ރަނިންމޭޓަކަށް ސަލީމަށް ވުރެ ރަނގަޅު ބޭފުޅަކު ނެންގެވި ނަމަ އުމަރަށް ލިބިވަޑަައިގެންނެވި ވޯޓްގެ އަދަދު އިތުރުވާނެ ކަމަަށް ގިނަ ބަޔަކު ދެކެއެވެ.
ރިޔާސީ އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓް އަހްމަދު ސަލީމް (މާޒް ސަލީމް) ގެ ތާއީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ކަން ހާމަކޮށްފި އެވެ.
ސަލީމް މިއަދު ވަނީ ހުޅުމާލޭ ގައި އޮތް ރައީސް ސޯލިހްގެ ކެމްޕެއިން އިވެންޓްގަައި ބައިވެރިވެ ރައީސް ސޯލިހަށް ތާއީދު އޮތްކަން ހާމަކޮށްފައެވެ.
ރިޔާސީ އިންތިހާބު ގައި އުމަރު ވަނީ ހައިރާން ކުރަނިވި ނަތީޖާ އެއް ހޯއްދަވާ އިންތިހާބުގެ ހަތަރުވަނަ ހޯއްދަވާފައެވެ. އުމަރު ވަނީ ހަ ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއީ ސިޔާސީ މައިދާނުގައި އަޑުގަދަ ބައެއް ބޭފުޅުން މި ފަހަރު ހޯއްދެވި ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާއެކެވެ.
ރަނިންމޭޓަކަށް ސަލީމަށް ވުރެ ރަނގަޅު ބޭފުޅަކު ނެންގެވި ނަމަ އުމަރަށް ލިބިވަޑަައިގެންނެވި ވޯޓްގެ އަދަދު އިތުރުވާނެ ކަމަަށް ގިނަ ބަޔަކު ދެކެއެވެ.
ސިޔާސީ މަަސައްކަތް ފެއްޓެވީއްސުރެ އުމަރަކީ އޭނާ ގަބޫލު ކުރައްވާ ގޮތެއްގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރުވެސް ދައްކަވަނީ / ވަކާލާތު ކުރައްވަނީ 2008 ވަަނަ އަހަރުގެ ކުރީން ސިޔާސީ މަސައްކަތަށް ނިކުންނެވިއިރު ވެސް ދެއްކެވި ވާހަކަތަކެވެ. މި ފަހަރުގެ އިންތިހާބުގައި އުމަރު އެންމެ ބޮޑަށް ވަކާލާތު ކުރެެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބޭ މައްސަލާގައެވެ.
ސަލީމްގެ ނިންމުމާ ގުޅޭގޮތުން އުމަރު ދެންމެ ވިދާޅުވީ އޭނާގެ ރަނިންމޭޓް އަހުމަދު ސަލީމް އެމްޑީޕީ ކެންޑިޑޭޓް އަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަަށެެވެ.
"އަޅުގަނޑު ކުރެން ލަފަޔަކަށް އެދުނު ނަމަ، ވަކިކޮޅަކަށް ނޭރުމަށް ލަފާ އެރުވީމުހެވެ. އަޅުގަޑާއެކު މަސައްކަތް ކުރެއްވި ކޮންމެބޭފުޅަކީވެސް އަމިއްލަ މިނިވަން ބޭފުޅުންނެވެ. އަމިއްލަ ނިންމުން ނިންމެވޭނެ ބޭފުޅުންނެވެ. ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާ ގާތްކަން އޮންނާނެއެވެ،"
އުމަރު ވިދާޅުވީ އޭނާގެ ނިންމުން ވަރަށް ސާފު ކަމަށާ އަދި ބަދަލެއްވެސް ނުވާނެ ކަމަށެވެ. އެއީ ވަކިބޭފުޅަކަށް ތާއީދު ނުކޮށް ހުރުން ކަމަށް ވިދާޅުވި އެވެ.