ދުނިޔޭގައި އަބަދު ވެސް ވާދަވެރިކަން އޮވެ އެވެ. އިގްތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް އޮންނަ މި ވާދަވެރިކަން ދުނިޔެ އޮތްހާ ހިނދަކު ހިނގާނެ އެވެ. އިގްތިސޯދީ ގޮތުން ގައުމުތައް ކުރިއަށްދާން ކުރާ މަސައްކަތްތަކުގައި ކާމިޔާބު މޮޑެލްތައް ކޮޕީކޮށް އޭގެ ނަކަލް އުފެއްދުމަކީ އާއްމު ކަމެކެވެ. މީގެ އެއް މިސާލަކީ ދިވެހިރާއްޖެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ބައި ގަރުނުގެ ތާރީހުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ދިވެހި ޓޫރިޒަމް ކޮޕީކޮށް ދިވެހިރާއްޖެ ތަކެއް ހަދައިފި އެވެ. އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ "އުމްލުޖް" ސައުދީގެ ބައެއް އާންމުން ސިފަކުރަނީ "ސައުދީ މޯލްޑިވްސް" ގެ ގޮތުގަ އެވެ. ވަން އައިލެންޑް ކޮންސެޕްޓް ނުވަތަ އެއް ޖަޒީރާ ރަށުގެ ޓޫރިޒަމް ކޮޕީކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގައިފި އެވެ. މީގެ އެއް މިސާލަކީ ރާއްޖެ ފަދަ މަތީފަންތީގެ ވިލާތަކާއި ރަށްތައް ހިމެނޭ ގޮތަށް ދުނިޔޭގައި މި ވަގުތު އޮތް އެންމެ ނުރައްކާތެރި ސަރަހައްދު ރަތްކަނޑުގެ މިސްރުގައި ހަދާ ރެޑްސީ ޓޫރިޒަމް މަޝްރޫ އެވެ.
ރެޑްސީ ޓޫރިޒަމް މަޝްރޫއު އެ ތަނުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ކޮންސެޕްޓު ނަކަލުކޮށްގެން ތަރައްގީ ކުރަމުންދާ މި މަޝްރޫއު އެއްކޮށް ނިމޭނީ 2030 ވަނަ އަހަރު އެވެ. މިތަނުގައި ދުނިޔޭގެ ބޮޑެތި ހޮޓެލް މަރުކާތަކާއި އެއާޕޯޓެއް ހިމެނޭހެން 50 ރިސޯޓު އޮންނާނެ އެވެ. އެ މީހުން ދަނީ އެ ތަނަކީ މެދުއިރުމަތީގެ ދިވެހިރާއްޖޭގެ ގޮތުގައި އިސްތިހާރު ވެސް ކުރަމުންނެވެ. ދުނިޔޭގައި ބާއްވާ އެކި އިންވެސްޓްމަންޓް ފޯރަމްތަކާއި ޓޫރިޒަމް ފެއާތަކުގައި އެމީހުން ވިއްކަނީ "ހަމަރާއްޖެ" އެވެ. ޓޫރިޒަމް ފެއާތަކުގައި ދައްކަނީ ހަމަ ދިވެހިރާއްޖޭގެ ޓޫރިޒަމް މެދުއިރުމަތީގައި އުފައްދާ ވާހަކަ އެވެ.
ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްރޫއަކީ ދިވެހި ޓޫރިޒަމަށް ގޮންޖެހުމަކަށްވުން ގާތެވެ. އަނެއް ބައި ތަޖުރިބާކާރުން މި މަޝްރޫއު ނިމުނުނަމަވެސް އުފައްދަނީ ސުވާލެވެ. ރަތްކަނޑުގައި ހިންގާ ޓޫރިޒަމް މަޝްރޫއުން އުފައްދާ "ދިވެހިރާއްޖެ" ހަމަ ހަގީގަތުގައި ވެސް ރާއްޖެއާ އެއްގޮތް ހެއްޔެވެ ؟
"ރެޑްސީގައި ތަރައްގީ ކުރަނީ އަލްޓްރާ ލަގްޒަރީ ރިސޯޓު ތަކެއް. ހަމަ ރާއްޖޭގައި ރިސޯޓް ހިންގާ ލަގްޒަރީ ބްރޭންޑުތައް. އަނެއްކާ އެތަން ތަަރައްގީ ކުރަނީ ސަސްޓޭނަބަލް މޮޑެލްއަކަށް. މިއީ ދުނިޔޭގެ ވަރަށް މިހިންމު މާކެޓެއް. މިއީ ރާއްޖެ އަށް އަސަރު ކުރާނެ ކަމެއް،" ބޯޓިންގް އެސޯސިއަސަންގެ ރައީސްކަން ކުރައްވާފައިވާ އަދި ޓޫރިޒަމް އިންޑަސްޓްރީ ވަޒީފާދޭ ފަރަތުން މިނިމަމް ވޭޖް ބޯޑުގައި މަސައްކަތް ކުރައްވާފައިވާ އަހުމަދު ޒުބައިރު އާދަމް ވިދާޅުވި އެވެ.
ރަތް ކަނޑު ޓޫރިޒަމް މަޝްރޫ އަށް އިންވެސްޓް ކުރަނީ ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިންނެވެ. ގާތްގަނޑަކަށް އެއް ޓްރިލިއަން ޑޮލަރުގެ މި ފަންޑުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގައި އެއް ރަށުން އަނެއް ރަށަށް ދާން ދަތުރުފަތުރުގައި ސީޕްލޭން ބޭނުން ކުރެ އެވެ. އިންޓަނޭޝަނަލް އެއާޕޯޓު ހުރެ އެވެ. އަދި ރާއްޖެ ގޮތަށް ދަތުރުފަތުރުގައި ސްޕީޑް ލޯންޗުގެ ބޭނުން ހިފަ އެވެ. މިތަން އިސްތިހާރު ކުރަން ވަރުގަދައަށް މާކެޓު ކުރަމުންދާއިރު ނަގާފައިވާ ވީޑިއޯ ތަކުން ރާއްޖެއާ މާހައުލުގައި އެއްވެސް ތަފާތެއް ނުފެނެ އެވެ. އެހެންވެ މި މަޝްރޫއުގެ ސަބަބުން ދިވެހި ޓޫރިޒަމަށް ހަމަ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބުނެ ދޫކޮށްލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ހާއްސަކޮށް ޑައިވިން ފަދަ ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ދާއިރާތަކަށް އިތުރު ގޮން ޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ކުޑައެއް ނޫނެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އިން މިދިޔަ އަހަރުގެ އޮގަސްޓް މަހު މާގިރި ހޮޓަލުގައި ބޭއްވި ފޯރަމްގައި މަޓާޓޯގެ ނައިބު ރައީސް މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި ރެޑްސީގައި ރާއްޖޭގައި ހުރި ކޮންމެ ހިދުމަތަކަށް ހިދުމަތެއް ލިބެން ހުރުމުން، ރާއްޖެ އަންނަން ޖެހޭ ސަބަބަކީ ކޮބައި ތޯ ސުވާލު ކުރާ ހިސާބަށް ދިއުން ގާތެވެ. ރެޑްސީ ޕްރޮޖްޓުގައި ވިލާތަކާއި