މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއް މިއަދުގެ ޖަލްސާއަށްފަހު ބާއްވަން ގަސްތުކުރައްވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ބިލެއް ދިރާސާ ކުރުމަށް މިއަދު މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއް މިއަދުގެ ޖަލްސާއަށްފަހު ބާއްވަން ގަސްތުކުރައްވާ ކަމަށެވެ. މި ކޮމެޓީގައި ދިރާސާ ކުރާނެ ބިލުތައް ވެސް އިއުލާނު ކުރެއްވި އެވެ.
އެ ބިލުތަކަކީ؛
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި މިއަދު ދިރާސާކުރާ ބިލުތަކުގެ ތެރެއިން ފުރަތަމަ ބިލަކީ ޓޫރިޒަމްގެ ދާއިރާއިން ނަގާ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ ބިލެވެ.
ގްރީން ޓެކްސް ބޮޑުކުރުމަށް، ޓޫރިޒަމް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ. ދެން އޮތް ބިލަކީ ބޭރަށް ފުރާ ފަސިންޖަރުން އަތުން ނަގާ އެއާޕޯޓް ޓެކުހާއި ފީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވާފައިވާ ބިލެވެ.
އަނެއް ބިލަކީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ބިލެވެ.
މި ބިލުތަކުގެ މަސައްކަތް ކުރުމަށް މިއަދުގެ ޖަލްސާ ވަނީ ވޯޓަށް އެހުމަށްފަހު ނިންމާލާފަ އެވެ. މުޅި މަޖިލީހުގެ ކޮމެޓީ މިއަދު 11 ޖަހާއިރު އޮންނާނެ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފަ އެވެ.