"ޝަރާ.. ޕްލީޒް.. ހިތްވަރު ކުރާތި! އަހަރެންނަށް އެނގޭ ޝަރާ ވަރަށް ފައިޓް ކުރާނެކަން.. އަހަރެންނަށް އެނގޭ ޝަރާ ހިތްވަރު ކުރާނެކަން.. ޝަރާ ކެތްކުރާނެކަން.. އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ޝަރާ އުއްމީދު ކަނޑައަޅައެއް ނުލާނެ.. އެއީ އަހަންނަށް ޔަޤީންވާ ކަމެއް.."
- އެޕިސޯޑް 70 –
ދާއިން މަޑުމަޑުން އޭނާގެ އަތުން ޝަރާގެ ހިތާއި ކަރުގައި އަތް ޖައްސާލިއެވެ. ޝަރާގެ ވިންދު ހުރިކަން އެނގުމުން އަނެއްކާ ވެސް ދާއިން ގުޅައިލީ އެމްބިޔުލާންސަށެވެ. އަވަސްކޮށް އައުމަށް އެދުނެވެ.
"ޝަރާ.. ޕްލީޒް.. ހިތްވަރު ކުރާތި! އަހަރެންނަށް އެނގޭ ޝަރާ ވަރަށް ފައިޓް ކުރާނެކަން.. އަހަރެންނަށް އެނގޭ ޝަރާ ހިތްވަރު ކުރާނެކަން.. ޝަރާ ކެތްކުރާނެކަން.. އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ޝަރާ އުއްމީދު ކަނޑައަޅައެއް ނުލާނެ.. އެއީ އަހަންނަށް ޔަޤީންވާ ކަމެއް.."
ޝަރާގެ އަތުގައި ހިފައިގެން ހުރެ ދާއިން ވާހަކަދައްކަމުން ދިޔައެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްބިޔުލާންސް އަތުވެއްޖެއެވެ. ޝަރާއާ އެކުގައި ހޮސްޕިޓަލަށް ދިޔައީ ދާއިންއެވެ. ލީޒާ މަޑުކުރީ ގޭގައެވެ. އަކްޔަންއާ އެކުގައެވެ. ބަރާބަރަށް ހުރިހާ ކަމެއް އަންގާ ދިނުމަށް ލީޒާ ދާއިންގެ ގާތުގައި އެދުނެވެ. ލީޒާ ގޭގެ ދެކޮޅަށް ހިނގަމުން، އަކްޔަންއާ އެކުގައި ވަގުތުތައް ހޭދަކުރަމުން ދާއިރު، ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއް ލީޒާއަށް އިންތިޒާރު ކުރެވެނީ ދާއިންގެ ކޯލަކަށެވެ. ދާއިންގެ ފަރާތުން ޚަބަރެއް ލިބޭނެ ވަގުތަކަށެވެ.
ޝަރާ ހޮސްޕިޓަލަށް ގެންދެވުންތާ 4 ގަޑި ފާއިތުވެ ހިނގައްޖެއެވެ. ދާއިންގެ އެއްވެސް ޚަބަރެއް ލީޒާއަކަށް ނުވެއެވެ. ކެތް ނުވެގެން އެއް ފަހަރު ދާއިންއަށް ގުޅާލިއެވެ. ނަމަވެސް ދާއިން ކޮށްލީ ބިޒީއެވެ. އެހެންވެ އިތުރަށް ނުގަޅަން ވެގެން ލީޒާ މަޑުކޮށްލައިގެން އިނީއެވެ. ކޮންމެ ގޮތެއް ވިޔަސް އަކްޔަން އެކަނި ދޫކޮށްލާފައި ބޭރަކަށް ނުދެވޭނެތާއެވެ.
އެކި ޚިޔާލު ތަކާއި ފިކުރުތަކާއި އެކުގައި ލީޒާ ވަގުތުތައް ގުނަމުން ދިޔައެވެ. އެހެން އިންދާ ކުއްލިއަކަށް ލީޒާގެ ފޯނު ރިންގު ވާން ފެށިއެވެ. ގުޅަމުން ދިޔައީ ދާއިން އެވެ. ލީޒާ ވަރަށް އަވަހަށް ފޯނަށް ޖަވާބު ދިނެވެ.
