ޖަރުމަނާ ޗައިނާއާ ދެމެދު އުފެދިފައި މިއޮތް ނުތަނަވަސް ކަމުގެ އަސްލަކީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރި ކުރަން ބެއިޖިން ދެކޮޅު ހެދުމާއި ރަޝިޔާއަށް ވާގިވެރިވެ ދިނުމެވެ.
ބައެއް ގައުމުތައް، ހާއްސަކޮށް ހުޅަނގުން ޗައިނާ އާއި ޗައިނާގެ ލީޑަރުން ސިފަ ކުރާ ގޮތާމެދު ޗައިނާ ހިތްހަމައެއް ނުޖެހެ އެވެ. މިހާރުވެސް ވަނީ އެފަދަ ހާލަތެއް މެދުވެރިވެ ޗައިނާ އާއި ޖަރުމަނުގެ ގުޅުން ނާޒުކު ފައްތަރެއްގެ ތެރެއަށް ގޮސްފަ އެވެ. ޖަރުމަނާއި ޗައިނާގެ ގުޅުން ނުތަނަވަސް ކަމުގެ ތެރެއަށް މި ދިޔައީ ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނާލީނާ ބާބޮކް، ރައީސް ޝީ ޖިންޕިން އަކީ "ޑިކްޓޭޓަރެއް" ކަމަށް ވިދާޅު ވެގެނެވެ.
އެކަމާ ގުޅިގެން ޗައިނާއިން ވަނީ ބާލިންގެ ސަފީރު ޕެޓްރިޝިއާ ފްލޯ ހާޒިރު ކޮށް އެތައް ސުވާލެއް ކޮށްފަ އެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން މިދިއަ ހަފުތާގައި ފޮކްސް ނިއުސް އަށް އިންޓަވިއުއެއް ދެއްވި އިރު ޖަރުމަން ފޮރިން މިނިސްޓަރު އަނާލީނާ ބާބޮކް ވަނީ ރައީސް ޝީ، ޑިކްޓޭޓަރެއްގެ ގޮތުގައި ވަރަށް ބޮޑަށް ސިފަ ކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ.
އެ އިންޓަވިއުގައި އޭނާއަށް ސުވާލެއް ދެންނެވުނީ ޔޫކްރޭން - ރަޝިޔާއިން ހަނގުރާމައާބެހޭ ގޮތުންނެވެ. ޖަވާބެއް ދެއްވުމުގައި އެކަމަނާ އެއްސެވީ އެ ހަނގުރާމައިގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިންއަށް ކާމިޔާބު ލިބިއްޖެ ނަމަ އެއީ ޗައިނާގެ ހުދުމުހުތާރު ރައީސް ޝީ ފަދަ ޝީ ދުނިޔޭގެ އެހެން ހުދުމުހުތާރު ވެރިން ދައްކާނީ ކޮން ނިޝާނެ ހެއްޔެވެ؟
ޖަރުމަނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އެމެރިކާގެ ސީއެންއެންއަށް ވިދާޅުވީ ޗައިނާ ސަރުކާރުން އާދީއްތަ ދުވަހު ޗައިނާގައި ހުންނަވާ ޖަރުމަނުގެ ސަފީރު ޕެޓްރިޝިއާ ފްލޯ ހާޒިރުކޮށް، ފޮރިން މިނިސްޓަރު ބާބޮކްގެ ވާހަކަތަކާ ދެކޮޅު ހަދައި ކަންކަން "އޮޅުންބޮޅުންތައް" ފިލުވައި ދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ޖަރުމަނު މިނިސްޓަރު ބައާބޮކްގެ ވާހަކަތަކާ މެދު ބެއިޖިން އިން "ވަރަށް ހިތްހަމަ ނުޖެހޭ" ކަމަށެވެ. އަދި އެ ވާހަކަތަކާ "ހަރުކަށިކޮށް ދެކޮޅު ހަދާ" ކަމަށެވެ.
