ސްކޫލް ދައުރު ނިންމާ ނުކުންނަ ކޮންމެ ކުއްޖަކީ ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްވެފައިވާ ކުއްޖަކަށް ހެދުމުގެ އަޒުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުންވެސް މަސައްކަތްކޮށްދެއްވުމަށް ނައިބް ރައީސް ވަނީ އެދިފައެވެ.
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މަސައްކަތްތެރި ބަޔަކަށް ހަދަން ބާރު އަޅައިދޭން ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.
ނައިބު ރައީސް މި ކަމަށް އެދިވަޑައިގަތީ މާލެ އަތޮޅު ގާފަރު ކައުންސިލުގެ ގުރުއަން މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ކީރިތި ގުރުއާނުން ދަސްވާ އެންމެ މުހިންމު އެއް ކަމަކީ ރީތި އަހްލާގު ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި ޅަފަތުގައި ގުރްއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދު މަގުން ގުރުއާން ކިޔެވުމާއި ގުރުއަނުގެ މާނަ ދެނެގަތުމުގެ މުހިންމު ކަމައި ބޭނުން ތެރިކަން އެ މަނިކްފާން ގެ ވާހަކަފުޅުގައި ފާހަގަ ކުރައްވެވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ޒަމާނާއެކު އަންނަ ބަދަލުތަކާއި އަދި ކުރިމަތިވާ އެކި ހާލަތްތަކާއެކު ވެސް ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މުޖުތަމައުގެ ހުރިހަ ފަރާތްތަކުން ޝާމިލުވެ މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.