ޝަރާގެ ޙާލަތު އިތުރަށް ގޯސް ނުވެ، ހިފެހެއްޓިފައިވާތީ ލީޒާ ގެންދިޔައީ ގިނަ ވަގުތު މާތްﷲއަށް ކުއްތަންވެ، ދުއާ ކުރުމުގެ ވަގުތު ގިނަ ކުރަމުންނެވެ.
- އެޕިސޯޑް 73 –
ލީޒާ މަޑުމަޑުން ހިނގާފައި ގޮސް އޭނާގެ ފޯނު ނެގިއެވެ. އަދި ދާއިން އަށް ގުޅާލިއެވެ.
"ހަލޯ ދާއިން.. ޝަރާގެ އެއްވެސް ޚަބަރެއް ވެއްޖެތަ؟ އަހަރެން ދާންވީތަ؟" ލީޒާ އަހައިލިއެވެ.
"ނޫން ނޫން... ލީޒާ މަޑު ކުރޭ! އަކްޔަން ގޮވައިގެން ހޮސްޕިޓަލްގަ އެހެން އުޅުން ވެސް ރަނގަޅެއް ނުވާނެ.. ޝަރާ އަދިވެސް އޮތީ ވެންޓިލޭޓަރުގަ.. އިތުރަށް ޙާލު ގޯސް ނުވާ ކަމަށް އަންގަނީ.. ސިކުނޑިއަށް ލޭ ފޭބުން ވެސް ކޮންޓްރޯލް ވެއްޖެ ކަމަށް ޑޮކްޓަރ ބުނީ.. އެކަމު އަދިވެސް ހޭނާރާ.."
ފުން ނޭވާއެއް ދޫކޮށްލަމުން ދާއިން ބުނެލިއެވެ.
"ދާއިން އަށް ވަދެވޭނެއްނު! މި ބުނީ އައިސީޔޫ އަށް.. ކުރިން ވެސް ވަނީމެއްނު! ހުއްދަ ނަގައިގެން... ފަރުވާ ދޭން.."
ލީޒާ އެހެން ބުނުމާ އެކުގައި ދާއިން ހިތްދަތި ގޮތަކަށް ހިން ދިރުވާލިއެވެ.
"އަހަރެން ބޭނުން،.. ޝަރާއަށް ފަރުވާދީ ރަނގަޅު ކުރަން އަހަރެން ބޭނުން.. އެކަމު، އައިސީޔޫގަ އަހަރެން ވަނަސް، އަހަރެން ވަކި ކީއްކުރާނީ؟ އިތުރަށް ދޭނީ ކޮން ފަރުވާއެއް؟ އަހަރެންނަށް ޝަރާ އެ ޙާލުގަ އޮންނަތަން ބަލާކަށް ހިތްވަރެއް ނެތް.. އަހަރެން ޖެހޭނެއްނު ހިތްވަރު ގަދަ ކުރަން.. އަހަރެން ވިސްނަން ޖެހޭ ވަރަށް ގިނަކަންކަން އެބަހުރި.. އެންމެ ބޮޑަށް މިހާރު ވިސްނަނީ އަކްޔަންއާ ދޭތެރޭ.. އަހަރެން ބޭނުން ވަނީ އަޔާޒަށް ހުރިހާ ވާހަކައެއް ކިޔާ ދޭން.. އަޔާޒަށް އަކްޔަން ހަވާލު ކުރުމަކީ ޝަރާގެ ވަސިއްޔަތެއްނު؟ އެކަން އަހަރެމެން ޖެހޭނީ ކޮށްދޭން.. އަހަރެން މިރޭ އަޔާޒަށް ގުޅާނަން.."
ދާއިން ދެއްކި ވާހަކަތަކަށް ލީޒާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ބުނެލީ "ހޫމް" އެވެ. އެއީ އެޔަށް ދޭނެ ޖަވާބެއް ލީޒާގެ އަތުގައި ނެތީމައެވެ. އަދި ދާއިންއާ ދޭތެރޭގައި ވިސްނާލާފައި ލީޒާ ހުންނަނީ ވަރަށް ދެރަވެފައެވެ.
