ފާރިސް މިރޭ ވިދާޅުވީ ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އޭނާގެ ފަރާތުން ފޮނުއްވި ހުށައެޅުންތަކަށް ޖަވާބު ދެއްވުމަށް މާދަމާއާ ހަމައަށް އިތުރު ވަގުތު ބޭނުންވާ ކަަމަށް އަންގާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތް ނިންމާ އެކަން ހާމަ ކުރުން ލަސްކޮށްލާފައިވާ ކަމަށް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފާރިސްގެ ތާއީދަށް އެދި އެމްޑީޕީއާ ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ހުށައަޅާފައެވެ. ފާރިސް ވަނީ އޭނާއާ ޓީމުގެ ތާއީދު ދިނުމުގައި ބަލާނެ ކަންކަން ހިމަނާ ދެ ކެންޑިޑޭޓަށް ވެސް ހުށައެޅުންތަކެއް ހުށައަޅާފައެވެ. އެކަންކަން ފާރިސް ވަނީ މިއަދު އާންމު ވެސް ކުރައްވާފައެވެ.
ފާރިސް މިރޭ ވިދާޅުވީ ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އޭނާގެ ފަރާތުން ފޮނުއްވި ހުށައެޅުންތަކަށް ޖަވާބު ދެއްވުމަށް މާދަމާއާ ހަމައަށް އިތުރު ވަގުތު ބޭނުންވާ ކަަމަށް އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތް ނިންމާ އެކަން ހާމަ ކުރުން ލަސްކޮށްލާފައިވާ ކަމަށެވެ.
އޭނާ ކުރީން މަސައްކަތް ކުރީ ދެ ކެންޑިޑޭޓުން ދޭ ޖަވާބަށް ބައްލަވާ މިރޭ ގޮތް ނިންމަވާށެވެ.
ދެ ކެންޑިޑޑޭޓުންނަށް ފާރިސް ހުށައެޅުއްވި ކަންކަމުގެ ތެރޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި އުޅޭނަމަ އެކަން ސަބަބާއެކު ހާމަކުރުމާއި އުތުރުތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓް އެގްރީމަންޓާއި އައްޑޫ ޕޮލިސް އެކަަޑަމީގެ އެގްރީމަންޓް މަޖިލީހާއި ހިއްސާ ކުރުމާއި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރިކަން މޮރިޝަސް ސަރުކާރަށް އެންގުމާއި އޮޓްލޮސްގެ ނިންމުން އަލުން މުރާޖާ ކުރަން އެދިފައެވެ.
މިކަންކަން ރައީސް ސޯލިހް މިހާރުން މިހާރަށް ކުރެއްވުމަށާއި ޕީޕީއެމް / ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ފުރަތަމަ 50 ދުވަހުގެ ތެރޭގައި އެކަންކަން ކުރުމަށް ފާރިސް ވަނީ ހުށައަޅުއްވާފައެވެ.
މީގެ އިތުުރުން ރިޔާސީ ނިޒާމު ފިޔަވާ އެހެން ނިޒާމަކަށް ތާއީދު ނުކުރާނެކަން ހާމަކުރުމާއި މަޖިލީހުގެ ގޮޑީގެ އަދަދު މަދުކޮށް މުސާރަ ކުރުމާއި މެންބަރުން ވަކިކުރެވޭނެ ގޮތް ކަނޑައެޅުމާއި މެންބަރަކަށް ވުމުގެ ޝަރުތު ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލު ކުރުމާއި މަޖިލީސް މެންބަރުންނަށް ވިޔަފާރި ނުކުރެވޭ ގޮތް ހެދުމާއި އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމާއި ކްރިމިނަލް ޖަސްޓިސްގެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ހުށައަޅުއްވާފައިވެއެވެ.
އަދި ސިވިލްސާވިސްގެ އޮނިގަނޑު އިސްލާހުކޮށް ހަރުދަނާ ކުުރުމާއި ވެރިކަން ހިންގުން ހަރުދަނާ ކުރުމާއި އެ ދެ ދާއިރާއިން ފާހަގަ ކުރެވޭ ކަންތައްތަކެއް ކުރުމަށް ވެސް ތަފްސީލާ އެކު ހުށައަޅުއްވާފައި ވެއެވެ. ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަތައް ބަލާ އާއިލާތަކަށް އިންސާފު ހޯދާ ދިނުމަށް ވެސް ފާރިސް ހުށައަޅުއްވާފައިވެއެވެ. އެކަން އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީނަށް އިންސާފު ހޯދާ ދިނުމާއި އެއްވެ އުޅުމުގެ ހައްގު ހަނިކުރި ގާނޫނު އުވާލުމާއި އާމްދަނީ ނުލިބޭ މަޝްރޫއުތަކަށް ދަރަނި ނެގުން ކުޑަކުުރުމާއި މަސްވެރީންގެ ހައްގުތައް ކަށަވަރު ކުރުމާއި އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށް ވެސް މުހިންމު ކަންތައްތަކެއް ކުރުމަށް ފާރިސްގެ ޓީމުން ވަނީ ހުށައަޅުއްވާފައެވެ.