މުއިއްޒަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ ބައެއް ބޭފުޅުން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފި އެވެ.
އެ ބޭފުޅުންގެ ތާއީދު، މުއިއްޒަށް އޮތް ކަން ހާމަކޮށްފައި ވަނީ މިއަދު ގަލޮޅު ކަންމަތީ އޮތް ބައްދަލްވުމެއްގައެވެ. މުއިއްޒަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނެއެވެ.
އެގޮތުން ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަނީފްއާ އަހްމަދު ޒިޔާމް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. މީގެ އިތުރުން ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުންގެ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި އަލީ ތޯއިފާއި އިސްމާއީލް ރައޫފު ވެސް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. މި ބޭފުޅުން އަދި ތިއްބެވީ އެ މަގާމުތަކުގައެވެ.
ހަޔާ އެޑިއުކޭޝަންގެ ނާއިބު ކަމުން ވަކިކުރެއްވި އިސްމާއީލް ޒަބީހުއާ އެމްއާރްއެމްގެ އެކްސްކޯ ގައި ކުރީން ހިމެނުނު ބައެއް ބޭފުޅުން ވެސް ވަނީ މުއިއްޒު އެންޑޯޒް ކުރައްވާފައެވެ. ޒަބީހު އަކީ ފާރިސް މައުމޫންގެ ކެމްޕެއިން އެޖެންޓް ވެސް މެ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްއާރްއެމްގެ ބައެއް ބޭފުޅުންގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަކޮށްފައިވާއިރު އެ ޕާޓީގެ ރަސްމީ ސްޓޭންޑަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެވެ.
ގަލޮޅު ކަންމައްޗަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ހާއްސަ ސަރަހައްދެކެވެ. ނަމަވެސް މިއަދު އެ ސަރަހައްދުގައި މުއިއްޒު ބޭއްވި ބައްދަލްވުމުގައި އެ ސަރަހައްދަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ދުވަސްވީ ބައެއް މެންބަރުން ވަނީ މުއިއްޒަށް ތާއީދު އޮތްކަން ހާމަކޮށްފައެވެ.
އޭގެ ތެރޭގައި އެމްޑީޕީގައި ވަރަށް ނަގާކިޔާ އެކްޓިވިސްޓުންނާއި މެންބަރުން ހިމެނެއެވެ. މުއިއްޒު ވަނީ އެ ސަރަހައްދުގައި ބޭއްވި ބައްދަލްވުމަށް ފަހު އާންމުންނާއި ބައްދަލުކޮށްފައެވެ. ހާއްސަކޮށް އެމްޑީޕީގެ މެންބަރުންނާއި ބައްދަލުުކޮށް ވާހަކަ ދެއްކެވި އެވެ.