އަފްޣާނިސްތާނުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ ތާލިބާނުންގެ ސަރުކާރަށް އޮންނަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އަފްޣާނިސްތާނުގެ ވެރިކަމާ 2021 ވަނަ އަހަރު ތާލިބާނުން ހަވާލުވި ފަހުން އަފްޣާނިސްތާނަށް ސަފީރެއް ކަނޑައެޅި ފުރަތަމަ ގައުމަށް ޗައިނާ ވަނީ ވެފަ އެވެ.
ވެރިކަން ކުރާ ތާލިބާނުން ބުނާ ގޮތުގައި އެ ގައުމަށް ޗައިނާއިން ކަނޑައަޅާ ސަފީރެއްގެ ގޮތުގައި ޒާއޯ ޒިންގް އައްޔަން ކުރުމަކީ އެހެން ގައުމުތަކުން އެ ގައުމުގެ ސަރުކާރާ ގުޅުން ގާއިމް ކުރާނެ ކަމުގެ ނިޝާނެކެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފިޔަވަޅަކީ ޗައިނާގެ ނުފޫޒު އެ ސަރަހައްދަށް ފުޅާ ކުރަން މަސައްކަތް ކުރަމުންދާ ގޮތް ހާމަވާ ފިޔަވަޅެކެވެ.
ތާލިބާނުންގެ ލީޑަރުން ވަނީ ބުދަ ދުވަހު ކާބުލްގެ ރިޔާސީ ގަނޑުވަރުގައި ބޮޑު ޕްރޮޓޮކޯލެއްގެ ދަށުން ޒާއޯއާ ބައްދަލުކޮށް މަރުހަބާ ދަންނަވާފަ އެވެ. ރިޔާސީ ގަނޑުވަރުގައި ޒާއޯއަށް އިސްތިގުބާލު ކުރެއްވީ އެކްޓިން ބޮޑުވަޒީރު މުހައްމަދު ހަސަން އަޚުންދާއި އެކްޓިން ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތަގީ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި ވެރިރަށް ބެއިޖިން އިން ކާބުލްއާއެކު މަޝްވަރާތަކާއި އެއްބާރުލުން ކުރިއަށް ގެންދާނެ އެވެ. ޗައިނާއިން އަފްޣާނިސްތާނާ މެދު ގެންގުޅޭ ސިޔާސަތަކީ ސާފު އަދި އެއްގޮތް ސިޔާސަތެކެވެ.
ބޭރުގެ އެއްވެސް ސަރުކާރަކުން އަދި ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިނުގަތް ނަމަވެސް، 2021 ވަނަ އަހަރުގެ އޯގަސްޓް މަހު އެމެރިކާ ފައިބައިގެ ދިއުމުން އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންގެ އަތްމައްޗަށް ފުރޮޅުމާއެކު ޗައިނާއިން ވަނީ އަފްޣާނިސްތާނާ ގުޅުން ބަދަހި ކުރާނެ ކަމަށް ބުނެ އެ ގައުމަށް އެހީތެރި ވެދޭން ފަށާފަ އެވެ.
އަފްޣާނިސްތާނަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކްޗާ އިނިޝިއޭޓިވްސްގެ ބެއިޖިންގެ މުހިންމު މަސްލަހަތުތަކެއް އޮތް ގައުމެކެވެ. މިއަހަރުގެ ޖެނުއަރީ މަހު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ އުތުރުގައި ތެޔޮ ހޯދަން ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެއީ ތާލިބާނުންނަށް ވެރިކަން ލިބުމަށްފަހު ބޭރުގެ ކުންފުންޏަކާއެކު ހެދި ހަކަތައިގެ އެފަދަ ފުރަތަމަ އަދި ބޮޑު އެއްބަސްވުމެވެ.
"ޗައިނާގެ އަމާޒަކީ އެ ސަރަހައްދުގައި ނުފޫޒުގަދަ ބައިވެރިއެއްގެ ގޮތުގައި ގާއިމުވެލައި ހަމަޖެހިލައިގެން އޮތުން،" އޭޝިއާ ސޮސައިޓީ ޕޮލިސީ އިންސްޓިޓިއުޓްގެ ޑިރެކްޓާ އޮފް ސައުތު އޭޝިއާ އިނިޝިއޭޓިވްސް އާމަރު އެވެ.
ތާލިބާނުންނާ އެކު ޑިޕްލޮމެޓިކް ގުޅުންތައް ދެމެހެއްޓުމަކީ ޗައިނާގެ ސަލާމަތީ ގޮންޖެހުންތައް ކޮންޓްރޯލް ކުރަން އެހީތެރި ވެދޭނެ ކަމެއް ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ސަފީރު ޒާއޯއަކީ ކުރިން އަފްޣާނިސްތާނުގައި ހުންނެވި ޗައިނާގެ ސަފީރު ވަންގް ޔޫގެ ބަދަލުގައި ހުންނެވި ބޭފުޅެކެވެ.
އަފްޣާނިސްތާނުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ ތާލިބާނުންގެ ސަރުކާރަށް އޮންނަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ވަކިން ހާއްސަކޮށް އެމީހުންގެ ވެރިކަމުގެ ދަށުން އަންހެނުންގެ ހައްގުތައް ވަރަށް ބޮޑަށް ފިއްތާފައި އޮތް އޮތުމަކީ ދުނިޔޭގެ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމަނާފައިވާ ފިޔަވަޅެކެވެ.