ޓާމިނަލް ޓުއާގައި ދުނިޔޭގެ ބޮޑެތި އެއާލައިންތައް ތަމްސީން ކުރާ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. މި ފަރާތްތަކުން ވަނީ ޓާމިނަލްއާއެކު އުންމީދު އޮތް ކަމަށް ބުނެފަ އެވެ.
ރާއްޖެ އަންނަ ފަސިންޖަރުންނަށް ރާއްޖޭގެ އެއާޕޯޓަކުން ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބުމަކީ އެންމެ ދެކެން ބޭނުންވި ދުވަސް ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް އާއެކު އެފަދަ ހިދުމަތެއް ފަސިންޖަރުންނަށް ލިބޭނެ ކަމަށް އެއާލައިންތަކުން ބުނެފި އެވެ.
ވީއައިއޭގެ އާ ޓާމިނަލް މިނިވަން ދުވަހު ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މޮކް ފަސިންޖަރުން ބޭނުންކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އެއާލައިންތަކުން ބައިވެރިކޮށް، މުޅި ޕްރޮސެސް ކުރިއަށްދާ ގޮތް ވަނީ ދައްކާލައިފަ އެވެ.
މި ޓްރަޔަލްގައި ފަސިންޖަރުގެ ޗެކިން މަރުހަލާއާއި، ފަސިންޖަރުން ދަތުރުކުރާ މަގުތަކާއި، ބެގޭޖް ހޭންޑްލިން ސިސްޓަމާއި ފަސިންޖަރުންގެ ބޯޑިން ޕްރޮސެސް ކުރިއަށްދާ ގޮތުގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން އެރައިވަލް ފަސިންޖަރުން ޓާމިނަލަށް ވަދެގެން ދާގީނާ ނެގުމާއި ހަމައަށްދާނެ މަގުތަކުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔައެވެ.
ޓްރަޔަލް އަށް ފަހު ވާހަކަފުޅު ދައްކަވަމުން އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓް މެނޭޖަރު މުނާޒު އަލީ ވިދާޅުވީ އެއާލައިންތަކުން އެންމެ ބޭނުންވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބުން ކަމަށެވެ. އަދި އާ ޓާމިނަލް އާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބިގެންދާނެ ކަމަށާއި އެކަމަށްޓަކައި އެއާލައިންތަކުން ތިބީ ވަރަށް އުފަލުން ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.
އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ވައިސް ޗެއާމަން އަދި ގަތަރު އެއާވޭސްގެ އެއާޕޯޓް ސާވިސް މެނޭޖަރު އަހުމަދު ނަހުޝަން ނިޒާރު ވިދާޅުވީ އާ ޓާމިނަލް އާއެކު ދިވެހިރާއްޖެ، ރާއްޖޭގެ ގޮތުގައި ރާއްޖެ އަންނަ ފަސިންޖަރުންނަށް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މެލޭޝިއަން އެއާލައިންގެ ސްޓޭޝަން މެނޭޖަރު އަހުމަދު ހަނަމް ފާއިޒު ވިދާޅުވީ އާ ޓާމިނަލްގެ ފުރިހަމަ ބޭނުން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އެމްއޭސީއެލް އިން މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާ ޓާމިނަލްއަކީ ފުރިހަމަ، ރީތި އަދި ފަސިންޖަރުންނާ ރަހުމަތްތެރި، ޒަމާނީ ޓާމިނަލް އަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ޕަސިންޖަރ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމް.އޭ.ސީ.އެލްއިން އަންނަނީ ވަމުންނެވެ. އާ ޓާމިނަލާއެކު ޕަސިންޖަރުންނަށް ޒަމާނީ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.