ގަވައިދުން ކޮންމެ ދުވަހެއްގައި ބާއްވާ ނިއުސް ބްރީފިންގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިން ވަނީ ޖަރުމަނާ ރައްދެއް ދެއްވާފަ އެވެ:
"ޖަރުމަނުން އެ ދައްކާ ވާހަކަތަކަކީ، އެ ސިފަކުރާ ގޮތްތަކަކީ އިންތިހާއަށް ހަޑި ވާހަކަތަކެއް، އަދި އެއީ ޗައިނާގެ ކަރާމާތަށް ވަރަށް ބޮޑަށް އަރައިގަންނަ ޗައިނާގެ ސިޔާސަތުތަކަށް އިހުތިރާމް ނުކުރާ ވާހަކަތަކެއް،"
ނަމަވެސް ބާބޮކްގެ ވާހަކަތަކާއި ގުޅުވައި ތަރުޖަމާނު، މާއޯ ނިން ދެއްކެވި ވާހަކަފުޅުގެ ރަސްމީ ޓްރާންސްކްރިޕްޓް މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރުމަށް ފަހު ފަހުން ވަނީ އުނި ކޮށްފަ އެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން އެހެން ބާއްވާ ބްރީފިންތަކުގެ ޓްރާންސްކްރިޕްޓްތަކުގައި ނާޒުކު ކަމަށް ފެންނަ ކޮންޓެންޓް ގެއްލޭ ފަހަރު ވަރަށް އާދެ އެވެ.
ހުޅަނގާއި ހުޅަނގުގެ ލީޑަރުންނާއި އެމެރިކާ ފަދަ ބައިވެރިން ރައީސް ޝީ އަށް އިޝާރާތް ކުރައްވާ ސިފަ ކުރައްވާ ގޮތާ މެދު ޗައިނާއިން ހިތްހަމަނުޖެހުން ފާޅު ކުރާ މިއީ އާ ފަހަރެއް ނޫނެވެ. ޗައިނާ އަބަދުވެސް ދެކެނީ އެއީ ވަރަށް ނާޒުކު މައްސަލައެއްގެ ގޮތުގަ އެވެ.
މިދިއަ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ރައީސް ޝީއަށް އިޝާރާތް ކުރައްވާ އެއީ "ހުދުމުހުތާރު ވެރިއެއް" ކަމަށް ވިދާޅުވެފަ އެވެ. އެ ފަހަރު ވެސް ބެއިޖިން އިން އެކަމާ ވަރަށް ބޮޑަށް ފާޑުކިޔައި ދެކޮޅު ހަދާފައި ވެއެވެ. އެ ގޮތުން އެއީ ޗައިނާގެ އަސާސީ ހަގީގަތްތަކާ ވަރަށް ބޮޑަށް ފުށުއަރާ، ޑިޕްލޮމެޓިކް އަދަބުތަކާ ވަރަށް ބޮޑަށް ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒު ކުރި އެވެ.
އަދި މީގެ ކުރީން 2000 ވަނަ އަހަރު އެމެރިކާގެ ސީބީއެސްގެ "60 މިނެޓް" ޕްރޮގްރާމްގެ ތެރެއިން ގައި އެމެރިކާގެ ނޫސްވެރިޔާ މައިކް ވޮލެސް ވަނީ ޝީގެ ކުރިން ޗައިނާގެ ވެރިކަން ކުރެއްވި ޖިއާންގް ޒެމިން އަކީ "ޑިކްޓޭޓާ" އެއްގެ ގޮތުގައި ސިފަވަނެ ފަދައަކުން ވާހަކަ ބައްޓަން ކޮށް ސުވާލުކޮށްފަ އެވެ.
"ތި ބުނަނީ އަހަންނަކީ ހުދުމުހުތާރު ވެރިއެއް ކަމަށްތަ؟" ހައިރާންވެ ވަޑައިގެން އިންނަވާ ޖިއާން ޒެމިން އިނގިރޭސި ބަހުން ޖަވާބު ދެއްވި އެވެ. އަދި އެ ސިފަ ކުރުމަކީ "ބޮޑު ގޯހެއް" ކަމަށް ވެސް ވިދާޅު ވެފައި ވެއެވެ.