"ދާއިން.. ކޮބާ؟ ކިހިނެއް ވަނީ؟ ހާދަ އިރެއް ތިޔަ ވީ؟ އެއްވެސް ޚަބަރެއް ނުދީ.."
ލީޒާ ވަރަށް ޖެހިލުންވެ ހުރެ އަހައިލިއެވެ. ދާއިންގެ ފަރާތުން ލިބުނީ ހިމޭން ކަމެކެވެ.
"ދާއިން.."
ލީޒާ ގޮވާލިއެވެ. އެއްވެސް ޖަވާބެއް ދާއިންގެ ފަރާތުން ނުލިބުނީމައެވެ. ލީޒާގެ ހިތް ބިރުގަންނަން ފެށިއެވެ. ޝަރާއަށް ކަމެއް ވީބާއޭ ހިތާ ހިތާ އަހައިލެވުނެވެ. ފުންކޮށް ނޭވާއެއް ދޫކޮށްލަމުން، ލީޒާ އަނެއްކާ ވެސް އޭނާގެ އަނގަ ހުޅުވާލި ތަނާ އޭނާގެ ކަންފަތުގައި ޖެހުނީ ދާއިންގެ ރުއިމުގެ އަޑެވެ. ލީޒާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"ދާއިން... ރޮނީތަ؟"
ލީޒާއަށް ވަރަށް އުނދަގުލުން އަހައިލެވުނެވެ. އެއާ އެކުގައި އަންހެން ކުއްޖެއް ފަދައިން ދާއިންގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑު ބާރުކޮށް ދާއިންއަށް ރޯން ފެށުނެވެ.
"ލީޒާ..." ދާއިން ރޮމުން ގޮވާލިއެވެ.
"އަޅެ ކިހިނެއްތަ ވީ؟ ދާއިން ނުރޮއި.. މިއަދު ކޮންމެ ގޮތެއް ވިޔަސް، ދާއިން ތީ އަހަރެމެންނަށް ހިތްވަރު ދޭން ހުރި މީހާ.. ދާއިން ތިހެން ބަލިކަށި ވީމަ، އަހަރެން ކިހާ ދެރަ ވާނެ.. އަހަރެން ކިހިނެއް ކެތްކުރަނީ؟"
ލީޒާގެ ދެލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.
ދާއިންއަށް ވެސް އޭނާ އެހާ ބަލިކަށިވީ ސަބަބެއް ބުނެދޭކަށް ނޭނގެއެވެ. ޝަރާ މަތިން ހަނދާން ވިޔަސް، ޝަރާއާ ދޭތެރޭ ވިސްނާލިޔަސް، ދާއިންއަށް ރޮވެއެވެ. ޝަރާ އަކީ ކުޑަ ވަގުތު ކޮޅެއްގެ މެހެމާނެއްކަން އެނގޭ އިރު ވެސް އެ ހަޤީޤަތް ޑޮކްޓަރަކަށް ވެ ހުރެ ވެސް ޤަބޫލު ކުރަން ދާއިންއަށް ފަސޭހަ ނުވަނީއެވެ. ދާއިން އޭނާގެ ދެލޮލުން ކަރުނަތައް ފޮހެލިއެވެ. އަދި ހިތްވަރެއް ހަށިގަނޑަށް ދެވޭތޯ މަސައްކަތް ކޮށްލިއެވެ.
"ލީޒާ.. ޝަރާ އޮތީ އައިސީޔޫގަ.... ދުނިޔޭގަ މިވަގުތު އޮތީ ވެންޓިލޭޓަރގެ އެހީގަ.. އެއްވެސް.."
