ނިއުޝާގެ ފައިން ވަރު ދޫވެގެން އޭނާ ސިޓިންގރޫމަށް ޖެހިގަތެވެ. އަދި މޫނުމަތީގައި އަތް އަޅާ "ޕާސް" ކިޔާ ރޮއިގަތެވެ.
-- އެޕިސޯޑް 11--
މޫސަގެ ފަހަތުން ރޫމާ ވެސް ވަނީ ކޮޓަރި ތެރެއަށެވެ. ނިއުޝާ ސިޓިންގރޫމްގެ ޓައިލްސްގަނޑު މައްޗަށް ވެއްޓިގެން ރޯން އިނީ މޫނުމަތީގައި އަތް އަޅައިގެންނެވެ. ނިއުޝާ އަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. އޭނާގެ ހިތަށް ލިބެނީ އިންތިހާއަށް ހިތްދަތި ކަމެވެ. ބައްޕަގެ އުފަލާއި ޤަދަރަށްޓަކަށް ކުރަން އުޅޭ ކައިވެނިން، ބައްޕައަށް މިދެވެނީ ކިހާ ބޮޑު ހިތާމައެއްކަން ނިއުޝާއަށް އިޙްސާސް ކުރެވިއްޖެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ ނިއުޝާގެ ތަޤުދީރެވެ. ނިއުޝާއަށް މި ނޫން އެއްވެސް ގޮތެއް އޮތް ކަމަކަށް ނިއުޝާއަށް ޤަބޫލެއް ނުކުރެވެއެވެ. ނިއުޝާ ނަހަލާލަށް ބަލިވެ އިން ކަމުގެ ޚަބަރު މޫސަ އަހާނީ ކިހިނެއް ހެއްޔެވެ؟ އެ ފަކީރުގެ ކަންފަތަށް އެ ބަސްތައް އަޑުއަހާނެ ހިތްވަރު ހުންނާނެ ހެއްޔެވެ؟ އެ ފަކީރަށް ލިބޭ ކުއްލި ޝޮކަކަށް ބައްޕަ މަރުވެދާނެ އެވެ. މިއީ ނިއުޝާގެ ސިކުނޑި ތެރެއަށް ވަންނަމުންދާ ކަންކަމެވެ.
އެނދުމަތީގައި މޫސަ އޮތީ ބަންޑުން، އޭނާގެ މޫނުމަތީގައި ބާލިސް އަޅައިގެންނެވެ. މޫސަގެ ދާދި ގާތުގައި ރޫމާ އިނދެގެން، މޫސަގެ ބުރަކަށީގައި ފިރުމަނީއެވެ. ރޫމާ އިނީ އެއްވެސް އެއްޗެއް ނުބުނެ ހިމޭން ވެފައެވެ. ބުނަން ވީ ކީކޭކަން ވެސް ނޭނގިފައެވެ. ފަހުގެ ތާރީޙެއްގައި މޫސަ ދެރަވެފައި ވަނިކޮށް ރޫމާއަށް ފެނިފައި ނެތެވެ. މޫސަގެ ސިކުނޑީގައި އެތައް ޚިޔާލުތަކާއި ފިކުރުތަކެއް ދައުރުވަމުން ދެއެވެ. މަންމައެއްގެ ލޯތްބާއި ނުލާ، ނިއުޝާ ބަލާބޮޑުކުރި ދުވަސްތައް ވައިރޯޅިއެއްހެން އައިސް މޫސަގެ ހިތާއި ސިކުނޑީގައި ބީހިލައެވެ. އެއިން ކޮންމެ ޚިޔާލަކުން މޫސަގެ ހިތަށް ލިބެމުންދާ ގިލަންވެރިކަން ވަނީ އިތުރެވެ.
