ޓައިވާން ސްޓްރެއިޓްގައި ސުލްހައާއި ހަމަޖެހުމަކީ އެ ސަރަހައްދުގެ ހުރިހާ ފަރާތްތަކެއްގެ ވެސް އާންމު މަސްއޫލިއްޔަތުތަކެއް ކަމަށް ޓައިވާނުން ބުނެ އެވެ.
އަސްކަރީ ފުރައްސާރައާ ދުއްތުރާތައް ކުރުން ހުއްޓާލަން ޓައިވާނުން ޗައިނާއަށް ބާރު އަޅައި ގޮވާލައިފި އެވެ. ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނަނީ 100 އަށް ވުރެ ގިނަ އަސްކަރީ މަތީންދާ ބޯޓް ސިލްސިލާއަކަށް ވާގޮތަށް ބައިބަޔަށް އުދުހި އަސްކަރީ ޖެސުންތައް ކުރަމުން ގެންދާ ކަމަށެވެ.
އަމިއްލަ ޑިމޮކްރެޓިކް އެޑްމިނިސްޓްރޭޝަނެއް ހިންގާ ޓައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އަބަދުވެސް ބުނެ އެވެ. އެ ހަގީގަތް ދުނިޔެވެސް އޮންނަނީ ގަބޫލުވެސް ކޮށްގެނެވެ. އަދި ޗައިނާއިން ޓައިވާން ސިފަ ކުރަނީ ޗައިނާގެ މުގައްދަސް ބިންކޮޅެއްގެ ގޮތުގަ އެވެ.
ޓައިވާނުން ބުނަނީ ބެއިޖިން އިން މިހާރު ކުރާ ކަމަކީ ޗައިނާގެ އިސްތިގުލާލުގެ ދައުވާ ސާބިތު ކުރަން ޑިޒައި ންކޮށްފައިވާ އަސްކަރީ އާ އުކުޅުތަކުގެ ބޭނުން ކުރުން ކަމަށާއި ޗައިނާގެ 100 އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ރާސްރާސްލާފައި އުދުއްސާ އުދުއްސުމަކީ "އަސްކަރީ ފުރައްސާރަ" ކުރުން ކަމަށެވެ.
ޓައިވާނުން ބުނާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް ޗައިނާގެ އަސްކަރީ 103 މަތިންދާބޯޓަކާއި ފަޔާ ޖެޓްތައް ހިމެނޭހެން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި ނޭވީގެ ބޯޓްތަކާއި މަނަވަރެއް ފެނިފައިވާ ކަމަށެވެ. ޗައިނާއިން ހިންގާ އެ ހަރަކާތްތަކުގެ ސަބަބުން ޓައިވާނު ކަނޑުއޮޅި އާއި ސަރަހައްދީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ބުނެ އެވެ.
ޓައިވާނުގެ ސިފަ ކުރުމުގައި ބުނާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާގެ ހަރަކާތްތަކުގެ ޗާޓްުން ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިން ހުރަސްކުރި ބޯޓުތަކުގެ ތެރެއިން 40 ބޯޓެއް ފެނެ އެވެ. އަދި އެހެން މަތިންދާބޯޓުތައް ޓައިވާންގެ ދެކުނަށް އުދުހިފައިވަނީ ފިލިޕީންސްއާ އިން ވަކިކުރާ ބާޝީ ޗެނަލް މެދުވެރިކޮށެވެ.
ޓައިވާން ސްޓްރެއިޓްގައި ސުލްހައާއި ހަމަޖެހުމަކީ އެ ސަރަހައްދުގެ ހުރިހާ ފަރާތްތަކެއްގެ ވެސް އާންމު މަސްއޫލިއްޔަތުތަކެއް ކަމަށް ޓައިވާނުން ބުނެ އެވެ.
"ޗައިނާގެ ކޮމިއުނިސްޓް އަސްކަރިއްޔާއިން މެދު ނުކެނޑި ކުރާ އަސްކަރީ އުނދަގޫތަކުގެ ސަބަބުން ނުތަނަވަސްކަން އިތުރުވޭ އޭގެ ސަބަބުން ސަރަހައްދީ ސަލާމަތީ ކަންކަން ގޯސް ވެދާނެ، މިފަދަ ފަނާ ކުރުވަނިވި އަމަލުތައް ވަގުތުން ހުއްޓާލަން އެދެން،" ޓައިވާން ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ޗައިނާ، ޓައިވާން އަދި މޮންގޯލިއާއަށް ހާއްސަ ކޮށްފައިވާ ކުރީގެ ސީނިއާ ޑިރެކްޓަރު ޓޯނީ ހޫ ވިދާޅުވީ ޗައިނާގެ ހަރަކާތްތައް ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި ހިނގާތީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ޓައިވާން ބިރުގަންނަވާފައި ބޭއްވުމުގެ ނިޔަތެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބީޖިންގެ ހަރަކާތްތަކަށް ޓައިވާނުން ޖަވާބެއް ދީފާނެ ކަމަށް ބެއިޖިން އިން އުންމީދު ކުރާނެ އެވެ. އެހެނެއް ކަމަކު އެއީ ވުން ކައިރި ކަމެއް ނޫނެވެ.