ވޯޓްކޮޅެއް ހޯދަން ބޮޑު ދެ ޕާޓީ ބަރުލަމާނީއާ ރުހިގެން

ވަގުތު ހޯދައިގެން ނިޒާމީ ވޯޓަކަށް ދާންވީ އެވެ. ރައްޔިތުންގެ ތެރޭގައި އެ ވޯޓް ނެގުމަށް އޮތް ޝައުގުވެރިކަމެއް ދެނެގަންނަންވީ އެވެ. ބޮޑު ވާދަވެރި ކަމެއް އޮތް ނަމަ އަވަހަށް އެ ވޯޓް ނަގަންވީ އެވެ. 18 އަހަރުގެ ފަހަކީ އެފަދަ ވޯޓެއް ނަގަން ރަނގަޅު މުއްދަތެއް ކަމަށް ވެސް ބުނެވިދާނެ އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމެއްގެ ވޯޓް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ.

ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލު ވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

މިއީ އޭގެ 18 އަހަރު ފަހެވެ؛ އަނެއްކާ ވެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމުގެ އަޑު ވަނީ ގަދަވެފަ އެވެ. އެ އަޑު މިހާރު ގަދަވެފައި ވިޔަސް މިދިޔަ ފަސް އަހަރު ވެސް އެ މަސައްކަތް ކޮންމެން ވެސް ސިފައެއް ހިނގި އެވެ. އިސްވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖެ ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން އެންމެ ބޮޑަށް މަަސައްކަތް ކުރައްވަނީ އެމަނިކުފާނެވެ. މީގެ 18 އަހަރު ކުރީން ވެސް އެ މަސައްކަތުގައި އިސްކޮށް ހުންނެވީ އެމަނިކުފާނެވެ. 

އަހަރުތަކެއް ފަހުން އަލުން އެ މަސައްކަތް އެމަނިކުފާނު ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް އެއްބަސްވެވަޑައިގެންފައި އޮތުން ކަމަށް ވެއެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ދައުރުގެ މެދުން އިންތިހާބެއް ބޭއްވުމާއި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ސޯލިހް ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެމްޑީޕީގެ 2018 ގެ މެނިފެސްޓޯ ގައިވެސް އެ ވާހަކަ ލިޔުނެވެ. އެކަމަކު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ގުޅިފައިވާ ޕާޓީތަކެއްގެ އެހީގައި ހުރިހާ ޕާޓީތަކުން ބައިވެރިވުން އޮވެ ހަދާފައިވާ މެނިފެސްޓޯ ތަންފީޒު ކުރައްވާނެ ކަމުގެ ވައުދާ އެކު އެވެ. ރައީސާއެކު ތިން ތިއްބެވި ރާއްޖޭގައި ފެންނަން އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށް ގަބޫލު ކުރާ ޕާޓީތަކެވެ. އެ ޕާޓީތަކުގެ މިހާރުގެ ސްޓޭންޑަކީ ވެސް އެއީ އެވެ.

އެހެން ކަމުން މިދިޔަ ފަސް އަހަރު އެކި ގޮތްގޮތުން ރައީސް ނަޝީދު ކުރައްވަމުން ގެންދެވި ޕްރެޝަރަށް ރައީސް ސޯލިހް ގެންދެވީ ނޫނެކޭ ވިދާޅުވަމުންނެވެ. މި ދައުރުގައި އެކަން ނުކުރެއްވޭނެ ކަމެވެ. ޕާޓީތަކުގެ ގުޅިފައިވާ މެނިފެސްޓޯ ގައި ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ނެތް ވާހަކަ އެވެ. އަދި ރާއްޖެއަށް ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރަން ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް އެކި ފަހަރު މަތީން ރައީސް ވިދާޅުވެފައި ވެއެވެ.

މި މަހުގެ 25 ގައި ނިޒާމީ ވޯޓަކަށް ގޮވާލާ ޑިމޮކްރެޓުން ގެންދަނީ ކެމްޕެއިން ކުރަމުން

ނަމަވެސް އެ ހާލަތު މިހާރު އޮތީ ބަދަލު ވެފަ އެވެ. ސިޔާސީ ބައެއް ޕާޓީތަކާއި ލީޑަރުން ޖެއްސެވި ހިސާބުތަކާއި ހިލާފަށް ނަޝީދުގެ ޑިމޮކްރެޓުން ވަނީ ރިޔާސީ އިންތިހާބުގައި 15،000 ވުރެ ގިނަ ވޯޓް ހޯދާފަ އެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެވެ. އެހެން ކަމުން އެންމެ ގިނަ ވޯޓް ހޯއްދެވި ދެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބު ކާމިޔާބު ކުރަން ޑިމޮކްރެޓުންގެ ތާއީދު ވަނީ މުހިންމު ވެފައެވެ.

