުންނެވެ. މި ރާއްޖެއާމެދު ބޭރު ބިދޭސީން ސަމާލުކަން ދެނީ މި ޤައުމުގެ ދަރިންގެ މެހްމާންދާރީއާއި، ހެޔޮކަމާއި، އަދަބުވެރިކަމާއި، އޯގާތެރިކަމާއި، އަބުރުވެރިކަމާއި، މިފަދަ މިފަދަ އެއްތައް ސިފަތަކަކާ ހެދިއެވެ.

ޤައުމުގައި ފަސާދަ އިތުރުވެ ރައްޔިތުންނާއި، ވެރިންގެ ގުޅުން ކެނޑިއްޖެއެވެ. ރައްޔިތުން ބައިބައި ވެއްޖެއެވެ. ހިހޫތަނުން ކައިގެން މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެންް ތިބުން ގިނަވެއްޖެއެވެ. މަންމަގެ ފަށްޓަރުބައި ވިއްކާލައިގެން ނުވަތަ ޤައުމުން ބައެއް ވިއްކާލައިގެން ނަމަވެސް ބޭނުމެއް ނުހިފޭ އަދި މަންފާއެއް ނުލިބޭ ކަންކަން ކުރަން ޖެހިއްޖެއެވެ. ޤައުމުގެ ވިޔަފާރިވެރިންނާއި، މަސައްކަތްތެރިންނަށް ޤައުމުގައި ފުރުޞަތު ހަނިވާން ފަށައިފިއެވެ. ވޯރާއިންގެ އާޖީލެއް އާގޮތަކަށް މި ޤައުމުގައި އެތުރެން ފަށައިފިއެވެ. ޕޯޗުގީޒުންނާއި، މަލާބާރުންނާއި، ހޮޅީންގެ ސަފުތައް އަލުން ރުކުރުވާން ފަށައިފިއެވެ.

މިލޮބުވެތި ޤައުމުގެ ވެރީންނޭވެ.
މި ދީބުގެ ލޮބުވެތި ރައްޔިތުންނޭވެ.
މި ފަޚުރުވެރި ޤައުމިއްޔަތުގެ މުވާޠިނުންނޭވެ.

މި ދައުލަތަށް ލިބޭއެއްޗަކަށް ވުރެން ޚަރަދު ބޮޑުކޮށް މި ދައުލަތް ހިންގާން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މި ދައުތަށް ބުރަ ނުއުފުލޭނޭ  ކަންކަން ކޮނޑުއަޅައި، މި ދައުލަތަށް ނުދެއްކޭނޭ ވަރުގެ ދަރަނިތައް ތަންތަނުން ނަގައި މި ޤައުމުގެ ރައުސުލްމާލާއި، ޚަޒާނާ ހުސްކޮށް އެތަނަށް ފަނި ފަކުސައެއް ނުވަތަ ހިންޏެއް ވިޔަސް ވަންނާނޭ ބޭނުމެއް ނެތް ތަނަކަށް ތިޔަ ހަދަނީ ކީއްވެގެން ހެއްޔެވެ؟ މި ދައުލަތުގެ ޙަޤީޤީ ވެރިން ކަމުގައިވާ މި ދައުލަތުގެ ރައްޔިތުންގެ ކޮން ކުށަކާ ހެދި ހެއްޔެވެ؟  މިދައުލަތުގެ ހީވާގި މުރާލި މަސައްކަތްތެރި ރައްޔިތުންނާ މެދު ކޮންކަމަކާ ޙަސަދަވެރި ވެގެން ހެއްޔެވެ؟ މި ޤައުމުގެ ދަރީންކުރެ ކިރު ތުނބުގައި އެތިބަ ކުޑަކުޑަ  މަޢުޞޫމް ދަރިންެގެ ބޮލުގައި ދަރަނި ތިޔަ އަޅުވާއިރު އިޙްސާންތެރި ކަމެއް ވެސް ހަމަ ނެތީ ހެއްޔެވެ؟ މުސްކުޅިވެ ގައިބާރު ދެރަވެ މަސައްކަތް ކުރާނޭ ހަކަތައެއް ނެތިފައި އެނދުމަތި ވެފައި ނުވަތަ ޖޯލިތަކުގެ އެތިބަ އިސް ރަށްރެވެހީންގެ ވަރުބަލި ވެފައިވާ ކޮނޑުގައި ތިޔަފަދަ ބޮޑު ބުރައަކާއި، ދަރަންޏެއް ތިޔަ އަޅުވަނީ އެމީހުންގެ ކޮން ކުށަކާހެދީ ހެއްޔެވެ؟

އޭ ލޮބުވެތި މުވާޠިނުންނޭވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.

