މަޖިލީހުގެ ރައީސްވަނީ ރާއްޖެއިން ޓެކްނޮލޮޖީގެ ދައުރު ފުޅާކުރުމަށް ކުރާަ މަސައްކަތް ފާހަގަކުރައްވައި،
ގައުމުތަކުގެ މެދުގައި އޮތް ޑިޖިޓަލް ތަފާތުތަކާއި ފަރަގުތައް ކުޑަކުރުމުގައި ގައުމުތަކުގެ ބަރުލަމާނުތަކަށް އަދާކުރެވޭނެ ދައުރަކީ މުހިއްމު ދައުރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ ބައްދަލުވުމުގައި މިއަދު ދެއްވި ތަގުރީރުގައި މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވެފައި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ އެއް ގައުމަށްވާތީ، ރާާއްޖޭގެ ތަރައްގީ ކުރިއަށް ގެންގޮސް، އެންމެ ބޮޑެތި ގޮންޖެހުންތަަކާ ކުރިމަތިލުމުގައި ސައިންސާއި ޓެކްނޮލޮޖީއާއި އީޖާދުގެ މުހިއްމުކަން ދިވެހިރާއްޖެއިން ދެނެގަނެފައިވާ ކަމަށެވެ.
އެގޮތުން ކޮޕް-28 ސަމިޓުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މުހިއްމު ދެ ޕްރޮގުރާމެއް އިއުލަނު ކުރައްވާފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެއިން އެއް ޕްރޮގުރާމަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދެވުމަށް އިއުލާނުކުރެއްވި ފަސް އަހަރުގެ އަމާޒު ކަމަށެވެ. ދެވަނަަ ޕްރޮގުރާމަކީ ފަސް މިލިއަން ގަސް އިންދުމަށް އިއުލާނުކުރެއްވި ޕްރޮގުރާމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ މިސިޔާސަތުތަކުން ބާރުދެނީ ދެމެހެއްޓެނެވި ހަކަަތައިގެ މަަތީގައި ބިނާވެފައިވާ ފެހި އަދި ސާފު ވެއްޓެއް އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުމުގެ ތަސައްވުރަށް ކަން މަޖިލީހުގެ ރައީސް ފާހަގަަކުރެއްވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ވިލުންތެރި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި ދެމެހެއްޓެނެވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމާއި، ކަނޑުގެ ވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަކީ ދިވެހިރާއްޖެއަށް ހަމައެކަނި ތަރައްގީއާ ގުޅިފައިވާ ކަމެއް ނޫންކަމަށާއި، އެއީ ދިވެހިންގެ ދެމިތިބުމާ ގުޅިފައިވާ ކަމެއް ކަމުގަ އެވެ.
ޑިޖިޓަލް ވަސީލަތްތައް ފަހިވުމާއި އިންފްރަސްޓްރަކްޗާ ގާއިމުވެފައި ހުރި މިންވަރުގައި ދުނިޔޭގެ ގައުމުތަކުގައި ބޮޑު ފަރަގުތަކެއް ހުރިކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެ ފަރަގުތައް ކުޑަކުރުމުގައި ބަރުލަމާނުތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި އެންމެ ފުރަތަމަ އޮންލަައިންކޮށް މަޖިލީހުގެ ހިންގުން ބަދަލުކުރި ބަރުލަމާނަށްވީތީ އެކަމާމެދު ފަހުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ޓެކްނޮލޮޖީއަށް ދޭ ސަމާލުކަން އިތުރުކުރުމަށް މަޖިލީހުގައި އައިސީޓީއަށް ހާއްސަ ދާއިމީ ކޮމިޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެ ކޮމިޓީއަކީ މުހިއްމު ގައުމީ މުއައްސަސާތައް ކަމުގައިވާ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާއި މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީ ފަދަ އިދާރާތައް މަސައްކަތްކުރާ ގޮތް ވަޒަންކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިތުރަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ ސިއްހީ ދާއިރާއާއި ތައުލީމާއި އިޖުތިމާއީ ރައްކާތެރި ނިޒާމު ހަރުދަނާކޮށް އެފަދަ އާންމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ މިންވަރު ރާއްޖެއިން އިތުރުކުރަމުން އަންނަ ކަމަށެވެ.
އަދި އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި އޮތް ޕްލެނަރީ އޮފް ސަމިޓް އޮފް ދި ފިއުޗާގއި ރައީސް މުއިއްޒު ރާއްޖެއިން ޑިޖިޓަލް އިންފްރަސްޓްރަކްޗާ ކުރިއަރުވައި ފުޅާކޮށް ޒުވާނުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ޒުވާނުންނަށް ފަހިކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވާކަމަށާއި، މުޅިން ޑިޖިޓަލައިޒްވެފައިވާ އިގުތިސާދެއް ބިނާކުރައްވައި އާޓިފިޝަލް އިންޓެލިޖެންސްއިން ކުރިއަރުވަމުންދާ އިގުތިސާދެއް ބިނާކުރައްވައި 2030 ވަނަ އަހަރުގެ ކުރިން ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިގުތިސާދުން ހިއްސާކުރާ ހިސާބަށް ކުރިއަށްގެންދަވާނެ ކަން އެމަނިކުފާނު އިއުލާނު ކުރެއްވިކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރަމުންދާއިރު، އީޖާދުތަކާއި ރެގިއުލޭޓުކުރުމުގެ މެދުގައި ތިލަފަތް ހަމަކުރުމަކީ ބަރުލަމާނުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީ ރައްކާތެރިކުރުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ދޮގު މައުލޫމާތާއި އޮޅޭ ގޮތަަށް މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"އޭއައިއަށް އަންނަ ބަދަލުތަކާމެދު އަޅުގަނޑުމެން ހޭވެރިވާންޖެހޭ. މާހިރުންނާއި މުޖުތަމައާއެކު މަސައްކަތްކޮށްގެން އޭއައިގެ ފައިދާ މުޅި އިންސާނިއްޔަތަށް ލިބޭކަން އަޅުގަނޑުމެންނަށް ކަށަވަރުކުރެވޭނެ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
"އެސްޓީއައި ކުރިއެރުންތައް އައިޕީޔޫގެ ޗާޓާ އޮން އެތިކްސް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާ އެއްހަމަކުރެވޭކަން ކަށަވަރުކުރުމަށް ބޭނުންވާ އަހުލާގީ އޮނިގަނޑުތައް އެކުލަވައިލުމުގައި ބަރުލަމާނުތަކުގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް،"
މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ފަލަސްތީނު ރައްޔިތުންގެ ކެކުޅުންތައް ހިތްމައްޗަށް ގެނައުމަށް އެދިވަޑައިގަތުމާއެކު، ވަގުތުން ވަގުތަށް ދެމިގެންދަނިވި ގޮތަކަށް ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގޮވައިލައްވަމުންނެވެ.
އަދި އިންސާނީ ކާރިސާއެއް ނިއުޅެމުންދާ ލުބުނާނުގެ ހަމަޖެހުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިވުމަށް އިލްތިމާސްކުރައްވަމުން އަބްދުއްރަހީމްވަނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، އާންމުންނަށް އިތރުު ވޭންތައް ކުރިމަތިވިޔަނުދިނުމަށް ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
މިފަދަ ހަމަނުޖެހުންތަކުގެ އަސަރުތައް ފުންވެފައި ދުރަށް ދެމިގެންދާކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވީ އެންމެންނަށް ސުލްހަވެރި ދެމެހެއްޓެނެވި މުސްތަގުބަލެއް ގުޅުގެން ބިނާކުރުމަށެވެ.