ހިދުމަތްތައް ރާއްޖެއާ ހަމަ އެއް ފެންވަރުގައި ލިބެން ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޑެސްޓިނޭޝަން ފިއުޗާ (ޑީއެފް) ގެ ފައުންޑިން މެންބަރެއް ކަމަށްވާ އަމްޖަދު ތައުފީގު ވިދާޅުވީ މައްކާ ފިޔަވައި ރިޕްލޭސް ނުކުރެވޭ ތަނެއް މި ބިމުގައި އޮންނާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށާ ރެޑްސީ ޓޫރިޒަމް މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
"ދުނިޔޭގެ ލަގްޒަރީ ޓޫރިޒަމްގައި ކުރިން އޮތީ ހަމައެކަނި ރާއްޖެ. އެކަމަކު މިހާރު ބައިވަރު އެބައޮތް. ހަމަ ރާއްޖޭގެ ތިމާވެށްޓާއި ހިދުމަތްތަކާއެކު ރެޑްސީގައި ތަރައްގީ ކުރާ ޓޫރިޒަމް މަޝްރޫއުގެ ސަބަބުން ރާއްޖެ އަށް ދުރު މުސްތަގުބަލުގައި ގޮންޖެހުންތައް ކުރިމަތި ވާނެ ކަމަށް ބެލެވޭ،" އަމްޖަދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އުފެދިގެން އައީ 1970 ގެ ކުރީކޮޅެވެ. އެ ދުވަސްވަރު ދުނިޔޭގައި ރާއްޖެ ނޫން އެހެން މަންޒިލެއް ނެތެވެ. ނަމަވެސް މިހާރު ޓޫރިޒަމްގައި މިވަނީ އިންތިހާއަށް ވާދަވެރިކަން ބޮޑުވެފަ އެވެ. އެހެންވެ ރާއްޖެއަކީ ބައި ގަރުނުގެ ޓޫރިޒަމް ބްރޭންޑަކަށް އޮތް ނަމަވެސް ދުނިޔޭގެ އެހެން ބްރޭންޑްތައް ވެއްޓުނު ގޮތަށް ރާއްޖޭގެ ޓޫރިޒަމް ބްރޭންޑު ވެސް ފަހަތަށް ސޮއްސާލުމުގެ ފުރުސަތު އެބައޮތެވެ.
ޓޫރިޒަމް ސިނާއަތުގެ މާހިރަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިސޯޓްތައްވެސް މިހާރު ތަރައްގީ ކުރަނީ ހިއްކައިގެން ކަމަށާ އެހެންވެ ރެޑްސީއާ މާބޮޑު ތަފާތެއް ނެތެވެ. އެހެންވެ ދުވަހުން ނަމަވެސް ރާއްޖޭގެ ބްރޭންޑަށް އުނިކަން އައުމަކީ ވުންގާތް ކަމެއްގެ ގޮތުގައި އޭނާ ގަބޫލު ކުރައްވަ އެވެ.
"އެއް މިސާލެއް ބްލެކްބެރީ ފޯނުގެ ވެއްޓުން. ބްލެކްބެރީ ފޯނު އުފެއްދި މީހުން ބުނި އެޕަލްއަކަށް މީހުނެއް ނުދާނެއޭ. މި ފޯނު [ބްލެކްބެރީ] ގެ ސެކިއުރިޓީ ވަރުގަދަވާނެއޭ. އެކަމަކު ބަލާ މިހާރު ބްލެކްބެރީ އޮތް ހިސާބު. ބަލާ އައިފޯނު އޮތް ހިސާބު. އެގޮތަށް ޒަމާނެއްގައި ރާއްޖޭގެ ޓޫރިޒަމް މަތީގައި އޮތަސް އެކަން ވެއްޓުން ގާތް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް މާސްޓް ޕްލޭން ތައްޔާރު ކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ޓޫރިޒަމް ތަޖުރިބާކާރު ބޯޓިން އެސޯސިއޭޝަންގެ މެންބަރު ޒުބައިރު ވިދާޅުވި ގޮތުގައި ރެޑްސީގައި ރާއްޖެ އަށް ވުރެ ގިނަ އެޑްވާންޓޭޖު ތަކެއް ހުރިކަމަށް ދެކެވަޑައިގަންނަ އެވެ.
