"ބަޖެޓުގައި މިރަށުގެ އެއާޕޯޓް ހެދުމަށް ނެތް ނަމަވެސް، މިއަހަރު އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. ގާނޫނީ އިމުގެ ތެރެއިން ކަނެ ކުރެވޭ ގޮތް އިރާދަކުރެއްވިއްޔާ ހޯދާނަން،" ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ތ. ގުރައިދޫގައި އެއާޕޯޓް އަޅަން ހިމަނާފައި ނެތް ނަމަވެސް މި އަހަރު އެ މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
އަތޮޅުތަކުގެ ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ ތ. އަތޮޅަށް ވަޑައިގެންފަ އެވެ. ދަތުރުފުޅުތައް ގުރައިދޫ އިން ފެއްޓެވީ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އިންސަތައެއް އެމަނިކުފާނަށް ހޯދައި ދިނީ އެރަށުން ކަމަށްވާތީ އެވެ. އެންމެ ބޮޑު އިންސައްތަ ލިބޭ ރަށަކަށް ފުރަތަމަ ވަޑައިގަތުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.
އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރަށް ލަފާކުރާ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއިރު، އިންތިގާލީ މަރުހަލާގައި ނިމިދިޔަ ސަރުކާރުން ދިނީ ވަރަށް ކުޑަ ވަގުތު ކޮޅެއް ކަމަށެވެ. އެހެންވެ މިއަހަރު ކުރަން ބޭނުންވި ގިނަ ކަންކަން ބަޖެޓްގައި ހިމެނިފައި ނުވާ ކަމަށެވެ.
ނަމަވެސް، ރިޔާސީ އިންތިހާބު ތެރޭގައި ގުރައިދޫއަށް ވެވަޑައިގަތް ވައުދު ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އޭގެ ތެރެއިން ފުރަތަމަ މަސައްކަތަކީ އެއާޕޯޓް އެޅުން ކަމަށާއި، މި އަހަރު އެ މަޝްރޫއު ފައްޓަވައި ދެއްވާނެ ކަމަށެވެ.
"ބަޖެޓުގައި މިރަށުގެ އެއާޕޯޓް ހެދުމަށް ނެތް ނަމަވެސް، މިއަހަރު އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭ ގޮތް އިރާދަކުރެއްވިއްޔާ ހޯދާނަން،" ރައީސް ވިދާޅުވި އެވެ.

ބަޖެޓުގައި ނެތިސް ފުށިދިއްގަރުފަޅު ހިއްކަމުންދާ ކަން މިސާލެއްގެ ގޮތުގައި ރައީސް ފާހަގަ ވެސް ކުރެއްވި އެވެ. އެ މަޝްރޫއު ބަޖެޓްގައި ހިމެނި ނަމަވެސް ކުރީ ސަރުކާރުން އެކަން އުނިކޮށްފައިވާ ކަމަށާއި، ނަމަވެސް އެ މަޝްރޫއު ފެށީ ގާނޫނީ ގޮތުން އެހެން ގޮތެއް ހޯދައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ގުރައިދޫގެ މަގުތައް ހެދުމާއި ހޮސްޕިޓަލުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ގައުމުގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، ކުރިއަށް ހުރި ކަންކަން ކުރެވޭނީ އެ ހާލާތަށް ވިސްނައިގެން ކަމަށް ވިދާޅުވި އެވެ.
"ނިމިދިޔަ ސަރުކާރުން ވާރުތަވީ އިގްތިސޯދީ ހާލަތު އެހެން އޮތްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. ދުވަހަކުވެސް ރާއްޖޭގެ ހާލަތު ނުވެއްޓޭ ހިސާބަށް އޮތީ ވެއްޓިފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމަށް ވިސްނައިގެން ރަށްރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ރާވައިގެން ރަށްރަށުގައި ކުރަން ވައުދުވެވަޑައިގަތް ކަންކަން ކޮށްދެއްވާނެ ކަމަށެވެ.