ޑިއުޓީ ނިންމާލާފައި ސަމާ ގެއަށް އައިސް ވަތް އިރު، މުޅި ގޭ ތެރެ ވަނީ ހިމޭން ވެފައެވެ. އެއްވެސް އަޑެއް ބަޑެއް ނީއްވެއެވެ. ފެންނަން އިނީ ސަމާގެ މަންމަ ފުން ޚިޔާލެއްގެ ތެރެއަށް ޤަރަޤުވެފައި އިން ތަނެވެ. ސަމާ މަޑުމަޑުން ގޮސް ރޫމާގެ ގާތުގައި ހުއްޓުނެވެ. އަދި މަންމާއޭ ކިޔާ ގޮވާލިއެވެ. ސަމާގެ އަޑަށް ރޫމާ ސިހުނެވެ. އަދި ސަމާގެ އަތުގައި ހިފައި ރޫމާގެ ގާތުގައި ސަމާ އިށީންނަށް ލޮލުގެ އިޝާރާތުން އަންގާލިއެވެ. ރޫމާ ބޭނުންވީ ވެގެން އުޅޭ ގޮތް ސަމާއަށް ކިޔައިދީފަ ބާއްވަންށެވެ. ރޫމާގެ ވާހަކަތައް ވީ ސަމާ އަށް ލިބުން ހައިރާން ކަމަކަށެވެ. ފަޔާޒްއާ އެކުގައި އުޅެމުން މާއިޒްގެ ކުޅިގަނޑު ނިއުޝާ ހިންގި ނަމަވެސް، ނިއުޝާ ފަޔާޒާ ކައިވެނީގެ ގޮތުން ގުޅެން އުޅެފާނެއޭ ސަމާ ވެސް ހުޜީ އުއްމީދުކޮށްގެން ނޫނެވެ.
"އަސްލުތަ މަންމާ؟ ޕިސް ިޕސް.. ކީކޭ ދޯ ބުނާނީ! އަޅާނުލާ ބަހައްޓާ! އެއީ ކުޑަ ކުއްޖެއް ނޫނެއްނު. ހެވާ ރަނގަޅު ނޭނގެން.." ސަމާ ވާހަކަދެއްކީ ރޫމާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"އެނގޭ ބައްޕަ ވެސް ދެރަ ވާނެކަން.. އެހުރީ އަމިއްލަ ދަރި ހަދާލި ގޮތް. މަންމަ ބުނޭ! ނިއުޝާ ނެތަސް އަހަރެން މިހުރީއޭ.. އަހަރެން ބައްޕަ ދެރަވާނެ ކަމެއް ނުކުރާނަން.." ސަމާ ދަނޑިވަޅުގެ ބޭނުން ހިފަން އަވަސްވެ ގަތެވެ. ޙަޤީޤަތުގައި ސަމާ ބޭނުންވި ގޮތް މިވަނީއެވެ. އެއީ ނިއުޝާ އާއި ފަޔާޒްގެ ކައިވެންޏެވެ. ސަމާ ޤަބޫލު ކުރާ ގޮތުގައި ނިއުޝާއަށް ގުޅެނީ އެކަހަލަ ތާކުން ތާކު ނުޖެހޭ މީހުންނެވެ. ނިއުޝާއަށް ފަޔާޒްއާ އެކުގައި ލިބޭނީ ހުސް ހިތްދަތިކަން ކަމުގައި ސަމާ ޤަބޫލުކުރެއެވެ.
***
ދުވަސްތައް ވޭތުވަމުން ދަނީއެވެ. ދުވަހަކަށް ފަހު ދުވަހެކެވެ. އެގޮތުގައި ދުވަސްތައް ވޭތުވެ މާޒީ ވަމުން ގޮސް 2 ހަފުތާ ފާއިތުވެ ހިނގައްޖެއެވެ. މާދަމާ އަކީ ނިއުޝާ އާއި ފަޔާޒްގެ ކައިވެނީގެ ގުޅުމުގައި ގޮށް ޖެހިގެންދާނެ ދުވަހެވެ. ނިއުޝާ މަޑުމައިތިރި ކަމާއެކުގައި އޭނާގެ ހެދުންތައް ޕެކް ކުރަމުން ގެންދިޔައެވެ. މި ވޭތުވި ދިިޔަ ދުވަސްތަކުގެ ތެރޭގައި ނިއުޝާ އާއި ގޭތެރެއިން އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ނިއުޝާ ފަޔާޒާ އެކުގައި ބައްދަލުވާކަން އެނގޭތީ މޫސަ ވެސް ފަހުން އެ ވާހަކަދައްކަން ބޭނުން ނުވީއެވެ. ނިއުޝާ އޭނާގެ ގޮތުގައި ހުންނަން ދޫކޮށްލީއެވެ.
