ބައިސްކޯފަށް 102000 ރުފިޔާގެ ޖޫރިމަނާއެއް

ބައިސްކޯފަށް ބޮޑު ޖޫރިމަނާއެއް އައީ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި ރާއްޖޭގެ ޓީވީ ޗެނަލްތައް ބައިސްކޯފް އެޕުން ދައްކަމުންދާ މައްސަލާގައެވެ. މިއީ ކޮމިޝަނުން އަމިއްލަ އިސް ނެގުމުގައި ބެލި މައްސަލަ އެެކެވެ.

ބައިސްކޯފް ޓީވީ އެޕް ލޯންޗު ކުރުން -- ފައިލް ފޮޓޯ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ކޮންޓެންޓް އުފައްދާ ބައިސްކޯފް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށް އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބައިސްކޯފަށް ބޮޑު ޖޫރިމަނާއެއް އައީ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި ރާއްޖޭގެ ޓީވީ ޗެނަލްތައް ބައިސްކޯފް އެޕުން ދައްކަމުންދާ މައްސަލާގައެވެ. މިއީ ކޮމިޝަނުން އަމިއްލަ އިސް ނެގުމުގައި ބެލި މައްސަލަ އެެކެވެ.

އެ މައްސަލަ ބެލުމަށް ފަހު ބްރޯޑްކޮމް އިން ނިންމި ނިންމުމުގައި ބުނެފައިވަނީ އެ ކޮމިޝަންގެ މޮނިޓަރިން ސެކްޝަނުން ބެލި ބެލުމުގައި ބައިސްކޯފް އެޕްގައި ރާއްޖޭގެ ޗެނަލްތައް ހުރި ކަމަށާ ކޮންމެ ޓީވީ ޗެނަލެއް ވަކިވަކީން ބެލުމުން ކޮންމެ ޗެނަލް އެއް ރިއަލްޓައިމް ގައި ރީބްރޯޑްކާސްޓް ކުރާކަން ފާހަގަ ކުރެވިފައިވާ ކަަމަށެވެ.

އެ މައްސަލާގައި ޖަވާބުދާރީވާން ބައިސްކޯފް ހިންގާ އީކޮމް އެކްސްޗޭޖް އެމްވީ ޕްރައިވެޓް ލިމިޓެޑަށް އެންގި ނަމަވެސް ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި މައުލޫމާތު ސާފު ކުރުމަށް ބައިސްކޯފާއެކު ބައްދަލްވުމެއް ބާއްވާ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި ރާއްޖޭގެ ޓީވީ ޗެނަލްތައް ބައިސްކޯފް އެޕުން ދައްކަމުންދާތީ އެކަން ވަގުތުން ހުއްޓާލުމަށް ކޮމިޝަނުން އެންގި ކަމަށެވެ.

ބްރޮޑްކޮމް އިން ބުނީ ބައިސްކޯފް ސްޓްރީމްކުރާތާ ފަސް އަހަރުވެފައިވާ ކަމަށް އެ ކުންފުނީގެ ބަހުން އެނގެން އޮތުމުން އަދި އެ އެޕް މެދުވެރިކޮށް ދިވެހި 10 ޗެނަލް ރި-ބްރޯޑްކާސްޓް ކުރާކަން ސާބިތުވެފައިވާ ކަމަށެވެ. ހުއްދަ ނެތި ރި-ބްރޯޑްކާސްޓް ކުރާނަމަ ކޮންމެ ދުވަހަކަށް 2000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިިބިފައިވާތީ ޖޫން ފަސް ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ފާއިތުވި 102 ދުވަހަށް ކޮންމެ ދުވަހަކަށް 1،000 ރުފިޔާގެ މަގުން 102000 ރުފިޔާ އިން އީކޮމް އެކްސްޗޭޖް އެމްވީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރާ ކަމަށެވެ.

އެ ފައިސާ ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ އަންގާފައެވެ. އެ މައްސަލަ ނިންމީ ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ކަމަށް މި މަހުގެ 14 ވަނަ ދުވަހު ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ސޮއިކުރައްވާ އެންގި އެންގުމުގައި ވެއެވެ.

ބައިސްކޯފްގެ ބަސް -- ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި ރާއްޖޭގެ ޓީވީ ޗެނަލްތައް ބައިސްކޯފް އެޕުން ދައްކަމުންދާ މައްސަލާގައި ޖަވާބުދާރީވެފައި ނުވާ ކަމަށް ބްރޮޑްކޮމް އިން ބުނި ނަމަވެސް އެކަން ބައިސްކޯފުން ދޮގު ކުރެއެވެ. ބައިސްކޯފުން ވަނީ ދެ ފަހަރެއްގެ މަަތީން އެ މައްސަލާގައި ޖަވާބުދާރީ ވެފައެވެ. ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކޮށް ވެސް މައުލޫމާތު ދިނެވެ.

ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި ރާއްޖޭގެ ޓީވީ ޗެނަލްތައް ބައިސްކޯފް އެޕުން ދައްކަމުންދާ ކަމަށް ބުނި ނަމަވެސް ބައިސްކޯފުން އެ ޗެނަލްތައް ސްޓްރީމް ކުރަނީ އެވެ. އެ ކަމުގެ ހުއްދަ ނަގާފައި ނުވަނީ ސްޓްރީމް ކުރުމަށް ކޮމިޝަންގެ ގަވާއިދުގެ ތެރެއިން ހުއްދަ ނަގަން ޖެހޭ ގޮތަށް އޮންނަކަން އެނގިފައި ނެތުމާއި އެކަމާއި ގުޅޭ އުސޫލެއް / ގަވާއިދެއް ވެސް ނެތުމުން ކަމަށް ބައިސްކޯފުން ވަނީ ބްރޮޑްކޮމަށް އަންގާފައެވެ.

މީގެ އިތުރުން ބައިސްކޯފުން ޗެނަލްތައް ސްޓްރީމް ކުރަނީ އެ ޗެނަލްތަކުގެ ހުއްދަ ހޯދައިގެން ކަން ވެސް އަންގާފައިވެއެވެ. އެކަން ކުރުމުން ބޭރުގައި ދިރިއުޅޭ ދިވެހީންްނަށް ދިވެހި ޗެނަލްތައް ފަސޭހަ އިން ބެލޭނެ ގޮތް ހަމަޖެހިގެން ދިޔަކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް

1
450
ލިޔު
1 year ago

މިހާރު ގަބޫލު ކުރަންވީ ކޮން ބައެއްގެ ވާހަކަ ކަމެއް ނޭގޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.