"އެ ތަނަކީ އަލްޓްރާ ލަގްޒަރީ ތަނެއް. އެހެންވެ އެތަނަށް ދާ ގިނަ މީހުން ފަން ޑައިވެއް ކޮށްލަފާނެ. އާއްމުކޮށް ގިނައިން ޑައިވް މި ކުރަނީ ތްރީ ސްޓާ އާއި ފައިވް ސްޓާއަށް އަންނަ މީހުން. އަނެއްކާ އެތަނުގައި ސްޕެއާ ފިޝިން ފަދަ ސްޕޯޓްސްތައްވެސް އެބަހުރި. މިއީ ހުސް އެޑްވާންޓޭޖް،" ކުރިން ވާހަކަ ދެއްކެވި ޒުބެއިރު ވިދާޅުވި އެވެ.
ރާއްޖޭގެ މަޝްރޫއު ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދިވަަޑައިގެން ވިދާޅުވި ގޮތުގައި އޭނާ ބައިވެރިވެވަޑައިގަތް ބޭރުގެ ހަފުލާއެއްގައި ރަތްކަނޑު މަޝްރޫއާ ރާއްޖެއާ އެ މީހުން އަޅާކިޔައި ވާހަކަ ދެއްކި އެވެ. އެ މީހުން ބުނަމުން ދިޔައީ ރަތްކަނޑުގައި ހަދަނީ ހަމަ ދިވެހިރާއްޖެ އެވެ. ހަމައެއް ވެސް ތަފާތެއް ނެތެވެ.
"އަޅުގަނޑު ހަމަ ލޭ ކެކިގެން ދިޔައީ. ޖަވާބު ދިނިން ބުނިން ތިޔަ މީހުން ކޮންމެހެން ރާއްޖެއޭ ނުކިޔަސް ތިތަން ހެދިދާނެއޭ. ތިޔަ ހަދަނީ އެންމެ 30 ރަށެއް ނޫންހޭ. އަހަރެމެން އެބައޮތޭ ތިޔަ ކަހަލަ 200 ރަށް. ކިހިނެއްހޭ ކޮމްޕެއާ ކުރެވޭނީ. ރާއްޖެ މުޅިން ތަފާތުވާނެއޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އެކަމަކު ހިދުމަތްތައް ކިތަންމެ ވައްތަރުވެފައި ތަފާތު ވިޔަސް އަދި އަގު ހެޔޮ ވިޔަސް ރާއްޖޭގެ ޓޫރިޒަމް ތިމާވެށިން ލިބޭ އިހުސާސް ނުލިބޭނެ ކަމަށް ޓޫރިޒަމްގެ ބައެއް ތަޖުރިބާކާރުން އިއްތިފާގުވެ އެވެ.
ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމް މާކެޓިންގައި އިސްކޮށް ހަރަކާތްތެރިވާ އަދި ޓްރެވަލް އެޖެންސީއެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި ދުބާއީ ހެދުމުން މެދުއިރުމައްޗަށް އައިފަދަ ވަގުތީ ވާދަވެރި ކަމެއް ރާއްޖެ އަށް ކުރިމަތިވެ ދާނެ އެވެ. އެކަމަކު އެއީ މާބޮޑު ގޮންޖެހުމަކަށްވުމުގެ ފުރުސަތު ކުޑަ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ރެޑްސީގައި ރިސޯޓު ހެދި ސަރަހައްދަކީ މުޅިން މުޅިން ތަފާތު ތިމާވެއްޓެއް. އެހެންވެ ސިގްނިފިކެންޓް ޗޭންޖެއް ރާއްޖެ އަށް އަންނާނެ ކަމަށް ނުބެލެވޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރާއްޖޭގެ މަޝްރޫއު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އިނަ މޯލްޑިވްސް މުހައްމަދު ފިރާގުވެސް ދެކެވަޑައިގަންނަވަނީ އެގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ ރެޑްސީއަކީ މުޅިން ތަފާތު ދެ ޓޮރޮޕިކަލް ކްލައިމެޓެކެވެ. އެކަމަކު އޭނާ ވަނީ ރާއްޖޭގެ މާކެޓިން ބޮޑު ތަނުން ވަރުގަދަ ކުރަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ.