އިއްޔެގެ ޖީލުތަކުން މިޤައުމު ބިނާ ކުރަމުން އައީ އެހިނދަކަށް ލިބުނު އެއްޗަކުން ފުއްދައިގެން ބުރައަކަށް ނުވެ ދެއްކޭނޭ ފަދައިން ދަރަނި ނަގައިގެން އަވަށްޓެރިންނާއި، ދުރުހިލޭ މީހުންނާމެދު އެއްވަރެއްގެ ދުރުމިނަކާއި، ގާތްކަމެއް ބާއްވައިގެން ރަޙްމަތްތެރި ވެގެންނެވެ. މި ޤައުމުގެ ކުރިއެރުމާއި، މި ޤައުމުގެ ތަރައްޤީ މިހިސާބަށް ގެނެސްދިނީ މި ޤައުމުގެ ރައްޔިތުންނެވެ. އެ ރައްޔިތުންގެ ތެރެއިން މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނެވެ. އަދިވެސް އަތެއްލައި ކުރިއަރުވާން ތިބީ ހަމަ އެމީހުންނެވެ. މި ޤައުމުގެ ދަރިންނެވެ. އެހެން އެއްވެސް ބައެއް ނޫނެވެ.

މި ދައުލަތުގެ ލޮބުވެތި މުވާޠިނުންނޭވެ.  
މި ދައުލަތް ހިންގުމާ ޙަވާލުވެގެން ތިބި ރައްޔިތުންގެ ޚާދިމުންނޭވެ.

އިއްޔެވެސް މި ދައުލަތް ހިންގީ ރައްޔިތުން އެއްކޮށްފައި ދިން އެއްޗަކުންނެވެ. މިއަދުވެސް މި ދައުލަތުގެ ރައްޔިތުން މިއެދެނީ ހަމަ އެފަދައިންނެވެ. އިއްޔެއާއި މިއަދުގެ ތަފާތަކީ ބޭނުންކުރާ ތަކެއްޗާއި، އެ ތަކެއްޗަށް ކިޔާ ނަމާއި، ކަންކަން ކުރާ ގޮތެވެ. ރައްޔިތުންނާއި، ރައްޔިތުންގެ ވިޔަފާރިތަކުން ނަގައި ދައުލަތަށް މިދައްކާ ވާރުން، އެވާރަށް ޚިޔާނާތްތެރި ނުވެ އަމާނާތްތެރިވެ ދެކޮޅު ޖައްސައިގެން ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ މި ދައުލަތް ހިންގައިދޭށެވެ. އެ ވާރުން ނާޖާއިޒު ފައިދާ ހޯދައި ނަގައި، މި ދައުލަތުގެ މުދަލާއި، ތަކެތި އަމިއްލަ މަންފާ އަކަށްޓަކައި މީސްމީހުންނަށް ނުދެއްޗެވެ.

މި ޤައުމާ ތޮޅޭން އަންނަ މީސްމީހުން ފައްސައި، ޤައުމު ސަލާމަތް ކޮށްދޭށެވެ. އަހަރެމެން މިއެދެނީ މިދައުލަތުގެ ދޭދޭ މީހުންގެ މެދުގައި ކުރިމަތިވާ  ދެބަސްވުންތައް ޞުލްޙަކޮށް ޢަދުލުވެރިކަމާއެކު އިންޞާފުން ޝަރީޢަތް ހިންގައި މަޞްލަޙަތު އިސްކުރުމަށެވެ. އިސްލާމް ދީނުގައި ހިދާޔަތުގައި މި އެންމެ ތަކުން ގޮވައިގެން އިމާމު ކަމުގައިވެ، މިސްކިތްތައް އާބާތުރަ ފިލުވައި އަޅައި، އެތަންތަނަށް މަލިން މުދިމުންލައި ފަސްވަގުތަށް ބަންގި ގޮއްވައި ނަމާދުކޮށް ރޯދަހިފައި އުޅުމަށެވެ. މީސްތަކުންގެ މެދުގައި ޢަދުލުވެރި ވުމަށެވެ.