ތާއީދަށް އެދި ދެ ކެންޑިޑޭޓުން ހުށައެޅުއްވުމުން ވަގުތުގެ ބޭނުން ހިފާ ޑިމޮކްރެޓުން ވަނީ ނިޒާމީ ވޯޓަށް އަލުން ޕްރެޝަރު ކުރަން ފަށާފަ އެވެ. ޑިމޮކްރެޓުންގެ ހުށައެޅުމަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރީން ނިޒާމީ ވޯޓް ނެގުމެވެ. މި މަހުގެ 25 ވަނަ ދުވަހު އެ ވޯޓް ނެގޭނެ ކަމަށް އެ ޕާޓީން ދެކެއެވެ. އެކަމަށް އެއްބަަސްވާނަމަ އެމްޑީޕީއަށް ތާއީދު ކުރާނެ ކަމަށެވެ. މިއަދުގެ ނިޔަަލަށް އެކަމާމެދު އެމްޑީޕީން ގޮތެއް ނިންމަން ޖެހެއެވެ.

އެކަމަކު ޑިމޮކްރެޓުން އެދޭ ގޮތަށް އެކަން ކުރެވޭނެ މަގެއް ނުފެނެ އެވެ. އެކަމަށް އެމްޑީޕީން އެއްބަހެއް ނޫނެވެ. އިދިކޮޅު ޕީޕީއެމުން ވެސް އެއްބަހެއް ނުވެއެވެ. އިންތިހާބުތައް ބޭއްވުނު ގާނޫނީ މެންޑޭޓް އޮތް އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން އެފަދަ ވޯޓެއް 10 ދުވަސް ތެރޭ ނުނެގޭނެ އެވެ. މަދުވެގެން މަސް ދުވަސް އެކަމަށް ބޭނުންވެ އެވެ. އަދި 40 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ބޭނުމެއް ވެއެވެ. 

އެކަމަކު ޑިމޮކްރެޓުންގެ ތާއީދު މުހިންމު ކަމުން އެމްޑީޕީއާ ޕީޕީއެމްގެ ރާގު މިހާރު ވަނީ ބަދަލުވެފަ އެވެ. ދެ ޕާޓީން ވެސް ނިޒާމީ ވޯޓަކަށް ދާން މިހާރު އެއްބަސް ވެއެވެ. އެކަމަކު އިންތިހާބުގެ ފަހުންނެވެ. ރައީސް ސޯލިހް އިއްޔެ ވަނީ މަޖިލީހުގައި އޮތް ނިޒާމީ ވޯޓް ނެގުމާ ގުޅޭ ގަރާރު ވީހާ އަވަހަށް ފާސްކޮށް އެމަނިކުފާނަށް ފޮނުއްވައި ދެއްވުމުން ދެވަނަ ބުރުގެ ކުރީން އީސީއަށް ވޯޓްގެ ކަންކަން އިންތިޒާމު ކުރުމަށް އަންގަވާނެ ކަމަށެވެ. އޭރުން އޮކްޓޫބަރުގެ ފަހު ދުވަހު އެ ވޯޓް ނެގޭނެ އެވެ. އެކަމަށް ޕީޕީއެމުން ރުހޭކަން ވެސް އިއްޔެ ވަނީ ހާމަ ކޮށްފަ އެވެ.

އެންމެ މެންބަރުން ގިނަ ހަތަރު ޕާޓީގެ ލީޑަރުން ކަމަށްވާ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު: ހަތަރު ލީޑަރުން ހިންގަވާ ބޮޑު ޕާޓީތަކުން ބޭނުންވަނީ ރިޔާސީ ނިޒާމެއް

ކުރީން އިންތިހާ ދެކޮޅު ކަމަކަށް ބޮޑު ދެ ޕާޓީން ކުއްލި ގޮތަކަށް މި ރުހުނީ ޑިމޮކްރެޓުންގެ ވޯޓްކޮޅު ހޯދުމުގެ ބޭނުމުގަ އެވެ. އިންތިހާބުން މޮޅުވުމުގެ ބޭނުމުގަ އެވެ. އެކަން ޑިމޮކްރެޓްސް އަށް ރަނގަޅަށް ސާފުވާނެ އެވެ. ނަމަވެސް ޑިމޮކްރެޓުން ތިބީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓަކަށް ދާން ހުށައަޅާ ހުށައެޅުން ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. އެހެން ވެއްޖެނަމަ އެކަމުން ދެ ކެންޑިޑޭޓުންނަށް ވެސް މާޔޫސްކަން ލިބޭނެ އެވެ.

