ރައީސް އެދިވަޑައިގަތީ އެމްޑީއޭ ވަކިވެގެން ކަންބޮޑުނުވާން، ވިދާޅުވީ ބޮޑުކޮށް އިންތިހާބު ނެގޭނެ ކަމަށް

އެމްޑީއޭ ވަކިވި ނަމަވެސް އެމްޑީޕީން ފަށާފައިވާ ކެމްޕެއިނަށް މާބޮޑު ހުއްޓުމެއް ނާންނާނެ ކަމަށާ އެމްޑީޕީން ކެމްޕެއިނަށް ނިކުތީ ހުރިހާ ހާލަތަކަށް ތައްޔާރު ވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގދ. ތިނަދޫ އަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެކުގައި އޮތް އެމްޑީއޭ، އެމްޑީޕީ ކޯލިޝަނުން ވަކިވި ނަމަވެސް އެއީ ކަންބޮޑުވާންވީ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އެމްޑީއޭ އިން ރޭ ވަނީ ރަސްމީކޮށް އުވާލާފައެވެ. އަދި އެ ޕާޓީން ރޭ ވަނީ ދެވަނަ ބުރުގަައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމާފައެވެ.

އެމްޑީއޭއަކީ ނޫނު އަތޮޅާއި ދާލު އަތޮޅުގައި ބޮޑު ތާއީދެއް އޮތް ޕާޓީއެކެވެ. އެމްޑީއޭގެ ކުއްލި ވަކިވުމާއެކު އެމްޑީޕީގެ ސަޕޯޓަރުން މާޔޫސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހް މިރޭ ވިދާޅުވީ އެމްޑީއޭގެ އެ ނިންމުމަކީ އެއްވެސް ވަރަކަށް މާޔޫސްވެ ކަންބޮޑުވާންވީ ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ. 

"އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ކަންބޮޑުވާންވީ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން. އެހެން ނަމަވެސް އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރި އެންމެ މީހަކު އަޅުގަނޑުމެންނާ ވަކިވިޔަސް އެއީ ހަމަ ދެރަ ކަމެއް. އަޅުގަނޑު ބޭނުން ވަނީ އެންމެނާ އެކީގައި މިކަން ކުރަން. އެހެން ނަމަވެސް އެމްޑީއޭގެ ޑިޒިޝަން އެންމެ ފަހު ވަގުތު އެއަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގދ. ތިނަދޫ އަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ

ރައީސް ވިދާޅުވީ އެމްޑީއޭއާއެކު ކުރެވުނު މަސައްކަތް އެއީ މާޒީ ކަމަށެވެ. އަދި އެ ޕާޓީގެ ނިންމުމަށް އިހްތިރާމު ކޮށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެ ޕާޓީން އެ ނިންމީ އެންމެ ރަނގަޅު ގޮތް ނޫންކަން ލަސްތަކެއް ނުވެ އެ ޕާޓީގެ ވެރީންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީއޭ ވަކިވި ނަމަވެސް އެމްޑީޕީން ފަށާފައިވާ ކެމްޕެއިނަށް މާބޮޑު ހުއްޓުމެއް ނާންނާނެ ކަމަށާ އެމްޑީޕީން ކެމްޕެއިނަށް ނިކުތީ ހުރިހާ ހާލަތަކަށް ތައްޔާރު ވެގެން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު ޔަގީން ކަމެއް އިރާދަކުރެއްވިއްޔާ އެބައޮތް ތަފާތުކޮށް މި އިންތިހާބު ނެގޭކަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.