މިނިސްޓަރު ފައިސަލް ވިދާޅުވީ މި ސިމްޕޯޒިއަމް ގައި ޓޫރިޒަމް ސިންދަފާތު ކުރުމާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާ ކުރެވޭނެ އެވެ.
ޓޫރިޒަމް ދެމެހެއްޓެނިވި މަގަށް ގެންދަން ޓޫރިޒަމް ސިންދަފާތު ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން އިންތިޒާމުކޮށްގެން ކްރޮސްރޯޑުގައި މިއަދު ފެށި ޓޫރިޒަމް ސިމްޕޯޒިއަމް ފައްޓަވައިދެއްވަމުން ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިންދަފާތުކޮށް ދިމާވާ ދަތިތަކަަށް ހައްލު ހޯދަން ޖެހެ އެވެ. މި ސިމްޕޯޒިއަމްގައި މި ދާއިރާއިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސިމްޕޯޒިއަމްގައި އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ދިވެހި ޓޫރިޒަމްގައި ހަމައެކަނި ގުދުރަތީ ރީތިކަން ވިއްކުމުގެ ބަދަލުގައި ތަފާތު އެކި ހަރަކާތައް ހިންގައި އެކަންކަން ފުޅާ ކުރަން ޖެހެ އެވެ. އެމްޑީ ވަނީ ތައާރަފު ކުރެވިދާނެ ޓޫރިޒަމްގެ ބައެއް ވައްތަރުތައް ވިދާޅުވެއް ދެއްވާފަ އެވެ. މިގޮތުން މެޑިކަލް ޓޫރިޒަމާއި ކަލްޗަރަލް އަދި އެޑްވެންޗަރަލްގެ އިތުރުން ފިލްމް އެކްސްޕީރިއަންސް ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރެވެގެން އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކާއެކު އެއް ދުވަހުގެ މުއްދަތަށް ކުރި އަށް ދާ މި ސިމްޕޯޒިއަމްގައި ގިނަ ދާއިރާތަކަކުން މަޝްވަރާ ކުރަން ހަމަޖެހިފައިވެ އެވެ.