އެކަމަކު އެންމެ ބޮޑު ގެއްލުމެއް އޮތީ ރައީސް ސޯލިހަށެވެ. ސަރުކާރާއި މެދު އޮތް ބޮޑު ހިތްހަމަނުޖެހުމުގައި ނިޒާމީ ވޯޓެއް ނެގުނަސް / ނުނެގުނަސް ޑިމޮކްރެޓުންގެ ގިނަ ވޯޓް އިދިކޮޅަށް ލިބުމަކީ ގާތް ކަމެކެވެ. އެހެން ވެއްޖެނަމަ މުއިއްޒަށް އޮތް މާޔޫސްކަން ކުޑަވާނެ އެވެ.

ދެން އޮތީ ނިޒާމީ ވޯޓް ނަގަން ޖެހޭ ހާލަތެއް އޮތްތޯ އުފެދޭ ސުވާލެވެ. މީގެ ކުރީން ވެސް އެ ވާހަކަ ދެއްކީ ރަައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނެވެ. އިތުރު ބަޔަކު މިހާރު ވެސް އެ ވާހަކައެއް ނުދައްކައެވެ. ރިޔާސީ ނިޒާމެއް ރަނގަޅު ކަމަށް ބުނާ ޕާޓީތަކުގެ ސްޓޭންޑެއް ވެސް ބަދަލެއް ނުވެއެވެ. މިދިޔަ އަހަރު ނިޒާމު ބަދަލު ކުރުމުގެ އަޑު ގަދަ ކޮށްލުމުން މި ސަރުކާރުގެ ވެރީން ވެސް ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ ނަޝީދުގެ ހުށައެޅުއްވުމާއި ފާޅުގައި ދެކޮޅު ހައްދަވާފައެވެ. އޭރު ނަޝީދު ހުންނެވީ އެމްޑީޕީގައެވެ. އެ ޕާޓީގެ ރައީސަކީ އެމަނިކުފާނެވެ.

މިއަދު އެމަނިކުފާނު ހުންނެވީ ވަކީން ޕާޓީއެއް ހައްދަވައިގެންނެވެ. ރިޔާސީ އިންތިހާބުގައި ވޯޓްލީ މީހުންގެ ހަ ޕަސެންޓް އެ ޕާޓީން ހޯދި އެވެ. އިލެކްޝަންސްގެ ދަފްތަރުގައި އެ ޕާޓީގެ ތިބީ ތިންހާސް މެންބަރުންނެވެ. އެހެންވީމަ ވޯޓްކޮޅެއްގެ ހޯދުމުގެ ބޭނުމުގައި ބޮޑު ދެ ޕާޓީންް ނިޒާމީ ވޯޓަކަށް އެއްބަސް ވިޔަސް އެ އިންތިހާބުން ނެރެވޭނެ ނަތީޖާއެއް އޮތްތޯ މިއީ އުފައްދަން ރަނގަޅު ސުވާލެކެވެ.

ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނާއެކު ތިއްބެވި މަޖިލީސް މެންބަރުން: ބަރުލަމަނީ ގެންނަން ބޭނުންވަނީ މި ބޭފުޅުން -- މި

ރައްޔިތުންގެ މެދުގައި އެ ވޯޓަށް އެވަރުގެ ޝައުގުވެރިކަމެއް އެބަހުރި ހެއްޔެވެ؟ ވޯޓް ނައިގެން ޑިމޮކްރެޓުން އެ ބުނާ ބޮޑު ޕަސެންޓްތަކުން ބަރުލަމާނީ ގެންނަން ރައްޔިތުން ތާއީދު ކޮށްފާނެ ހެއްޔެވެ.