މި ދައުލަތުގެ ލޮބުވެތި މުވާޠިނުންނޭވެ.  
މި ދައުލަތް ހިންގުމާ ޙަވާލުވެގެން ތިބި ރައްޔިތުންގެ މަންދޫބުންނޭވެ.

ކޮނޑުގައި އަޅައިގެން ތިޔަ ތިބީ އަމާނާތެކެވެ. ބޮޑު އަމާނާތެކެވެ. ބޭރުގެ ދައުލަތްތަކުން ދަރަނި ނަގައި ބޭރުގެ ދައުލަތްތަކަށް މި ބިމުން ތަންދައްކައި، ބޭރުގެ ވިޔަފާރިތަކާއި، ކަންކަން މި ދައުލަތަށް ބާރެއް ނުފޯރާނޭހެން މި ބިމުގައި ހަރުލައްވަމުން ދާއިރު އެއްބަސްވުން ތަކާއި، ފަހުމު ނާމާތަކާއި،  ސިޓީތައް ރަނގަޅަށް ބަލައި ހަދާށެވެ. މަކަރުވެރި ބަސްތަކުންނާއި، އޮޅުވައިލުން ތަކުންނާއި، ދަށުވުން ތަކުން ސަލާމާތްވެ ތިބޭށެވެ. ރައްޔިތުންނާ ޙިއްސާ ކުރަންޖެހޭ ކަމެއް ނަމަ ރައްޔިތުންނާ ޙިއްސާ ކުރާށެވެ. ތިޔައީ ދިވެހި ވެރިކަމުގެ ތެރޭގައި ތިބި ރައްޔިތުންގެ މަންދޫބުންނެވެ. ތިޔަ މަންދޫބުންނަށް މުސާރަ ދެނީ އަހަރެމެން ރައްޔިތުންނެވެ. އެހެންވީމާ ޤައުމުގެ ހިންގުމުގެ ބާރުން ކަންކުރާ ގޮތް ބަލައި ޖަވާބުދާރީ ކުރުވާށެވެ. އަމިއްލަ އެދުންތަކާއި، ޚިޔާނާތުން ދުރުވެގެން ތިބެއެވެ. މި ލޮބުވެތި ޤައުމަށާއި، މި ޤައުމުގެ ރައްޔިތުންނަށް ވާފާތެރިވެ ތެދުވެރިވެ ތިބެގެންނެވެ.

މި ދައުލަތުގެ ލޮބުވެތި މުވާޠިނުންނޭވެ.  
މި ދައުލަތް ހިންގުމާ ޙަވާލުވެގެން ތިބި ރައްޔިތުންގެ ޚާދިމުންނޭވެ.

ވެރިންގެ މެދުގައި އުފެދޭ ވާދަވެރިކަމާއި، ވެރިކަމުގެ ތެރޭގައި ޝާމިލުވާ ޢާއިލާ ތަކުގެ ދެމެދުގައި އުފެދޭ ފިތުނައެއްގައި ރައްޔިތުންގެ މުދަލާއި، ތަކެއްޗާއި، ރައްޔިތުންގެ ފައިސާއާއި، ރައްޔިތުންގެ ޚަޒާނާއަށް އަތްލައި ހަދައިގެން ނުވާނެއެވެ. ވެރިކަން ހޯދުމަށް ނުވަތަ ވެރިކަމުގައި ދެމި ތިބުމަށް ނަހަމަ ގޮތުގައި ރައްޔިތުން ބޭނުންކޮށް ރައްޔިތުންނަށް އަނިޔާވެރިވެ އިންޞާފު އެއްކިބާކޮށް ޙުކުމް ކޮށްގެން ނުވާނެއެވެ. ނާޖާއިޒު މަންފާއާއި، ފައިދާ ހޯދުމާއި، ފައިސާ ހޯދުމަށް ކުއްޔަށް ވިޔަސް ދަރަންޏަށް ވިޔަސް ނުވަތަ ވިއްކަން ވިޔަސް މިރާއްޖޭގޭ ފަޅަކުން ވެލިގޯންޏެއް ނުވަތަ ފަރަކުން ގަލެއް ނުވަތަ ކަނޑަކުން އެންދެރިއެއް ނަމަވެސް ބޭރު ބިދޭސީންގެ އާރެއް ބާރެއް ހިނގާނޭ ހަމަ އެއްވެސް ގޮތަކަށް ދޫކޮށްގެން ނުވާނެއެވެ.
މިގޮތަށް މިމަގުން މިކަންކަން ނުކުރެވޭނޭ ނަމަ ވެރިކަމުގެ މަސްއޫލިއްޔަތު ބާއްވާފައި ދުރުވެގަންނާށެވެ. މި ދައުލަތް ހިންގާނޭ ތެދުވެރިޔަކު ލިބޭތޯ އަހަރެމެން ބަލައިފާނަމެވެ.

