ބޯޓުގެ ވެރިޔާ މަނައުސް އެރޮޓާކްސީ ވިދާޅުވީ ބޯޓާއި އޭގެ ފަޅުވެރިން އުދުހިފައި ވަނީ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަ ކޮށްގެން ކަމަށެވެ.
ހޮނިހިރު ދުވަހު ވަރަށް ބޮޑަށް މޫސުން ގޯސްވެފައި ވަނިކޮށް ބްރެޒިލްގެ އެމެޒޯންގައި މަތިންދާ ބޯޓެއް ވެއްޓި 14 މީހަކު މަރުވެއްޖެ އެވެ.
ކުޑަ އެ ބޯޓު ވެއްޓުނީ އެމެޒޯނާސް ސްޓޭޓްގެ ވެރިރަށް މަނައުސް އާއި ދުރު ޖަންގަލީގެ ރަށެއް ކަމަށްވާ ބާސެލޯސް އާއި ދެމެދުން 400 ކިލޯމީޓަރު (248 މޭލު) ގެ ދަތުރެއް ނިމުމާ ކައިރިވެފައި ވަނިކޮށެވެ.
އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ބޯޓުގައި ތިބި އެންމެން ވެސް ވަނީ މަރުވެފަ އެވެ، އެއީ 12 ފަސިންޖަރުންނާއި ދެ ފަޅުވެރިންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ބްރެޒިލްގައި ވަނީ ތަހުގީގެއް ފަށާފަ އެވެ. މަރުވި މީހުންގެ ހަށިގަނޑު ރަސްމީކޮށް ދެނެގަތުމުގެ މަސަކަތް ވެސް ކުރެ އެވެ.
އެމެޒޯނާސްގެ ސްޓޭޓް ސެކިއުރިޓީ ސެކްރެޓަރީ ވިނިސިއަސް އަލްމެއިޑާ ވިދާޅުވީ ފުރަތަމަ ލިބުނު މައުލޫމާތުތަކުން ދައްކާ ގޮތުގައި ބޯޓު ވެއްޓުނީ ބޯކޮށް ވާރޭވެހި ވިޒިބިލިޓީ ގެއްލިގެނެވެ.
ބްރެޒިލްގެ ނިއުސް ސައިޓް ޖީ1 އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބޯޓަކީ ބްރެޒިލްގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެމްބްރޭއާ އިން އުފައްދާފައިވާ ޓްވިން އިންޖީނުގެ ޓާބޯޕްރޮޕަ އީއެމްބީ-110 މަރުކާގެ ބޯޓެކެވެ.
ބޯޓުގެ ވެރިޔާ މަނައުސް އެރޮޓާކްސީ ވިދާޅުވީ ބޯޓާއި އޭގެ ފަޅުވެރިން އުދުހިފައި ވަނީ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަ ކޮށްގެން ކަމަށެވެ.
"އަހަރެމެންގެ ޓީމުތައް ތިބީ ބޯޓު ވެއްޓުނު ވަގުތުން ފެށިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން" ބޯޓު ވެއްޓުމާ ގުޅިގެން އެމެޒޯނާސްގެ ގަވަރުނަރު ވިލްސަން ވިދާޅުވި އެވެ. އަދި ވިދާޅުވީ " އަޅުގަނޑުގެ ހެޔޮ ދުއާ މަރުވި މީހުންގެ އާއިލާތަކަށާއި ރައްޓެހިންނާ އެކުގައިވާ" ކަމަށެވެ.