"ހަމައެކަނި ސަރުކާރުގެ ބަޖެޓުން ޓޫރިޒަމް މާކެޓިން އަށް މިދޭ އެއްޗަކުން މިހާރު މާކެޓިންއެއް ނުކުރެވޭނެ. އިތުރު ގޮތް ތަކެއް ހޯދަން ޖެހޭ،" ފިރާގު ވިދާޅުވި އެވެ.
ރާއްޖެއާ އެއްވައްތަރުގެ މަންޒިލްތައް ދުނިޔެގެ އެކި ގައުމުތަކުގައި އެބަހުއްޓެވެ. ފޮޓޯ އާއި ވީޑިއޯން ރާއްޖެކަން އޮޅުން އަރާހާ ރީތި ތަންތަން ވެސް އެބަހުއްޓެވެ. އެކަމަކު ތަޖުރިބާކާރުންގެ ނަޒަރުގައި ރާއްޖެ އުފެދިފައިވާ އޮތް ނާރެހުގެ ސަބަބުން ފަރުތަކާއި ވިލުތައް އަދި ގުރުދަތީ ގޮތުން ރާއްޖެއާ އެއް ވައްތަރުގެ ތިމާވެށީގެ މަންޒިލްތައް މަދެވެ. މިސާލަކަށް އަވަށްޓެރި ސްރީލަންކާ އެއޮތީ ރާއްޖެއާ ޖެހިގެންނެވެ. އެކަމަކު ލަންކާ ބީޗަށް ބީއްސާ ރާޅު ރާއްޖެއާ ތަފާތެވެ.
ތަޖުރިބާކާރުގެ ނަޒަރުގައި ރާއްޖޭގެ ބީޗަށް ބީއްސާ ރާޅުތަކުގެ ވޭވް ސައުންޑް ނުވަތަ ވޭވް މިއުޒިކުގައި އާދަޔާ ހިލާފުކަމެއް ކަމެއް ފާހަގަ ކުރެވެ އެވެ.
"އަޅުގަނޑުމެނަށް އިހުސާސް ނުވެދާނެ. ކޮންމެ އަހަރަކު ރާއްޖެއަށް އަންނަ ޓޫރިސްޓް ރިޕީޓާސް އެ ވާހަކަ އެ ދައްކަނީ. ސައިންޓިފިކް ހެކި ކުރި ކަންކަން މިއީ. ރާއްޖޭގެ ގޮނޑުދޮށް ބީއްސާ ރާޅު ތަފާތު ވަނީ ރާއްޖެ އުފެދިފައިވާ ގޮތުން. މިއީ މާތްﷲ ގެ ނިއުމަތް،" ތިމާވެށީގެ ތަޖުރިބާކާރެއް ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރާއްޖެއާ ވާދަ އަށް ރާއްޖެއާ އިންވެގެން އޮތް މަލިކު ހިމެނޭ ޖަޒީރާތަކުގައި ވެސް ޓޫރިޒަމް ފައްކާ ކުރަން މަސައްކަތް ކުރެ އެވެ. އެތަނުގައި ވެސް ރާއްޖެއާ ތަފާތު ތަކެއް ފެންނަ ފެނުނުގައި ނެތެވެ. އެކަމަކު ހަގީގަތަކީ ދިރާސާކޮށް ބަލައި ހޯދާ މީހުންނަށް ހުރި ތަފާތު އެނގެ އެވެ.
ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރު ޑައިވަރު ހުސެއިން ރަޝީދު (ސެންޑީ) އަކީ އިންޑިއާގެ މަލިކު ހިމެނޭ ސަރަހައްދުގައި ޑައިވް ކުރެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މޫދު އަޑީގެ ތިމާވެއްޓަށް އެކަނި ބެލިނަމަވެސް ރާއްޖެއާ މުޅިން ތަފާތެވެ. ރާއްޖެ ގޮތަށް ކަނޑުއަޑީގެ ރީތި ކޭވްތަކާއި ގިރިތަކާއި ހާތަކެއް އެތަނުގައި ނުހުރެ އެވެ.
