މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮމިޓީން ގެނައި އިސްލާހުތަކާ އެކު އެ ބިލު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓާ އެކު އެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އޮފީސް ހިންގުމުގެ ހަރަދު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް މާލީ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000ރ. އުނި ކުރުމަށެވެ.
އަދި ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މަހަކު ދޭ 50،000ރ. ގެ މާލީ އިނާޔަތް ދޭންނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޝާހިދު ވަނީ ހުށަހަޅުއްވައިފަ އެވެ.
ކުރީގެ ރައީސުންނަށް ލިބޭ ބައެއް އިނާޔަތްތައް ކަނޑައިލުމުގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 25،000ރ. ދިނުމަށް އެ ބިލުގައި ހިމަނާފައި ވެ އެވެ.
އޭގެ އިތުރުން، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވެ އެވެ.
ނަމަވެސް، އެ ބިލު ދިރާސާކުރި މާލިއްޔަތު ކޮމިޓީން ވަނީ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތް މަހަކު 30،000ރ. އަށް ބޮޑުކުރަން ނިންމައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮމިޓީން ގެނައި އިސްލާހުތަކާ އެކު އެ ބިލު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓާ އެކު އެވެ.