ޕީޕީއެމް / ޕީއެންސީން ބަރުލަމާނީއާ ދެކޮޅެވެ. ޖުމްހޫރީ ޕާޓީއާ އަދާލަތު އަދި އެމްއެމްޕީން ބަރުލަމާނީއާ ދެކޮޅެވެ. އެމްޑީޕީގެ މިހާރުގެ ލީޑާޝިޕްގެ ރޫހެއް ވެސް އެކަމަށް އޮތް ތަނެއް ނުފެނެ އެވެ. ވޯޓަށް ނަގަން އެއްބަސް ކަމަށް މިހާރު އެ ބުނާ ސަބަބު ސާފެވެ. އެއީ އިންތިހާބުގެ ދެވަނަ ބުރުން މޮޅުވާން އެއްބަސްވާން ޖެހޭ ކަމެކެވެ. ޕީޕީއެމުން ވެސް ނިޒާމީ ވޯޓެއް ނަގަން އެއްބަސްވީ ވޯޓްކޮޅެއް އިތުރުވޭތޯ އެވެ. ބަރުލަމާނީއަށް ރުހުނީ އެއް ނޫނެވެ. މިއީ ފެންނަން ހުރި ސާފު ހަގީގަތްތަކެވެ.

މި ހަގީގަތް މިހެން އޮވެ ނިޒާމީ ވޯޓް ނަގަން ނިންމާ ކެމްޕެއިން ފަށާ ހިސާބުން 2007 ވަނަ އަހަރުހެން ޑިމޮކްރެޓްސް ފިޔަވާ އެހެން ހުރިހާ ޕާޓީތަކުން ރިޔާސީ ނިޒާމު ރަނގަޅު ކަމަށް ބުނެ އެކަމަށް ކެމްޕެއިން ފަށައިފިނަމަ ދެން ނިކުންނާނެ ނަތީޖާ އެންމެނަށް ވެސް ސާފުކޮށް އެނގެއެވެ. މިހާރު މަންޒަރު ކުރެހިފައިވާ ގޮތުން 2007 ވަނަ އަހަރު ލިބުނު މިންވަރާއި ގާތް ވޯޓެއް ވެސް ބަރުލަމާނީ އަކަށް ނުލިބޭނެ އެވެ. ވާނެހާ ވެސް ކަމަކީ ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ހަރަދު ވެގެން ދިއުމެވެ.

އެހެން ވެއްޖެނަމަ ސިޔާސީ ބޭނުމަކަށް ނަތީޖާއެއް ނެތް އިންތިހާބެއް ބޭއްވުނީ އެވެ. އެހެނެއް ނޫނެވެ. ވަގުތު ހޯދައިގެން ނިޒާމީ ވޯޓަކަށް ދާންވީ އެވެ. ރައްޔިތުންގެ ތެރޭގައި އެ ވޯޓް ނެގުމަށް އޮތް ޝައުގުވެރިކަމެއް ދެނެގަންނަންވީ އެވެ. ބޮޑު ވާދަވެރި ކަމެއް އޮތް ނަމަ އަވަހަށް އެ ވޯޓް ނަގަންވީ އެވެ. 18 އަހަރުގެ ފަހަކީ އެފަދަ ވޯޓެއް ނަގަން ރަނގަޅު މުއްދަތެއް ކަމަށް ވެސް ބުނެވިދާނެ އެވެ.

އެކަމަކު މިހާރުގެ އަމާޒު ރަނގަޅެއް ނޫނެވެ. ވަކި ބަޔަކު އެދޭތީ އެ ބައެއްގެ ވޯޓް ލިބޭން އޮތީ ނިޒާމީ ވޯޓަކަށް ރުހިގެން ކަމަށް ދެކި މި ހުންނަނީ ކުރާން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ. މިއީ ގައުމާއި ރައްޔިތެއް ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ވެސް ނޫނެވެ.

ބަރުލަމާނީ ނިޒާމަކީ ކޮބާ؟ - ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާ އެކުވާ މަސްހުނި ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމުގައި ރަމްޒީ ރައީސަކު ހުންނަވަ އެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާއިރު ދައުލަތް ތަމްސީލު ކުރާ ފަރާތެއްގެ ގޮތުގައި ރައީސަކު ހުރެއެވެ. ނަމަވެސް، މި މަގާމަކީ ހަމައެކަނި ރަމްޒީ، ސިޔާސީ ނުފޫޒާއި ބާރެއް ހިންގޭ މަގާމެއް ނޫނެވެ.

ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނީ ބޮޑުވަޒީރެވެ. ހަގީގީ ވެރިކަން ހިންގުމުގެ ބާރު އޮންނާނީ ބޮޑުވަޒީރަށެވެ. ސަރުކާރުގެ އެންމެ އިސް ތަރުޖަމާނާއި ކެބިނެޓްގެ އެންމެ އިސް ވެރިޔާއާއި އަދި މަޖްލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީގެ ވެރިޔަކީވެސް ބޮޑު ވަޒީރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.