މިދިޔަ އަހަރު އިންޑިއާ މާކެޓު އޮތީ އެއް ވަނާގަ އެވެ. މި މާކެޓުން އަންނަ މީހުންގެ އަދަދު ދަށްވީ ރާއްޖެއާ އިންޑިއާގެ ގުޅުން ގޯސްވުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރު ރާއްޖޭގެ އެއްވަނާގައި އޮތް އިންޑިއާގެ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމަށްފަހު އަނެއްކާ ވެސް އެއް ލައްކަ ފަހަނަ އަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން މައުލޫމާތު އާއްމުކުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހާހަމަ އަށް އިންޑިއާ އިން 97،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެ ގައުމުން މިހާރު ދުވާލެއްގެ މައްޗަށް 800 އެއްހާ ޓޫރިސްޓުން އަންނަ ކަމަށް އަންދާޒާ ކުރެވެ އެވެ. މި އަދަދުން ބަލާނަމަ މިހާރު އޮންނާނީ އެއް ލައްކަ އިންޑިއާ ޓޫރިސްޓުން ހަމަވެފަ އެވެ.
އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވިއިރު މިހާރު އެ ގައުމުން ރާއްޖޭގެ މާކެޓުގެ 6.0 ޕަސެންޓް ހިއްސާ ކުރެވެ އެވެ.
މާކެޓް ގޯސްވި ސަބަބު - އިންޑިއާ މާކެޓު ގޯސްވެގެން ދިޔައީ އެ ގައުމުގެ ބެލުމުގެ ދަށުގައިވާ ރަށެއްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ނަމުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފެއްޓެވި ކެމްޕޭންއަކާ ދިމާކޮށް ރާއްޖެ ބޮއިކޮޓް ކުރަން އިންޑިއާގައި ފެށި ކެމްޕޭނެއްގެ ސަބަބުންނެވެ. މި މައްސަލަ އިތުރަށް ގޯސްވީ ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ތިން ވެރިއަކު ބޮޑު ވަޒީރު މޯދީއަށް ބަދުބަސްނުވެ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ގޮތަށް ވާހަކަ ދެއްކުމުންނެވެ.
މާކެޓު ރަނގަޅު ކުރުން - ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޑިއާ މާކެޓު ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ފަށާފަ އެވެ. މިގޮތުން ބައެއް ޓޫރިޒަމް ޖަމިއްޔާތަކާ ގުޅިގެން އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރޯޑްޝޯވްތައް ވެސް ބޭއްވި އެވެ. އަދި އިންޑިއާގެ ފިލްމީ އިންޑަސްޓްރީއާ ގުޅިގެން ރާއްޖެ މާކެޓު ކުރަން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވެ އެވެ. އަދި އިންޑިއާއިން އިންފްލުއެންސަރުންނާއި ސެލެބްރިޓީން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށް ވެސް ފައިސަލް ވިދާޅުފައިވެ އެވެ.
އިންޑިއާ މާކެޓު ދިޔައީ ދަށްވަމުން - ރާއްޖެއާ އެންމެ ގާތުގައި އޮތް އެންމެ ބޮޑު ޓޫރިޒަމް މާކެޓަކީ މިދިޔަ ފަސް އަހަރު އެއްވަނާގައި އޮތް މާކެޓެވެ. އެ ކަމަކު މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު މި ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ގޮސްފައިވާ ކަމަށް ދައްކަ އެވެ. މި ފަހުން އެންމެ ގިނައިން އިންޑިއާ "ޓޫރިސްޓުން" ން ރާއްޖެ އައިސްފައިވަނީ ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ވަނިކޮށް ކަރަންޓީން ވާން އައި ބައެކެވެ. މި މީހުންނަކީ މެދުއިރުމަތީގެ ކޮންމެވެސް ގައުމެއްގައި މަސައްކަތް ކުރާ މީހުންނެވެ. މި މީހުން ރާއްޖެއަށް ގިނަ އަދަދަކަށް އައިސްފައިވަނީ އެހެންތަނެއްގައި ކަރަންޓީން ވެފައި ނޫނީ މެދުއިރުމައްޗަށް ނުދެވޭ ގޮތަށް އެ ގައުމުތަކުން ނެރުނު ގައިޑްލައިންގެ ސަބަބުންނެވެ. މި ގައިޑްލައިންއާއެކު ރާއްޖޭގެ ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތައް ފުރިގެން ދިޔަ އެވެ. މި މާކެޓުގެ ސަބަބުން ކޮވިޑުގައި މެދުފަންތީގެ ޓޫރިޒަމް ޕްރޮޕަޓީތަކުގެ ހަރަދުތައް ހަމަޖައްސަން އެހީއަކަށްވި އެވެ.