ރަތް ކަނޑުގައި ކިތަންމެ ބިޔަ މަޝްރޫއުއެއް ހިންގިނަމަވެސް ރާއްޖޭގެ ތިމާވެއްޓާ އެއްގޮތެއް ނޫނެވެ. ޓޫރިޒަމް ސަކްސަސް ސްޓޯރީއެއް އުފެދެނީ ރީތި ބޮޑެތި އިމާރާތްތަކާއި ލަގްޒަރީ ހިދުމަތް ތަކުން އެކަންޏެއް ނޫނެވެ. ދެވޭ ހިދުމަތްތަކަކީ ވެސް މުހިންމު ކަމެކެވެ. ރާއްޖޭގެ ރިސޯޓު ތަކަށް ރިޕީޓާސް އަންނަ ސަބަބަކީ ހިދުމަތެވެ. އެކަމަކު މިހާރު ޓޫރިޒަމް އޮތް ގޮތުން ކުރިން ޓޫރިސްޓުންނަށް ދިން ހިދުމަތް ދެވޭތޯ ސުވާލު އުފެދެ އެވެ.
ޓޫރިޒަމްގެ ރަން ދުވަސްވަރު ހިދުމަތުގައި ތިބީ ގިނައިން ދިވެހިންނެވެ. އެކަމަކު ޓޫރިޒަމް ވިޔަފާރިއަށް ބަދަލުވެ، ބޭރުގެ ބްރޭންޑުތަކުގެ އަތް މައްޗަށް ޓޫރިޒަމް ދިއުމާއެކު މަޑުމަޑުން ކުރިން ޓޫރިސްޓުންނަށް ދިން "ލޯބިން ހިދުމަތް" މިހާރު ދެވޭ ތޯ މިއީ ސުވާލެކެވެ. އެހެންވެ ރެޑްސީ ޓޫރިޒަމް މަޝްރޫއުއާއެކު އެތަނުގައިވެސް ރާއްޖޭގެ ހިދުމަތް ފަށައިފިނަމަ ދިވެހި ޓޫރިޒަމަށް އޭގެ އަސަރު ކުރުން ގާތެވެ.
ދެން އޮތީ ރާއްޖެ އާއި ރެޑްސީ ޓޫރިޒަމް މަޝްރޫއު ހިންގާ ސަރަހައްދުގެ ތިމާވެށީގެ ތަފާތެވެ ؛ އެ ސަރަހައްދަކީ އަހަރުގެ ގިނަ ދުވަސްތަކުގައި ހޫނު ގަދަ ސަރަހައްދެކެވެ. އަދި މުޅި އަހަރު ދުވަހަށް ބަލާއިރު މި ސޯޓުތައް ހުޅުވާފައިވާ ބައެއް ސަރަހައްދުތަކުގައި ފިނި ހޫނުމިން 15 ޑިގްރީ ސެލްސިއަށް ވެއްޓެ އެވެ. އަދި ހޫނު ގަދަ ވެގެން ގޮސް 50 ޑިގްރީ އަށް އުފުލެ އެވެ. އަދި ފިނި ގަދަވާ ދުވަސްތަކުގައި އާއްމު މީހަކަށް ފީނުމަކީ ފަސޭހަކަމަށް ނުވެ އެވެ. މޫސުން ގޯސްވުމާއެކު ރަތްކަނޑުގެ ކިލަނބު ގަނޑުން މުޅި ހިސާބު ނުފެންނަ ވަރުކޮށްލަ އެވެ. އެކަމަކު ރާއްޖޭގެ ސްޓޯރީ މުޅިން ތަފާތެވެ.
ރާއްޖޭގެ އެވްރެޖު ހޫނުމިން ހުންނަނީ 30 ޑިގްރީގަ އެވެ. މުޅި އަހަރުގެ ދެ މަސް ނޫން ހުރިހާ މަހެއްގައި އޮންނަނީ މޫސުން ރީތި ނިޔާމަ ދުވަސްތަކެވެ. ފޮޓޯއެއް ނެގިޔަސް "ސަން، ސީ އެންޑް ސޭންޑް" ރީތިކޮށް ފެންނާނެ އެވެ. އެކަމަކު މިކަންވެސް މިހާރު މަޑުމަޑުން ބަދަލުވުމަކީ ދިވެހި ޓޫރިޒަމަށް އޮތް ނުރައްކަލެކެވެ.
މާލެ އަތޮޅަށް އެކަނި ވިސްނާއިރު މިހާރު ޓޫރިސްޓުން ފީނާލަން އެކަށީގެންވާ ތަންތަން ހުރީ މަދުންނެވެ. ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ސަބަބުން ގިނަ ފަރުތައް އޮތީ މަރުވެފަ އެވެ. އެހެންވެ މިކަމަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ގޯހެކެވެ.
ޓޫރިޒަމް ތަޖުރިބާކާރުން ބުނާ ގޮތުގައި ރެޑްސީ މަޝްރޫއު ހިންގާ ސަރަހައްދަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ އަން ސްޓޭބަލް ނުރައްކާތެރި ސަރަހައްދުކަން ނުދަންނަ މީހަކު މިހާރު ދުނިޔޭގައި ނެތެވެ.
މި އެޑްވާންޓޭޖްތައް ރާއްޖެ ކޮޅަށް ހުއްޓަސް މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ބައެއް ވަޒީފާތައް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. މިއީ ސަރުކާރުން ވިސްނަން ޖެހޭ މުހިންމު ނުކުތާއެކެވެ. ރެޑްސީ މަޝްރޫއުން އެތައް ހާސް ވަޒީފާއެއް އުފެދޭނެ އެވެ. މި މަޝްރޫއާއެކު ރާއްޖޭގެ ރިސޯޓްތަކުގައި ތިބި މަތީ މަގާމުތަކުގައި ތިބި ބިދޭސީ ގިނަ އަދަދެއްގެ ބަޔަކު އެ މަޝްރޫއުގެ ވަޒީފާތަކަށްދާނެ ކަމަށް ބެލެވެ އެވެ. މިއީ ސަރުކާރާއި އިންޑަސްޓްރީން ވިސްނައިގެން ފޯކަސް މަސައްކަތްތަކެއް ކޮށްފިނަމަ ރާއްޖެ އަށް އެޑްވާންޓޭޖު ނަގަން ލިބޭނެ ފުރުސަތެކެވެ. ސްޓެޓިކް ބިއުރޯރިން 2022 ވަނަ އަހަރު ހެދި ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގައި މަސައްކަތް ކުރަނީ ޖުމްލަ 52,396 މުވައްޒަފުންނެވެ. އަދި ދިވެހިންގެ އަދަދަކީ 15,687 ގަ އެވެ. ބިދޭސީންގެ ނަމްބަރަކީ 36,707 އެވެ.
މިދިޔަ ސަރުކާރުގެ ވެސް އަދި މި ސަރުކާރުގެ ވެސް ވިސްނުމަކީ ޓޫރިޒަމް މަތީ ވަޒީފާ ތަކަށް ދިވެހިން ނެރުމެވެ. މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ އެކަމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މި މަސައްކަތް އަވަސްކޮށް ޓޫރިޒަމުން ހުސްވާ ބިދޭސީންގެ ވަޒީފާ ތަކަށް ދިވެހިން "ރިޕްލޭސް" ކުރެވޭނެ ގޮތް ވެއްޖެނަމަ މިކަންވާނީ ރާއްޖެއަށް ލިބިގެންދާނެ ފުރުސަތަކަށެވެ. އެކަމަކު މީގެ އެއްވެސް ކަމެއްވާނީ ދުރާލާ މަސައްކަތްކޮށްގެންނެވެ. ސުވާލަކީ ރާއްޖެއަށް އެކަން ކުރެވޭނެ ހެއްޔެވެ؟ އެކަމަށް އޮތް ޕްލޭންނަކި ކޮބައި ހެއްޔެވެ؟