އަދި ވިދާޅުވި އެވެ: "ވަރަށް ތެދުތެދަށް ދަންނަވާނަމަ އަހަންނަކީ ހުދުމުހުތާރު ވެރިއެއް ކަމަށް ތިޔަ ބުނާ ވާހަކަތަކާ އަޅުގަނޑު އެއްބަހެއް ނުވަން، ޗައިނާގައި ކަންތައްތައް ހުންނަ ގޮތް ކަލޭ ތިޔަ ސިފަ ކުރަނީ 'އަރަބި ނައިޓްސް' ކަހަލަ ފޯކްލޯރެއްގެ ގޮތުގައި،"
ޖިއާންގް ޒެމިން ވަނީ މިދިޔަ އަހަރު އުމުރުފުޅުން 96 އަހަރުގައި އަވަހާރަވެފަ އެވެ. ޖިއާން ޒެމިންއަކީ ޗައިނާގެ ގިނަ ބަޔަކު ހަނދާން އާ ކުރާ ގޮތުގައި ޗައިނާގައި "ކަލެކްޓިވް ލީޑަޝިޕް" ގެ ނަމުން މަޝްހޫރު ނިޒާމެއް އޮޔް ޒަމާނެއްގެ ރަމްޒެކެވެ. އެއަކީ ޗައިނާގެ ލީޑަރު ޗެއާމަން މައޯ ޒެޑޮންގްގެ ހަލަބޮލި ހުދުމުހުތާރު ވެރިކަމުގެ ފަހުން ހަމަޖެހުން ގާއިމް ކުރަން ލީޑަރު ޑެންގް ޝިއާއޯޕިން ތައާރަފުކުރެއްވި ސިޔާސީ ޝަޚްސިއްޔަތުތަކުގެ މެދުގައި ބާރު ބަހާލުމުގެ އިންތިޒާމެކެވެ.
ނަމަވެސް މީގެ 10 އަހަރު ކުރިން ޝީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ޝީ ވަނީ އެ މޮޑެލް ރޫޅާލައްވައި، "ވަން މޭން ރޫލް" ވެރިކަމަކަކާ ވައްތަރު ނިޒާމެއްގެ ތެރެއަށް އެނބުރި ގޮސްފަ އެވެ.
ޖަރުމަނާ ޗައިނާގެ ގުޅުމުގެ ވާފަށް ކަނޑައިގެން ހިނގައިދާނެ މިންވަރަކަށް ވާން ވެފައިވާއިރު ބާލިންގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިއަކީ ޗައިނާ އެވެ. އެހެން ކަމުން މިއީ މިއީ ޖަރުމަނުގެ ތެރޭގައި ބަހުސްތައް ފެށިގެން ދާނެ މައްސަލައެކެވެ.
ޖަރުމަނާ ޗައިނާއާ ދެމެދު އުފެދިފައި މިއޮތް ނުތަނަވަސް ކަމުގެ އަސްލަކީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރި ކުރަން ބެއިޖިން ދެކޮޅު ހެދުމާއި ރަޝިޔާއަށް ވާގިވެރިވެ ދިނުމެވެ. އަދި މޮސްކޯއާއެކު ޕާޓްނަޝިޕް އޮތް ބޮޑުވުމާއި، ޓައިވާނާއި ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ހަރަކާތެވެ.
މޮސްކޯގެ ހަނގުރާމައިން ޖަރުމަނު ރަޝިޔާގެ ގޭހަށް ބަރޯސާވެފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެ އެވެ. ޖަރުމަނުގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔާ މީހުން ވަނީ ޗައިނާއާ އޮންނަ ގުޅުމުގައި ވެސް މިފަދަ ނާޒުކު ކަންތައްތަކެއް ފާހަގަ ކޮށްފަ އެވެ.