***
ދުވަސްތައް ވޭތުވަމުން ދަނީއެވެ. ދުވަހަކަށްފަހު ދުވަހެކެވެ. އެގޮތުގައި ހަފްތާއެއް ފާއިތުވާން ގާތް ވެއްޖެއެވެ. މިއަދަކީ އަޔާޒް އާއި ސުހާ މާލެއަށް ދާން ހަމަޖެހިފައިވާ ދުވަހެވެ. މި ފާއިތު ވެގެން ދިޔަ ކޮންމެ ދުވަހެއްގައި އަޔާޒްގެ ޚަބަރެއް ވޭތޯ ދާއިން މަސައްކަތް ކުރަމުން ދިޔައެވެ. އަޔާޒަށް ގުޅުން އަދަދެއް ވެސް ނޭނގެއެވެ. ނަމަވެސް އަޔާޒް ފޯނު ނުނަގަނީއެވެ. ސަބަބަކީ ދާއިން އަކީ ލީޒާގެ ފިރިމީހާކަން އެނގުމުން އިތުރަށް ދާއިންއާ ވާހަކަދައްކާކަށް އަޔާޒް ބޭނުން ނުވީއެވެ.
"ކާކުތަ އެ ގުޅަނީ؟ ވަރަށް ގިނައިން އަޔާޒަށް މީހެއް ގުޅާކަށް އެނގޭ! އެކަމު އަޔާޒް ފޯނު ނުނަގާ.. އެއީ ކީއްވެ؟ އަނެއްކާ އެހެން ބިޓެއް ނެގީތަ؟"
ސުހާ އޭނާގެ އަޑު ބާރު ކޮށްލިއެވެ.
"ސުހާ.. މިއުޅެނީ މާލެ ދާން.. ސުހާ ތި ފާޑަށް އަހަންނާ މާލޭގަ ވާހަކަ ނުދައްކާތި.. ޕްލިީޒް.. މަންމަ ވަރަށް ދެރަ ވާނެ.. އަހަރެން ވަރަށް ލަދު ގަންނާނެ.."
އަޔާޒް ބަލައިލީ ސުހާގެ މޫނަށެވެ.
"ލަދު ގަންނަންޏާ އަހަރެން ވަރިކޮށްލަން ވީނު؟"
ސުހާގެ އަޑުވީ އިހުނަށް ވުރެ ބާރެވެ.
"އަހަރެން ބުނެފިން ދޯ؟ ސުހާ ތި ޙާލުގަ އަހަރެން ވަރިއެއް ނުކުރާނަމޭ.."
އަޔާޒްގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ.
"ހެހެ! ދެން އެއީ ކާކުތަ އެހެން ވިއްޔާ؟"
ސުހާ އަހައިލިއެވެ.
"އެއީ ލީޒާ ގެ ފިރިމީހާ.. ލީޒާ އަކީ ޝަރާގެ ބެސްޓް ފްރެންޑް. އަހަރެންނަށް އެކަން އެނގުނީ ވަރަށް ފަހުން. ހޮސްޕިޓަލުން ދިމާވީ. ކުރިން ނޭނގެ އެއީ ލީޒާގެ ފިރިމީހާ ކަމެއް.. ފަހުން އެނގުނީ.. އެ ހިސާބުން އަހަރެން ބޭނުމެއް ނުވި، އޭނާއާ ގުޅުން ބާއްވާކަށް.."
އަޔާޒް ޖަވާބު ދިނެވެ. ސުހާ ޖަހާލީ ހިނިގަނޑެކެވެ.
"ހައްހައްހާ.. އަޖައިބެއް! ހާދަ މާތްވެފަ އޭ! ތިކަން ވެފަ އޮންނާނީ ތިއާ އިނދިކޮޅަށް.."
