ޓާމިނަލަށް އެންމެ ގިނައިން ލޯނު ދީފައިވަނީ ސައޫދީ ފަންޑުންނެވެ. ޓާމިނަލްއަށް އަންނަ ބަދަލާއެކު އާމްދަނީ ބޮޑުތަން އިތުރު ވެގެންދާނެ އެވެ.
ރާއްޖޭގެ އިގްތިސޯދަށް ކޮންމެހެން ބޭނުންވެފައިވާ ބޮޑު މަސައްކަތެއް މިމަހު ނިމިގެންދާނެ އެވެ. މިއީ ރާއްޖޭގެ މުސްތަގުބަލުގެ ކުރިއެރުމާ ގުޅިފައިވާ ދިވެހިން ފަހުރުވެރިވާނެ މަސައްކަތެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ތަރައްގީކޮށް، މަސައްކަތް ނިމި، މިނިވަން ދުވަހު ހުޅުވާއިރު، މިއީ ދައުލަތުން ގާތްގަނޑަކަށް 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) ގެ ލޯނު ނަގައިގެން ކުރާ ބޮޑު މަސައްކަތެކެވެ. ސުވާލަކީ މި ލޯނުތައް ހަލާސްކުރަން ކިހާ މުއްދަތެއް ނަގާނެ ހެއްޔެވެ؟ މި ލޯނުތައް ދީފައިވަނީ ކޮން ފަރާތްތަކުން ހެއްޔެވެ.؟
ވީއައިއޭ ޓާމިނަލަށް ނަގާފައިވާ ލޯނުތަކުގެ ތަފުސީލް ފިނޭންސް މިނިސްޓްރީން ވަނީ "ދަ މިރާ" އަށް ލިބިދަ އެވެ. އެ މައުލޫމާތުތަކަށް ބަލާއިރު ހުރިހާ ލޯނުތަކެއްވެސް ނިސްބަތް ވަނީ އިސްލާމީ ގައުމުތަކަށެވެ. މައި އެއާޕޯޓުގެ ޓާމިނަލަށް ދޫކޮށްފައިވާ ހުރިހާ ލޯނެއްވެސް ދީފައިވަނީ ދައްކަން ލުއިތަކާއެކު، ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށެވެ. ހުރިހާ ލޯނުތަކެއް ވެސް ނިސްބަތް ވަނީ އިސްލާމީ ގައުމުތަކާ ގުޅުންހުރި ފަންޑިން އެޖެންސީތަކާ އެވެ.
މި ލޯނުތަކުގެ ތެރޭން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބޫދާބީ ފަންޑާއި އޯޕެކް ފަންޑު އަދި ސައުދީ ފަންޑާއި ކުވެއިތު ފަންޑުން 2016 ވަނަ އަހަރު ތިން ލޯނެއް ޓާމިނަލް އަށް ދީފައިވެ އެވެ. މި ލޯނުތަކުގެ ޖުމްލަ އަގު އުޅެނީ 272 މިލިއަން ޑޮލަރުގަ އެވެ.
އަދި ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައޫދީ ފަންޑުން ޓާމިނަލް ތަރައްގީ ކުރަން ދެވަނަ ލޯނެއް ނެގި އެވެ. މި ލޯނުގެ އަދަދަކީ 50 މިލިއަން ޑޮލަރެވެ. ހިސާބުތަކުން ފެންނަ ގޮތުގައި މި ލޯނު ނެގިނަމަވެސް ޕްރޮޖެކްޓަށް އައިސްފައިވާ ވޭރިއޭޝަންގެ ސަބަބުން އެ ވެރިކަމުގައި ޓާމިނަލް ނުނިމޭނެކަން އޮތީ ޔަގީންވެފަ އެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް އައިއިރު މަޝްރޫއަށް އިތުރު ފައިނޭންސެއް ލިބިފައެއް ވެސް ނުވެ އެވެ.
ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެންމެ ކުރީކޮޅު ވީއައިއޭ ނިންމަން އިސްކަން ދެއްފައި ގިނަ މަސައްކަތްތަކެއް ފެއްޓެވި އެވެ. އެގޮތުން ރައީސް އޮފީހުގައި ވީއައިއޭ ޕްރޮޖެކްޓަށް ފާރަވެރިވާން ހާއްސަ ޔުނިޓެއް އުފެއްދެވި އެވެ. އަދި މި ވެރިކަމުގައި ޓާމިނަލް ނިންމަން ސައޫދީ ފަންޑުން 100 މިލިއަން ޑޮލަރު އަދި އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރުގެ އިތުރުން ސައޫދީފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދިނެވެ.
މި ޓާމިނަލް ނިންމަން އެންމެ ބޮޑު އެހީތެރިކަމެއް މާލީ ގޮތުން ދީފައިވަނީ ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ ސައޫދީ ފަންޑުންނެވެ. ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ތަރައްގީ ކުރާ މި ޓާމިނަލް ނިންމަން ސައޫދީ ފަންޑުން 217 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ލޯނު ދިން ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި އަބޫދާބީ ފަންޑުން 90 މިލިއަން ޑޮލަރު އަދި ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ.
ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ލޯނުގައި ތަރައްގީކޮށް ނިންމާ މި ޓާމިނަލްގެ ލޯނުތައް ހަލާސްކުރަން ކިހާ މުއްދަތެއް ނަގާނެ ހެއްޔެވެ؟ ތަޖުރިބާކާރުންގެ ނަޒަރުގައި މި ލޯނު ދައްކާ ހަލާސް ކުރަން އެންމެ ގިނަ ވެގެންވެސް ނަގާނީ 10 އަހަރާއި 15 އަހަރެވެ. އެކަމަކު މި ލޯނުތަކަކީ ދިގު މުއްދަތުގެ ލޯނުތަކަށްވުމުން ދައްކަން 20 އަހަރު ދީފައިހުރި ލޯނުތައް ގިނަ އެވެ. އެހެންވެ ކޮންމެހެން އަވަސް އަރުވާލައިގެން ލޯނުތައް ދައްކާ ހަލާސް ކުރަން އެމްއޭސީއެލް ވެސް ބޭނުމެއް ނުވާނެ އެވެ.
މި ސުވާލަށް މީގެ އަހަރުތަކެއްގެ ކުރިން ޖަވާބު ދެއްވީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި އެއާޕޯޓުގެ ޗެއާމަންގެ މަގާމުގައި ގިނަ ދުވަސްތަކެއް ހުންނެވި މުހައްމަދު އުމަރު މަނިކް (އެމްޔޫމަނިކް) އެވެ. އެމްޔޫ ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓް ތަރައްގީ ކުރަން ނަގާ ލޯނުތައް ހަލާސް ކުރަން އެންމެ ގިނަ ވެގެންވެސް ނަގާނީ 10 އަހަރު ދުވަހެވެ. މިއީ މީގެ ހައެއްކަ އަހަރު ކުރީގައި އެމްޔޫ މަނިކް ވިދާޅުވި ބަސްފުޅެކެވެ.
މި ލޯނު ދެއްކުމުގެ ގާބިލްކަން އިތުރު ވެގެންދަނީ ޓާމިނަލް ތަރައްގީކޮށް ހުޅުވުމާއެކު އަންނާނެ ތަރައްގީއަށެވެ. މިހާރު އެއާޕޯޓުގެ ފުލް ކެޕޭސިޓީއަކީ ތިން މިލިއަން ފަސިންޖަރުންނެވެ. ނަމަވެސް އާ ޓާމިނަލްގެ ކެޕޭސިޓީއަކީ ހަތް މިލިއަން މީހުންނެވެ. މިހާރު އެންމެ ޕީކް "އާދީއްތަ" އަދި "ހޯމަ" ދުވަހު އެތަނުގައި ނޭވާވެސް ނުލެވެ އެވެ.
ނަމަވެސް، އާ ޓާމިނަލް ތަރައްގީކޮށްފައި އެވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގަ ހިދުމަތް އަވަސްކޮށް ފުރހަމަވާނެ ގޮތަށެވެ. މި ތަރައްގީއާއެކު މިހާރު ހިދުމަތްދޭން ނަގާ މުއްދަތާ ބަލާއިރު ވަގުތު އެތައް ތަނެއް އަވަސް ވެގެންދާނެ އެވެ. މި ވަގުތު އަވަސް ވުމަކީ އެއާޕޯޓް ހިންގާ އެމްއޭސީއެލް އަށް އެންމެ ޕީކް ދުވަސްތަކާއި ގަޑިތަކަށް ފްލައިޓް ސްލޮޓް ދޭން ލިބޭނެ ފުރުސަތެކެވެ. އިތުރު ސްލޮޓް ދެވިއްޖެނަމަ މިހާރު ޕީކް ދުވަސްތަކުގައި އަންނަ ޓޫރިސްޓުންގެ އަދަދު 10،000 އަށް މައްޗަށް ޖެއްސޭނެ އެވެ.
ހިދުމަތް އަވަސްކުރަން އާ ޓާމިނަލްއާއެކު އަންނާނެ ބަދަލުގެ ކުޑަ މިސާލަކަށް ބަލާނަމަ އަލަށް ބެހެއްޓި ބެގޭޖު ސްކްރީން ނިޒާމު ހިމެނެ އެވެ. މިއީ ގަޑިއިރެއް ތެރޭ 1200 ދާގީނާ އަދި މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކޮށްލެވޭނެ ނިޒާމެކެވެ. މިއީ ވީއައިއޭގެ ތޮއްޖެހުން ކުޑަ ވެގެންދާނެ ނިޒާމެކެވެ. އަދި އޭއޯބްރިޖުގެ ސަބަބުން ވެސް ހިދުމަތް އަވަސް ވެގެންދާނެ އެވެ. މިހާރު ފަސިންޖަރުން ބަހަށް އަރަައިގެން ބޯޓަށް ދާން އެންމެ މަދުވެގެން 30 މިނެޓު ނަގަ އެވެ. ނަމަވެސް އޭރޯބްރިޖާއެކު މި ވަގުތު އަށް މިނެޓަށް އަވަސް ވެގެންދާނެ އެވެ. އަވަހަށް ހިދުމަތް ދެވިއްޖެނަމަ އިތުރު ސްލޮޓް ދެވޭނެ އެވެ. މިއީ ވީއައިއޭގެ އާމްދަނީ އިތުރު ވެގެންދާނެ ކަމެކެވެ.