މި ދައުލަތުގެ ޤާނޫނު އަސާސީ ބުނަނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާ ނަންތަކުން ރައްޔިތުންގެ ގިނަ ބަޔަކަށް ފެންނަ މީހަކަށް މި ދައުލަތުގެ ވެރިކަން ޙަވާލުކުރުމަށެވެ. ރައްޔިތުންގެ މަންދޫބުންގެ ކުރިމަތީގައި ޤާނޫނު އަސާސީގައި ބަޔާންކޮށް ބުނެފައިވާ ހުވައި ކޮށްގެންނެވެ. އެ ހުވައި މާތްﷲ ގަންދީ ކޮށްގެން ދުވަސްކޮޅަކުން އެ ހުވައި ނަގައި އެއްލާލައި ޤައުމަށް ބޭވަފާތެރި ތިޔަ ވަނީ އެ ހުވަޔަށް މާތްﷲ ހެކިވެ ވޮޑިނުގަންނަވާ ކަމަށް ހީކޮށްފައި ހެއްޔެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ.

ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ އަތަށް ލިބޭ ވޯޓް ކަރުދާހާއި ގަލަމަކީ ވެރިކަން ބަދަލު ކުރުމާއި، ބަދަލު ނުކުރުމަށް ރައްޔިތުންނަށް ލިބޭ ބާރެވެ. ވޯޓު ލުމުގެ ބާރެވެ. އެއީ ރައްޔިތުންގެ ބާރެވެ.
ވޯޓުލާން ދާއިރު ވެރިކަމުގައި ހުރި ވެރިމީހާގެ ފަތްފުށްތައް ބަލައި ބިތުފަންގެކޮށައި ނަގައި ކެޔޮކޭވާރާއި، އަމާނަތްތެރިކަމާއި ޚިޔާނާތްތެރިކަން ވަޒަންކޮށް، ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށް ޤައުމު ހިންގައި ބާކީވީ ވަރެެއް ބަލައި ހިސާބު ކިތާބު ދެނެތިބެ، ޤައުމަށް ލިބުނު ގެއްލުމާއި، ފައިދާ ވަޒަންކޮށް އަނެއްކާވެސް ރައްޔިތުންގެ ވެރިޔަކު ރައްޔިތުންގެ ވޯޓުން ރައްޔިތުން ހޮވާނެއެވެ. އަހަރެމެން އެމީހާއަށް ދީފައި އޮންނަ މަޤާމަށް ކިޔަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ ރައްޔިތުންގެ ރައީސެވެ. ވަކި ބައެއްގެ ރައީސެއް ނޫނެވެ. އެއްވެސް ޕާޓީއެއްގެ ރައީސެއް ވެސް ނޫނެވެ. ވަކި ޤައުމަކަށް ރައީސްކަން ކޮށްދޭ ގޮނޑިކޮއްކޮއެއް ވެސް ނޫނެވެ. އެކަމަކު އެއީ މުޅި މިދައުލަތުގެ ރައީސެވެ. ދިވެހިންގެ ދިވެހި ދައުލަތުގެ ރައީސެވެ.

މި ޤައުމުގެ ލޮބުވެތި ޒުވާނުންނޭވެ.
ހީވާގި މަސައްކަތްތެރީންނޭވެ.
އުފެއްދުންތެރި ވިޔަފާރިވެރިންނޭވެ.
އެކި އެކި ޚިދުމަތްތެރީންނޭވެ.

