ތޫފާނާ ގުޅިގެން އެ ސަރަހައްދުތަކުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފަ އެވެ. މިސްމާރީ ވިދާޅުވީ ކާރިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު ވެސް 5،000 މީހުނާއި 6،000 މީހުނަށް އަރާ ކަމަށެވެ.

ބެންގާޒީ - ލީބިޔާގެ އިރުމަތީ ސަރަހައްދަށް ބާރުގަދަ ތޫފާން "ޑެނިއެލް" ލައިގެނެ ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ޑެރްނާ ސިޓީއަށް ފެން ބޮޑުވެ މެދުވެރި ބޮޑެތި އުނދަގޫތަކުގެ ތެރޭގައި 2،000 މީހުން މަރުވެ އިތުރު އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް ކަމާބެހޭ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.
ލީބިޔާގެ އިރުމަތީ ސަރަހައްދުތަކުގައި ވެރިކަން ކުރާ ސަރުކާރަކީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަނަ ސަރުކާރެއް ނޫނެވެ.
އެ ސަރަހައްދު ތަކުގެ ކޮންޓްރޯލްކުރާ ލީބިޔާގެ ގައުމީ ސިފައިންގެ ތަރުޖަމާނު އަހުމަދު މިސްމާރީ ޓީވީން ދެއްކި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެއީ ކާރިސާ އެއް ކަމަށާއި އެ ކާރިސާގައި ޑެރްނާގެ ޑޭމްތައް ވެއްޓި "ރައްޔިތުންނާއެކު އަވަށްތައް ކަނޑަކަށް ބަދަލުވި" ކަމަށެވެ.
މި ތޫފާނާ ގުޅިގެން އެ ސަރަހައްދުތަކުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފަ އެވެ. މިސްމާރީ ވިދާޅުވީ ކާރިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު ވެސް 5،000 މީހުނާއި 6،000 މީހުނަށް އަރާ ކަމަށެވެ.
ސިޔާސީ ގޮތުން ލީބިޔާ އިރުމައްޗާއި ހުޅަނގަށް ބަހާލެވިފައިވާއިރު، 2011 ވަނަ އަހަރު ނޭޓޯގެ ތާއީދުގައި ހިނގި ގަތުލުއާންމަކަށް ފަހު އަހަރުތަކެއް ވަންދެން ހަމަނުޖެހުންތަކެއް ހިނގައި އާންމު ހިދުމަތްތައް ވަނީ ފުނޑުފުނޑުވެފަ އެވެ.
ޓްރިޕޮލީގައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުން އިރުމަތީ ސަރަހައްދުތަކުގެ އެއްވެސް ކޮންޓްރޯލް ނޯވެ އެވެ.
ޑެނިއެލް ތޫފާން ލީބިޔާގެ ސަރަޙައްދުތަކަށް އަރާފައި ވަނީ އަންގާރަ ދުވަހު އެވެ. ތޫފާނާ އެކު ބޯކޮށް ވާރޭވެހި، ވައި ގަދަވެފައިވެ އެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ބެންޣާޒީ އާއި ސޫސާ، ޑެރްނާ އަދި އަލް މަރަޖު ހިމެނެ އެވެ.
ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލީބިޔާގައި ހުޅަނގުގައި ވެރިކަން ކުރާ ސަރުކާރުން ވެސް ވަނީ އިރުޝާދުތައް ދީފައެވެ.