އަޅުގަނޑަށް ހައިރާންކަން ލިބުނީ އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ނެތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވީތީ. ހުދު ސަލީމަކީ އަޅުގަނޑާ އެކުގައި މަގުމަތީގައި ޕިކަޕުތަކަށް އަރައިގެން އަޑުގަދަ ކުރާއިން އިންޑިއާ ސިފައިން ބާލަން ގޮވި މީހެއް"
އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގެން ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަަމަށް ދޭހަވާ މޭރުމުން މާޒް އަހްމަދު ސަލީމް ވާހަކަ ދެއްކެވުމުން ހައިރާންވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އުމަރު ނަސީރު، ސަލީމަށް ވަަރުގަދައަށް ރައްދު ދެއްވައިފި އެވެ.
މި މަހުގެ ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރެއްވީ ރަނިންމޭޓެއްގެ ގޮތުގައި ސަލީމް ނަންގަވައިގެންނެވެ. އިންތިހާބުގައި ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދަވާ ސިޔާސީ ބައެއް ލީޑަރުންނާއި ޕާޓީތަކަށް އުމަރު ވަނީ ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އުމަރުގެ މި ކާމިޔާބީ އަކީ އޭނާގެ ދެގޮތެއް ނުވާ ސިޔާސަތާއި އެއްގޮތެއްގައި ހުންނެވުމުގެ ނަތީޖާ ކަމަށް ގިނަ ބަަޔަކު ދެކެއެވެ.
އިންތިހާބުގެ ކެމްޕެއިން ގައިވެސް އަދި އޭގެ ކުރީން ވެސް އުމަރު އެންމެ ކަންބޮޑުވުމާއެކު ވާހަކަ ދެއްކެވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާ ގައެވެ. ހާއްސަކޮށް އެކަން ދިފާއުކުރަން ސަރުކާރުން ކުރަމުންދާ މަަސައްކަތާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް މި ސަރުކާރުން ފަހިކޮށް ދެމުންދާ ފުރުސަތުތަކާއި ދެކޮޅަށް އުމަރު ވަރުގަދައަށް ވާހަކަ ދެއްކެވި އެވެ.
ނަމަވެސް ރޭ ކުއްލި ގޮތަކަށް އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގެން އުމަރުގެ ރަނިންމޭޓް މާޒް ސަލީމް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އެކަމާއި ގުޅިގެން ރޭ ދަންވަރު އުމަރު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މާޒް ސަލީމް ކުއްލި ގޮތަކަށް އެމްޑީޕީ ޕޯޑިއަމުން ފެނިވަޑައިގަތުމުން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށެވެ.
"އަދި ވަކީން ހާއްސަކޮށް އަޅުގަނޑަށް ހައިރާންކަން ލިބުނީ އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ނެތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވީތީ. ހުދު ސަލީމަކީ އަޅުގަނޑާ އެކުގައި މަގުމަތީގައި ޕިކަޕުތަކަށް އަރައިގެން އަޑުގަދަ ކުރާއިން އިންޑިއާ ސިފައިން ބާލަން ގޮވި މީހެއް. މިއަދު އެހެން ޕޯޑިއަމަކަށް އަރާ އެހެން ގޮތަކަށް ވާހަކަ ދެއްކީމަ އަޅުގަނޑު މުޅީން ހައިރާން ވެއްޖެ،"
އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފެށި މަަސައްކަތަކީ އޭނާގެ އިސް ނެންގެވުމެއް ކަމަށާ އެ މަސައްކަތުގައި ސާބިތުވެ ދެމި ހުންނަވާނެ ކަމަށެވެ. އިންޑިއާ ސިފައިން ތިބޭ ތިބުމަކީ ދިވެހީންގެ މިނިވަން ކަަމަށް އޮތް ގޮންޖެހުމެއް ކަަން ފާހަގަ ކުރައްވާ މިނިވަން ކަމުގައި ދިފާއުގައި ފެށި މަސައްކަތު ގައި އޭނާއާއެކު ތިބުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތެވެ.
"ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެއް. އެއީ ހަގީގަތެއް. އެ މީހުން ބާލަން ޖެހޭނެ،"
އުމަރު ވިދާޅުވީ އޭނާއާއެކު ހުރި މީހަކު ކޮޅު ބަދަލު ކުރުމަކީ އެކަމުގައި އޭނާ ޒިންމާާވާން ޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ގައުމީ މަސައްކަތަށް ނިކުންނަވާ އޭނާގެ ރަނިންމޭޓަކަށް ނެންގެވި ބޭފުޅެއްގެ ފަރާތުން ފެނިގެންދިޔަ ކަންކަމާމެދު ހިތާމަ ކުރައްވާ ކަަމަށެވެ. އެކަމަށް ދިވެހީންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑާ އެކު މަސައްކަތް ކުރި މީހަކު ކޮޅު ބަދަލުކޮށްގެން އެހެން ފަރާތަކަށްދާ ދިއުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭނެ ކަމެއް ނޫން. އެއީ އެ މީހަކު އަމިއްލައަށް ޒިންމާވާން ޖެހޭނެ ކަމެއް،"
އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރާ ކޮންމެ ބަޔަކަށް މަދަދު ދިނުމާއެކު އެ މަަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.