ބަރުލަމާނީއަށް ފުރޮޅާލަން ކުރާ މަސައްކަތަށް އިބުރާ: ކުރަން އުޅެންވާނީ ކުރެވޭވަރުގެ ކަންތައް

ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއީލް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ދައުލަތް ހިންގުމުގެ ނިޒާމް ބަދަލުކުރާ ނަމަ ގާނުނު އަސާސީ ޖެހޭނީ އަލުން އެކުގައި ލިޔަން ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ)

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓުން ކުރަމުންދާ މަސައްކަތަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ފާޑު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް، ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސް ކޮށްފަ އެވެ. ނިޒާމީ ވޯޓު ނެގުމަށް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބެވެ. އޭނާ ހުށަހެޅުއްވީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީއަށް އެންގުމަށެވެ.

ގަރާރު ފާސް ކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ތަޅުމަށް ފޮނުވުމުންނެވެ. އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ގަރާރެއް ފާސް ކޮށްފައި ވަނީ 35 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މަސައްކަތަށް އިޝާރާތް ކުރައްވާ، ގާނޫނު އަސާސީ އެކުލަވައިލި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއީލް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ދައުލަތް ހިންގުމުގެ ނިޒާމް ބަދަލު ކުރާ ނަމަ ގާނޫނު އަސާސީ ޖެހޭނީ އަލުން އެކުގައި ލިޔަން ކަމަށެވެ. އެއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ބާބު ބޮޑުވަޒީރުގެ ބާބަށް ބަދަލު ކޮށްލައިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރަން އުޅެން ވާނީ ކުރެވޭ ވަރުގެ ކަންތައް،" އިބްރާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމެއްގެ ވޯޓް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ.

ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލު ވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.