ދާއިންގެ އޭނާގެ އަނގަ މަތީގައި އަތް އަޅާލިއެވެ. ހިތަށް ލިބުން ތަދެއްގެ ސަބަބުންނެވެ. ނުރޯން ވެގެންނެވެ. ހަށިފުރާ ނޭވާއެއް ލަމުން ދާއިން އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ޝަރާ ގެއަށް ދޫ ކުރެވެން ނެތް ކަމަށް ޑޮކްޓަރ ބުނީ.. ޝަރާގެ ދިފާޢީ ނިޒާމް ވަރަށް ބޮޑަށް ބަލިކަށިވެފަ... ސިކުނޑިއަށް ލޭ އެޅިފަ...."
ދާއިންގެ ދެލޮލުން އަނެއްކާ ވެސް ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.
"ކީކޭ؟ ސިކުނޑިއަށް ލޭ އެޅިފައޭ؟ ދެން..."
ލީޒާގެ ހިތުގެ ހިނގުން އަވަސް ވެއްޖެއެވެ. އުނގުގައި އޮތް ކުޑަކުޑަ އަކްޔަންއަށް ބަލައިލުމުން ލީޒާއަށް އިޙްސާސް ވީ އޭނާގެ ހިތް ދެތަން ވެގެން ދިޔަހެންނެވެ. އެއްވެސް ކަމެއް ނޭނގޭ، ޚިޔާލެއް ފިކުރެއް ނެތް އެ ތުއްތު ކުއްޖާގެ މައުސޫމްކަން ހިތަށް އައުމުން ލީޒާއަށް ކުރުވީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްތަކެކެވެ.
"އާނ ލީޒާ... ޝަރާގެ އުއްމީދެއް ނެތް... ޝަރާ ދެން އެނބުރި ގެއަކަށް ނާންނާނެ.. ޝަރާގެ ހޭވެރިކަމެއް ނެތް.. ޝަރާ އަހަރެމެންނާ ވަކިވަނީ އެ.."
ދާއިންއަށް އަނެއްކާ ވެސް އަޑުގެ ނެތް ކޮޅަށް ފެށުނީ ރޯންށެވެ. އަދި ފޯނު ކަނޑައިލަމުން ދާއިންގެ އަތުގެ ތެރެއަށް ފޯނުލައި ފިއްތާލިއެވެ. އަދި ދާއިން ލައިގެން ހުރި ގަމީހާއި ފަޓްލޫންއާ އެކުގައި އޭނާ ޖެހިގަތީ ފާޚާނާގެ ޓައިލްސްތަކުގެ މައްޗަށެވެ. ލީޒާއަށް ގުޅަން ވެގެން ދާއިން ފާޚާނާއަށް ވަނީއެވެ. ފާޚާނާގެ ތެރެއަށް ޖެހެގަންނަމުން ދާއިން އޭނާގެ ދެއަތުން ބޮލުގައި ހިފައި ރޮމުން ގެންދިޔައެވެ. ހިތް ފުރޭވަރަށް ރޯލަން ދާއިން ބޭނުން ވިއެވެ.
ލީޒާ އަވަސްވެ ގަތީ ހޮސްޕިޓަލަށް ދާން ތައްޔާރު ވާށެވެ. ކޮންމެ ގޮތެއް ވިޔަސް، ގޭގައި ހުރެވެން ނެތްކަން ލީޒާއަށް ޔަޤީން ކުރެވުނެވެ. ދާއިންއަށް ވެސް ކަމެއް ވެދާނެއޭ ލީޒާގެ ހިތް ބުނަން ފެށިއެވެ. އެހެން ކަމުން އަކްޔަން ގޮވައިގެން ހޮސްޕިޓަލަށް ދާން ލީޒާ ގެންދިޔައީ ތައްޔާރު ވަމުންނެވެ. އެ ހުރިހާ ކަމަކަށް ލީޒާ ތައްޔާރު ވަމުން ދިޔައިރު ވެސް އެނާގެ ދެލޮލުން ކަރުނަ ހުސްވި ހަމަ އެންމެ ސިކުންތެއް ވެސް ނާދެއެވެ. (ނުނިމޭ)