ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހުންނާނީ ހިމަނާފައި: ފިނޭންސް

ސާއިދު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕީއެސްއައިޕީ ބަޖެޓު އެކުލަވައިލާފައިވަނީ އެންމެ އަވަހަށް ނިންމޭނެ މަޝްރޫއުތައް ދެނެގަނެ އެ މަޝްރޫއުތައް ނިންމުމަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނައިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ މާލިއްޔަތު ދެއްވަނީ -- ފިނޭންސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް އެކަށީގެންވާ މިންވަރަށް ފައިސާގެ އަދަދުތައް ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. 

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު އޮތް ޕީއެސްއައިޕީ ޕައިޕްލައިން ނުވަތަ ސަރުކާރުން ހިންގަން ނިންމަައި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަކީ ގައުމުގެ އިގުތިސާދާއި، މާލީ ހާލަތާއި ހޯދޭނެ ފައިނޭންސިންއާ ނުބައްދަލު ބޮޑު ޕީއެސްއައިޕީ ޕައިޕްލައިނެއް ކަމަށެވެ. 

"އެހެންވީމާ މި ޕައިޕްލައިން މިހާރު އޮތް ގޮތަށް ކުރިއަށްގެންދަން ނިންމައިގެން ތިބިނަމަ އޭގެ ސަބަބުން މުޅި އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ. ބައެއް ޕްރޮޖެކްޓުތައް މިހުރީ އެވޯޑުކޮށް ކޮންޓްރެކްޓުކުރެވި އެޑްވާންސް ފައިސާ ދިނުމަށްފަހު އެއްވެސް މިންވަރަކަށް ނުހިނގައި ނުވަތަ ލޮލަށް ފެންނަން ހުންނަ ޕްރޮގްރެސް ޕްރޮޖެކްޓުތަކުން ނުފެނޭ.،" ކުރިން ބޮޑެތި ހޭދަކުރަންޖެހޭ މަޝްރޫއުތަކަށް ބަޖެޓުގައި ކުދިކުދި އަދަދުތަކުން ފައިސާ ހިމެނުމުގެ ސަބަބުން މަޝްރޫއުތައް މަޑުޖެހި ލަސްވެފައިވާކަން ފާހަގަކުރައްވައި ސާއިދު ވިދާޅުވި އެވެ. 

ނަމަވެސް މުހިއްމު ބޮޑެތި މަޝްރޫއުތައް އަވަހަށް ހިންގުމަށް މި އަހަރު ތެރޭގައި ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެއާއި ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ބުރިޖުގެ މަސައްކަތް ފަދަ ކަންކަން އަވަސްވެ އެކަންކަމަށް ކުރާ ހޭދަވެސް އިތުރުވެފައިވާކަން ސާއިދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ މަޝްރޫއުތަކުގެ ދުވެލި އަވަސްވެފައިވާކަން މި އަހަރު ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓުންވެސް އެނގޭނެ ކަމަށެވެ. 

ސާއިދު އިތުރަށް ވިދާޅުވީ މި އަހަރު ސަރުކާރުން ކުރަން ފެށި އެންމެ މުހިއްމު އެއް މަސައްކަތަކީ ވާރުތަވެފައި އޮތް ޕީއެސްއައިޕީ ޕައިޕްލައިން ދިރާސާކޮށް އެންމެ އަވަހަށް ނިންމަންޖެހޭ އެންމެ ބޮޑު އިސްކަމެއް ދޭންވީ މަޝްރޫއުތައް ކަނޑައަޅައި އެ މަޝްރޫއުތަކަށް އިސްކަންދެވޭނެހެން ބަޖެޓު އެކުލަވައިލުން ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި، އެކަން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުން ފެންނާނެހެން ބަޖެޓު ފަރުމާކޮށްފައިވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

"ވާރުތަވި ޕީއެސްއައިޕީ ޕައިޕްލައިން ރާވާލައި ތަރުތީބުކުރެވި އެންމެ އަވަހަށް ގެންގޮސް ނިންމައިލެވޭނެ ޕްރޮޖެކްޓުތައް އަޅުގަނޑުމެންނަށް ހޯދި އެކަންކަން ކުރިއަށްގެންދަން އެކަށީގެންވާ ބަޖެޓު މިވަނީ މި ފާސްކުރަން ހުށަހަޅާފައިވާ ބަޖެޓުގައި އެކުލަވައިލެވިފައި،" ސާއިދު ވިދާޅުވި އެވެ. 

ސާއިދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީގެ ތެރެއިން 1.5 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރުގެ އަދަދެއް ހައުސިން މަޝްރޫއުތަކަށް ހާއްސަކޮށްފައިވާއިރު އެއާ ބައްދަލު މިންވަރަކަށް އެހެނިހެން މަސައްކަތްތަކަށްވެސް ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލުތައް އެޅުމާއި ސުކޫލުތައް އިމާރާތްކުރުން ފަދަ ކަންކަމުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ފަށައިގަތުމަށް ބޭނުންވާ ފައިސާގެ އަދަދުތައް ބަޖެޓުގައި ހިމެނިފައިވާނެ ކަމަށް ސާއިދު ވިދާޅުވި އެވެ. 

"މި ބަޖެޓު ތަންފީޒުކުރުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ އެމަނިކުފާނުގެ ޕީއެސްއައިޕީ ޕައިޕްލައިން އުފަންވެގެން އަންނާނެ.،" އޭނާ އިތުރަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.