މި ސާވޭގައި ބައިވެރިވި ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރަށް (އޭޕްރީލް–ޖޫން) ވިޔަފާރިތަކުން ކުރާ އުންމީދުތަކަށް ބަލާއިރު، ޖުމްލަ ވިޔަފާރި ދަށްވާނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި ވިކުނު މުދާ އިތުރުވިނަމަވެސް ނަމުދާ ގަންނަން ލިބޭ އަގު ސަބަބުން ވިޔަފާރިތަކަށް ގެއްލުމާ ކުރިމަތިވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރާއްޖޭގެ އެންމެ ބޮޑެތި ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކުން މެދުވެރިކޮށް ހެދި ކުއާޓަރީ ބިޒްނަސް ސާވޭ (ކިއުބީއެސް) ދައްކާ ގޮތުން ވިޔަފާރިތަކުގެ ޖުމްލަ ސޭލްސް ވޮލިއުމް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މިއާއެކު ވިޔަފާރިތަކުން އައު އޯޑަރުތައް ދިން މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް، ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މުދާ ހޯދުމަށް ހިނގާ ހަރަދު ނުވަތަ 'ކޮސްޓް އޮފް ސޭލްސް' އިތުރުވުމެވެ. މި ހަރަދުތައް މަތިވުމާ ގުޅިގެން، ހޯލްސޭލް އަދި ރީޓެއިލް މުދާ ވިއްކާ އަގުތައް ވެސް ވަނީ ފުރަތަމަ ކުއާޓަރުގައި އުފުލިފައެވެ. އަގުތައް މަތިވި ނަމަވެސް، ސިނާއަތުގެ މާލީ ހާލަތު ފުރަތަމަ ކުއާޓަރުގައި ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފަ އެވެ.
މި ސާވޭގައި ބައިވެރިވި ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރަށް (އޭޕްރީލް–ޖޫން) ވިޔަފާރިތަކުން ކުރާ އުންމީދުތަކަށް ބަލާއިރު، ޖުމްލަ ވިޔަފާރި ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި ކުރިއަށް އޮތް ކުއާޓަރުގައި މުދާ ވިކޭނެ މިންވަރު ދަށަށް ދާނެ ކަމަށް ވިޔަފާރިތަކުން ބުނެފައިވެ އެވެ. އަދި މުދާ ގަންނަން ލިބޭ އަގު ދެވަނަ ކުއާޓަރުގައި ވެސް ހުންނާނީ މަތީގައެވެ. މީގެ ސަބަބުން ބާޒާރުގައި މުދާ ވިއްކާ އަގުތައް ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް އުފުލޭނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ.
ވިޔަފާރިތަކުން ބުނެފައިވާ ގޮތުން ވިޔަފާރި ދަށްވާނެ ކަމަށް ބެލެވުނު ނަމަވެސް، ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބޮޑު ބަދަލެއް ނާންނާނެ ކަމަށް ސާވޭއިން ދައްކަ އެވެ.
ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފުޅާކުރުމަށް މިވަގުތު ހުރި ހުރަސްތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވިޔަފާރިތަކުން ފާހަގަކޮށްފައިވަނީ ކުލި ބޮޑުވުމާއި އަދި ފައިނޭންސް ހޯދުމުގެ ހަރަދުތައް މަތިވުމެވެ. މީގެ އިތުރުން އެއް ސިނާއަތެއްގެ ތެރޭގައި އޮތް ވާދަވެރިކަން ބޮޑުވުމާއި ކަސްޓަމަރުންގެ ޑިމާންޑް ދަށްވުން އަދި ބޭންކްތަކުން ކްރެޑިޓް ނުވަތަ ލޯނު ލިބުމުގައި ހުރި ދަތިތައް މި ސާވޭގައި ވިޔަފާރިތަކުން ފާހަގަކޮށްފައިވެ އެވެ.