މާލޭން ގޯތި ލިބޭ ފަސް އަހަރުގެ ރަށްވެހިކަމުގެ ޝަރުތު ލުއިކުރަން ވިސްނަނީ

މާލެ ރަށްވެހިންގެ ކެޓަގަރީގެ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރު ވެފައިވުން ހިމެނޭ.

ހެންވޭރު ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މާލެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު ލުއިކުރުމާމެދު ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ވަނީ މާލެ ރަށްވެހިންނަށް ގޯތި ދިނުމުގައި، މާލޭގެ ރަށްވެސަކަށްވެ ފަސް އަހަރުވެފައިވާ މީހަކަށް ވުން ޝަރުތުކޮށްފައި އޮތުމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މިގޮތުން، މާލޭގައި އުމުރުގެ ބޮޑުބައި ދިރިއުޅުމަށްފަހު، މެދުކެނޑުމެއް އައިސްފައިވާ އޭނާ ފަދަ ވަރަށް ގިނަ ބަޔަކު މި ސްކީމުން ބާކީވާ ކަން އޭނާ ފާހަގަކުރި އެވެ. 

އެކަމާ ގުޅިގެން، ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެކަމާ މެދު އީޖާބީ ގޮތެއްގައި ވިސްނަވާނެ ކަމަށެވެ. 

"ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް. އެ ހަމަ އެއްކޮށް އުވާ ވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ. ބަލައިފައި އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 15،000 ގޯތި ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.

މާލެ ރަށްވެހިންގެ ކެޓަގަރީގެ ޝަރުތުތަކަކީ އުފަންވީއްސުރެ މާލޭގެ ރަޖިސްޓަރީގައި ޖެހިފައިވުން ނުވަތަ މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވުން ނުވަތަ ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓަރީގައި ޖެހިފައިވުން ނުވަތަ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.