ޤައުމުގެ ކުރިއެރުމުގައި ތިޔަ ކުރައްވާ މަަސައްކަތް ކުރައްވާށެވެ. ޤައުމިއްޔަތަށް ފެންދީ ހައްދާށެވެ. އިހުގައި އަދި ފަހުގައި ވެސް މި ޤައުމަށްޓަކައި ޝަހީދުވެ ފުރާނައިން ޤުރުބާންވީ ކޮންމެ މީހަކުމެ ޝަހީދުވީ ދުޝްމަނުންނާ ކުރިމަތިލައި ހުރެއެވެ. އެއިން ކޮންމެ ބަޠަލެއްގެ މޭ ޤައުމުގެ އައްޑަނައަކަށް ހަދައިގެންނެވެ. ޤައުމު ސަލާމަތް ކޮށްދިނީ ޤައުމާ ދިމާއަށް އައި ވަޒަން އެ ޝަހީދުންގެ މެޔަށް އަރުވައިގެންނެވެ. އެއީ މި ޤައުމުގެ ޒުވާނުންގެ ހިތްވަރެވެ. އެއީ މި ޤައުމުގެ މަސައްކަތްތެރި އުފެއްދުންތެރި ވިޔަފާރިވެރި ޚިދުމަތްތެރިންގެ ޤުރުބާނީއެވެ. މިއަދުގެ ޒުވާނުންނާއި، މަސައްކަތްތެރިންނާއި، އުފެއްދުންތެރިންނާއި، ޚިދުމަތްތެރި ވިޔަފާރިވެރިންގެ ހިތްވަރާއި، އަޒުމަކީ ވެސް އެއީއެވެ.

މިޤައުމުގެ ދަރަނި ބޮޑުވެއްޖެއެވެ. މި ޤައުމުގެ ބޭރުގެ ދަރަނީގެ މިންވަރު ބަރުވެ އުފުލޭ ވަރެއް ނުވެއެވެ. ބުނަމުންދާ ގޮތުގައި ހިސާބުތަކުން ފެންނަ ގޮތުގައި 2026 ވަނަ އަހަރު ދަރަނި އަދާ ކުރަންޖެހޭ މިންވަރު ހުރީ 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެން މަތީގައެވެ. މިއީ ދަރަނި އަދާ ނުކުރެވޭ ޙާލަތުގައި ޤައުމުން އެއްޗަކަށް ދަރަނި ދިން މީހުން އެދޭނޭ އަހަރެވެ. މިހާރުވެސް ދަރަނި ހޯދަމުން މިދަނީ ދަރަނި ދޭ މީހުންނަށް ކަމެއް ކޮށްދީގެންނެވެ. މިބާވަތުގެ ކޮންމެ ކަމަކުން ގެއްލުން ވަނީ ދިވެހި ވިޔަފާރިއަށެވެ. ދިވެހި ޒުވާނުންނާއި ދިވެހި މަސައްކަތްތެރިންނަށެވެ.

ލޮބުވެތި މުވާޠިނުންނޭވެ.

މި ލޮބުވެތި ޤައުމުގެ ސިލްމާއި ސަލާމަތަށްޓަކައި ތެދުވާށެވެ. އަތުކުރި އޮޅައި ހީވާގިވާށެވެ. ހުނަރާއި މަސައްކަތުގައި ދާ އޮހޮރައިލާށެވެ. މަސައްކަތުގެ ކޮންމެ މައިދާނެއްގައެވެ. ޚިދުމަތުގެ ކޮންމެ މައިދާނެއްގައެވެ. ހަތުރުންނާއި، ވާދަވެރިންނަށް ދިވެހި ސަފުތަކުން ޖާގައެއް ނުދީއެވެ. އެންމެން އެކުގައި އެކަތިގަނޑަކަށް ވެގެންނެވެ. ޤައުމުގެ އިސްވެރިޔަކަށް މީހަކު ނަގާއިރު ރައްޔިތުންނަށް ލިބިފައިވާ ބާރު ތެދުވެރިވެ ތިބެ ބޭނުން ކުރާށެވެ. ޤައުމަށްޓަކައެވެ. ޤައުމުގެ ކުރިމަގަށްޓަކައެވެ.

އާދޭހެވެ. އެންމެން ވެސް ކިޔަންވީ މިފަދައިންނެވެ. ދިވެހި ޤައުމުގެ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު އަމީން ދޮށިމޭނޭ ކިލެގެފާނު ޅެންބަހުރުވައިން ވިދާޅުވި ފަދައިންނެވެ. މި ޅެމުގައި ހިމެނޭ ކޮންމެ ބައިތެއް ވެސް ކިޔަމުންނެވެ. ތެދުވެރިކަމާއެކީގައެވެ.

"ވަޠަން އެދޭ ގޮތަށް ދަމާހެ ހެޔޮ ހިތުން މިޖާނު ދޭން، ވަޠަންގެ އާ ޒުވާނުނޭ ފަށާށޭ އަދު އިޖާބަ ދޭން" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.