ނިއުޝާގެ ބައްޕަ ނިއުޝާއާ ގުޅުން ކަނޑާލަން ނިންމިޔަސް، އެކަމުގައި ފަޔާޒްގެ މާ ބޮޑު ހާސް ކަމެއް ނެތެވެ. ފަޔާޒަށް ނިއުޝާ އުފަލުގައި މުޅި އުމުރު ގެއްގުޅެވޭނެ ކަމުގެ ޔަޤީންކަން އޭނާގެ އޮވެއެވެ. ނަމަވެސް އެކަމުގައި ނިއުޝާ ވާނެ ދެރަ އިޙްސާސް ވާތީ، އެ އޮންނަ ކަންބޮޑުވުން ނޫން އިތުރު އެއްވެސް ހާސް ކަމެއް ފަޔާޒްގެ ފަރާތަކުން ނުފެނެއެވެ. ފަޔާޒް ހުރީ ނިއުޝާ "ރާނީ" އެއްފަދައިން ގެއްގުޅެން ހަމަ ތައްޔާރަށެވެ.
ދަބަސްތައް ތައްޔާރުކޮށްލައިގެން ކޮޓަރީގައި ނިއުޝާ އިނީ ފަޔާޒް އޭނާ ބަލާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ ނިއުޝާގެ ކޮޓަރި ތެރެއަށް ވަނީ ސަމާ އެވެ. އެއްވެސް ވަރަކަށް ދޮރުގަ ޓަކި ނުޖަހާ، އެއްވެސް ހުއްދައެއް ނުހޯދައެވެ.
"ހެހެ! ފައިނަލީ.. ދަނީ ދޯ؟ ތީ އަސްލު ކަލޭގެ ފެންވަރަކީ.. ކަލޭއަށް ހައްޤުވާ މިންވަރު.. އަހަރެން ވަނީ މިއަދު އުފާ.. ކަލޭ މިގޭގެ ރަސްކަން ލައްކަ ދުވަހުކޮށްފީމެއްނު؟ ދެން އޮތީ އަހަރެންގެ ރަސްކަން.. އަހަރެންގެ ވެރިކަން ކަލޭ ތީ ކަލޭ ބަލާ ބޮޑު ކުރި ބަފާއަށް ވެސް ހަރާންކޯރު ވީ ދަރިއެއް.. ޗީ ޗީ.." ސަމާގެ ތުންފަތުން ދުވެލީ ވިހަ ހިނިތުންވުމެކެވެ.
"އެހެންތަ؟ އެހަންތަ ހީކުރީ.. ކަލޭ އަހަރެންގެ ބައްޕަ ލާފަ ވާހަކަނުދައްކާ! އަހަރެން ކޮންމެ ކަމެއް ކުރާނީ އެމީހުންނަށް ރަނގަޅަކަށް.. ސަމާއަށް އަދި ވިސްނެއް ދުވަސްގަނޑެއް ނަގާނެ.. އަހަރެންގެ އެއްވެސް ސަމާލުކަމެއް ސަމާ އަކަށް ނެތޭ.." ނިއުޝާ ގެ ފޯނަށް ފަޔާޒް ގުޅުމާ އެކު ނިއުޝާ ކޮޓަރިން ނުކުތެވެ. ސިޓިނގްރޫމްގައި މޫސަ އިނީ އިސްދަށަށް ޖަހައިގެންނެވެ. ރޫމާ ބަލައިލީ ނިއުޝާ އަށެވެ. ނިއުޝާ މަޑުމަޑުން ގޮސް ގެއިން ނުކުތެވެ. ބައްޕާއޭ ކިޔާ ގޮވާލަން އިންތިހާއަށް ނިއުޝާ ހުރީ ބޭނުން ވެފައެވެ. އެކަމު އެ ހިތްވަރެއް ނެތެވެ. ބިރު ވެސް ގަނެއެވެ. ކައިވެނީގެ ވަލީ ދޭން ވެސް މޫސަ އިންކާރު ކޮށްފައި ވުމާ އެކުގައެވެ. ފަޔާޒް އާއި ނިއުޝާގެ ކައިވެންޏަށް ވަލީ ދޭން ހަމަޖެހިފައި އޮތީ ކޯޓުންނެވެ. (ނުނިމޭ)
ވާހަކައިގެ މިހާރު މި އައި އެންމެ ސަޅި ހިސާބަށް. ދެން ވާނީ ކިހިނެތްތޯ ހިތަށް އަރާފަ މީނީ
ވާހަކަ ޝައުގުވެރިވާން ފަށައިފި. އެކަމު ވަރަށް ދެރަ ނިއުޝާ ފަޔާޒާ ކައިވެނި ކުރާތީ. އަސްލު އެއްވެސް ވަރަކަށް ހަޖަމެއް ނުވޭ ފަޔާޒަށް އެވަރުގެ ބޮޑު ވޭނެއް ލިބެން