ސުހާ ޖެއްސުމަށް ވާހަކަދައްކަން ފެށުމާއެކުގައި އަޔާޒް ވަނީ ފާޚާނާއަށެވެ. ފޯނު އެނދުމަތީގައި ބާއްވާފައެވެ. އަޔާޒް ފާޚާނާއަށް ވަދެފަ، ކުޑަ އޮރުކޮޅެއްގެ ތެރޭގައި އަޔާޒްގެ ފޯނު ރިންގުވާން ފެށިއެވެ. ސުހާ ވަރަށް އަވަހަށް ފޯނު ނަގައިގެން ކޮޓަރިން ނުކުތެވެ.
"ހަލޯ.."
އެކޮޅުން ހަލޯ ބުނީ ފިރިހެނެކެވެ.
"ކޫޑި ޝަރާގެ ބެސްޓީ ލީޒާގެ ފިރިކަލުން ދޯ؟"
ސުހާ އަހައިލިއެވެ. ވަގުތުން ދާއިންއަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ އަޔާޒްގެ އަނބިމީހާގެ ބަހުރުވަ ހުރި ގޮތުންނެވެ.
"ކާކު ތީ؟" އިތުރަށް ޔަޤީން ކޮށްލަން ދާއިން އަހާލިއެވެ.
"އަހަރެން މީ، ޝަރާ ކައިވެނިކޮށްގެން ހުރެ ނަހަލާލަށް ބަލިވެ އިނެއްނު ދޯ؟ އޭރު ޝަރާ ކައިވެނިކޮށްގެން އުޅުން މީހާގެ އަނބިމީހާ މީ.. ސުހާ.. އެނގިއްޖެތަ؟ އެކަހަލަ މުޑުދާރު އަންހެނެއް މިހާރު އަޔާޒް ބޭނުމެއް ނުވާނެ.."
ސުހާގެ ވާހަކަތަކުން ދާއިންއަށް ލިބެމުން ދިޔައީ ހައިރާން ކަމެވެ.
"ބުނަންތަ ވާހަކައެއް؟ އަހަރެންގެ ފިރިމީހާއަށް ނުގުޅާ ހުރޭ އިނގޭ! އޭނަ ގަސްދުގަ ފޯނު ނުނަގަނީ.. ކަލޭމެންނާ ހެދި ބޮލަށް އުނދަގޫ ވެގެން އޭނަ އުޅެނީ.. ނުގުޅަބަލަ!"
ސުހާ އެހެން ބުނެ ފޯނު ކަނޑައިލަމުން ފޯނު ބޭއްވީ އެނދުމަތީގައެވެ. ދާއިންގެ ސިކުނޑިއަށް އެތައް ކަމެއް އަރާ ފައިބަމުން ދިޔައެވެ.
"ސުހާ އަކީ ހާދަ ލަދުކުޑަ އަންހެނެކޭ؟ އަނެއްކާ... އަޔާޒް އެ އުޅެނީ އުފާވެރި ދިރިއުޅުމެއްގަ ބާ؟ އަހަރެންނަށް ހާދަ ހީނުވެއޭ.. ހީވަނީ ސުހާ އަކީ އަޔާޒަށް ވަރަށް ގޯސް އަންބަކަށް ވާނެހެން.. އެ ރާގު ވެސް.. ވަރަށް ހަރުކަށި.. މިވާހަކަ ލީޒާގެ ގާތުގަ ބުނާނީ ބާ؟ ނޫން އަދި މަޑުކޮށްލާނީ... އެކަމު ވަގުތެއް ވެސް ނެތް.." ދާއިން ވިސްނާ ވިސްނާ ބޯ ގޮވަން ގާތް ވެއްޖެއެވެ.
މި ސުހާ ވެއްޖެ ދޯ ސައިޒް ކުރަން
މީދެން ވާހަކަ ގެނެސްދޭ ވަރުތަ؟ ހާދަ ކުރޭ..ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ..