މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރައްވާނީ ފުރަތަމަ ވުރަށްވުރެ ވެސް ބޮޑު ނަތީޖާއަކުން ކަމަށެވެ.

އެތައް ދުވަހަކު އެމްޑީޕީގައި މަސައްކަތްކޮށްފައިވާ ގިނަ ބަޔަކު ގައުމީ ވިސްނުން އިސްކުރުމަށްފަހު ޕީޕީއެމް-ޕީއެންސީއާ ގުޅެމުންދާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން ހުޅުދޫގައި ބޭއްވި ޖަލްސާގައި ހުޅުމީދޫން 100 ޒުވާނުން ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ހިމެނެ އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެއީ ގައުމީ ވިސްނުން އިސްކޮށްގެން ގުޅޭ މެމްބަރުން ކަމަށެވެ. އަލަށް ގުޅުނު މެމްބަރުންނަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ ޕާޓީ ފިކުރު ދޫކޮށްލުމަށްފަހު މިނިވަންކަމުގެ ދިފާއުގައި އެ ޕާޓީން ކުރަމުންދާ މަސައްކަތް ބަލައިގަތުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"އެންމެ ފުރަތަމަ ލ. ގަމުން، ވަރަށް ގިނަ ދުވަހު ހިދުމަތް ކުރި އެތައް ބަޔަކު އެމްޑީޕީން ވަކިވެ އަޅުގަނޑުމެންނާ ގުޅިވަޑައިގެންނެވި. ގދ. ތިނަދޫން ވެސް އިއްޔެ އެކަން ފެނިގެން ދިޔަ، ވިލިނގިލިންވެސް، އަދި އޭގެ ކުރީ ދަތުރުތަކުގަ އެކި ތަންތަނުން، އެކިރަށްތަކުން، މާލެ ސިޓީން ވެސް އަޅުގަނޑުމެންނާ މި ގައުމީ މަސައްކަތުގަ އެމްޑީޕީގެ އެތައް ދުވަހަކު ހިދުމަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންނާ ގުޅިއްޖެ،" މުއިއްޒު ވިދާޅުވި އެވެ.

އެޕާޓީއާ ނުގުޅެ ތިބި މީހުންނަށް ވެސް މުއިއްޒު ވަނީ މެސެޖެއް ދެއްވާފަ އެވެ. ވިދާޅުވީ، ޕާޓީ ބަދަލު ނުކުރުމަކީ ގައުމީ ވިސްނުމަށްޓަކައި ވޯޓް ނުދެވޭނެ ސަބަބެއް ނޫން ކަމަށެވެ. މިއަދު ރާއްޖެއިން ފެންނަމުންދާ އަޅުވެތިކަމުން ސަލާމަތް ވުމަށާއި، އަމިއްލަވަންތަކަން އިޔާދަ ކުރުމަށް ހޮނިހިރު ދުވަހު ނަގާ ވޯޓުގައި އޭނާއަށް ވޯޓް ދެއްވުމަށް އެދިވަޑައިގަތެވެ.
މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރައްވާނީ ފުރަތަމަ ވުރަށްވުރެ ވެސް ބޮޑު ނަތީޖާއަކުން ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒުއަށް 46.1 ޕަސެންޓް ވޯޓް ލިބިވަޑައިގަތެވެ. ދެވަނަ ބުރުގައި މުއިއްޒުއާ ވާދަކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.